މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ

ފެން ރައްކާކުރާ އިތުރު ދެ ތާންގީ އެމްޑަބްލިޔުއެސްސީން މާލޭގައި ބަހައްޓަނީ

އަލީ ޔާމިން

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ "ވޯޓާ ސެކިއުރިޓީ ޕްލޭނިން"ގެ ދަށުން މާލޭގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ކުންފުނީގެ މެނޭޖްމެންޓުގެ ބޭފުޅުންނެވެ.

އެމްބަޑްލިޔުއެސްސީިން ބުނީ މި ދެ ތާންގީ ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަންބަރު ކޮށީގައި ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ މާލޭގައި އެކުންފުނިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން ދެ ތާންގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށް ޕަމްޕް ރޫމެއް ގާއިމުކުރާނެއެވެ. އަދި އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީއަކު ވެސް 13،648 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ، މި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގައި ފެން ރައްކާކުރެވޭ މިންވަރު 50،296 ކިއުބިކް މީޓަރަށް އިތުރުވެގެން ދާނެ ކަމަށެވެ.

ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

ގްރޭޓާ މާލޭ ރީޖަން ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމުކޮށްފައެވެ. އަދި މާލެ-ހުލުމާލެ ބުރިޖު މެދުވެރިކޮށް އެމްޑަބްލިއުއެސްސީން އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.