މަރުގެ ހުކުމް އިއްވާފައި ހުރި މީހަކު ލަންކާގެ މަޖިލިސް މެންބަރުކަމުގެ ހުވާކޮށްފިއެވެ.
މީހަކު މެރިކަމުގެ ދައުވާ ސާބިތުވެ މެރުމަށް ކޯޓުން ހުކުމްކޮށްފައިވަނީ ލަންކާގެ މަޖިލިސް މެންބަރު ޕްރެމަލާލް ޖަޔާސެންކަރަ އެވެ.
ޖަޔާސެންކަރަ މަޖިލީހަށް ހާޒިރުވެފައި ވަނީވެސް ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުންނެވެ. ލަންކާގެ އާ މަޖިލީހުގެ ގިނަ ޖަލްސާތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ބާއްވާފައިވާއިރު ޖަޔާސެންކަރަ އަށް މަޖިލީހަށް ހާޒިރުވުމަށް ހުއްދަ ލިބިފައިވަނީ ކޯޓުގެ ހާއްސަ އަމުރަކާ އެކުއެވެ. ކޯޓުން ވަނީ މެމްބަރެއްގެ ހުރިހާ އިނާޔަތްތަކެއް ޖަޔާސެންކަރަ އަށް ލިބޭނެކަމަށް ނިންމައިފައެވެ.
45 އަހަރުގެ ޖަޔާސެންކަރަ ވަނީ މިދިޔަމަހު ފަސްވަނަ ދުވަހު ބޭއްވި އެގައުމުގެ އާންމު އިންތިހާބުގައި ވާދަކޮށް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.
ލަންކާގެ ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީއަށް ނިސްބަތްވާ އެ މެމްބަރުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރު ލަންކާގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ފަރާތަކަށް ބަޑިން ހަމަލާދީ މެރުމުގެ އިތުރުން އިތުރު ދެމީހަކަށް އެހަމަލާގައި އަނިޔާ ވުމާ ގުޅިގެން ހިންގި ތަހުގީގުގައި އެކަން ސާބިތުވުމާ ގުޅިގެންނެވެ.
ޖަޔާސެންކަރަ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ މުޒާހަރާކޮށްފައެވެ. ބައެއް މެންބަރުން ވަނީ މަޖިލިސް ޖަލްސާ ދޫކޮށް ގޮސްފައިކަމަށް އެގައުމުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ލަންކާގައި 1976ގެ ފަހުން މަރުގެ ހުކުމް އިއްވި ނަމަވެސް ތަންފީޒުކުރުން ވަނީ ހުއްޓާލައިފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ