(05 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ޒަރުބަޚުތު އަނެއްކާވެސް އިރުކޮޅެއްގެފަހުން އާދުމާނުގެ ނޯކަރާ ދިމާޔަށް ވިދާޅުވިއެވެ. "އަހަރެން ޒަޚަމުވެފައި ހުރިކަމުގައިވިޔަސް އަހަރެންގެ އަސް މިތާނގައި އޮތްނަމަ އެކަމަށް ފަރުވާލެއް ނުބަހައްޓައި ފިލައިގެންދާން މަސައްކަތް ކުރީމުހެވެ. ކަލޭ މިތާނގައި މަޑުކުރާކަށެއް މަޖުބޫރުކަމެއް ނެތެވެ. އަހަރެމެންގެ ފާޖު ފިލައިގެން ދިޔައިރު ކަލޭ މިތަނުން ދާން މަސައްކަތްނުކުރީ ކީއްވެގެން ހެއްޔެވެ؟"
"އަޅުގަނޑަކީ އާދުމާނުގެ ނޯކަރަކީމެވެ. އޭނާ އަމުރުކުރައްވައިފައިވަނީ މިގޭގައި ހުންނާށެވެ. އެހެންނޫނަސް މަދާއިނުން ބޭރަކު އަޅުގަނޑު ޙިމާޔަތް ހޯދާނެތަނެއް ނެތެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސާމެދަކު އަޅުގަނޑު ބިރެއް ނުގަނެއެވެ. އަޅުގަނޑު ޤަތުލު ކުރުމުން އެމީހުންނަށް ލިބޭނެ ފައިދާއަކީ ކޮބައިތޯއެވެ. އަޅުގަނޑު ބިރުގަންނަނީ މަނިކުފާނާ މެދުގައެވެ."
ޒަރުބަޚުތު ސުވާލު ކުރެއްވިއެވެ. "އަހަރެންގެ ކޮއްކޮ މަދާއިނަށް ވަޑައިނުގެންނެވީ ކީއްވެގެންކަން އާދުމާނު ވިދާޅެއް ނުވޭހެއްޔެވެ؟"
"ސާހިބާއެވެ! އޭނާ ހުންނެވީ އެކަމަނާ ވަޑައިނުގެންނެވީތީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ. އޭނާ ވިދާޅުވިގޮތުގައި ހަވީރުވުމުގެ ކުރީން ކޯރު ހުރަސްކުރައްވަން މަނިކުފާނުގެ ކޮއްކޯފުޅުގެ އަރިހުގައި އޭނާ ވަރަށްބޮޑަށް ބާރުއަޅުއްވައި ވިދާޅުވިއެވެ. މަނިކުފާނުގެ ހާލުކޮޅު ކިހިނަކުންތޯއެވެ. މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ނޫންކަމުގައިވާނަމަ އަލުން ބޭސްގުޅައެއް އަރުވަން ކާއޫސު ދިޔައީ ބުނެފައެވެ."
"ނޫނެކެވެ. މިހާރަކު އަހަރެން ބޭހެއް ބޭނުމެއް ނޫނެވެ."
ކޮންމެވެސް މީހެއް ބޭރު ދޮރޯށީގައި ޓަކިދީފިއެވެ. ނޯކަރު ސިއްސައިގެން ދިޔުމާއެކު ބުނެފިއެވެ. "ސާހިބާއެވެ! މީހަކު ދޮރޯށީގައި އެބަ ޓަކިދެއެވެ."
ޒަރުބަޚުތުގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ.
ނޯކަރު ފިކުރު ބޮޑުވުމާއެކު ދެންނެވިއެވެ. "ސާހިބާއެވެ. އަޅުގަނޑުމެންނަށް އެމީހުން އެތެރެޔަށް ވަނަނުދީއެއް ނުހުއްޓެވޭނެއެވެ. އެމީހުންނަށް ވަރަށް ފަސޭހައިން ފާރުމަތީން އެރިދާނެއެވެ."
ޒަރުބަޚުތު މަޑު އަޑުފުޅަކުން ވިދާޅުވިއެވެ. "ދާށެވެ. ދޮރޯށި ހުޅުވައިލާށެވެ!"
ނޯކަރު ވަރަށް ފަސްޖެހިފައިހުރެ ދޮރާ ދިމާޔަށް ހިނގައިގަތެވެ. ތަންކޮޅަކަށްގޮސްފައި އޭނާ ހުއްޓި ފަހަތަށް އެނބުރިފައި ޒަރުބަޚުތާ ދިމާޔަށް ބަލާން ފަށައިފިއެވެ.
ޒަރުބަޚުތު ވޭނީ ރާގަކަށް ވިދާޅުވިއެވެ. "ކަލެޔަކަށް އަހަންނަށް އެއްވެސް އެހީއެއް ނުވެވޭނެއެވެ. ދޮރޯށި ހުޅުވައިލާށެވެ. އަހަރެން ސިފައިންގެ މީހެއްގެ ގޮތުގައި ފުރާނަ ދީފާނަމެވެ."
ނޯކަރު ބޭރަށް ނުކުމެއްޖެއެވެ. ޒަރުބަޚުތުގެ ހިތްޕުޅާއި ސިކުނޑިފުޅަށް ބިރުވެރިކަމާއި އާރެއް ބާރެއް ނެތްކަމުގެ އިޙުސާސު ވެރިވެގެންފިއެވެ. އޭނާ އިރުކޮޅެއްވަންދެން ދޮރާ ދިމާޔަށް ބައްލަވަން އޮންނެވިއެވެ. ގޯތިތެރެއިން ބައެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާން ފެށުމާއެކު އޭނާ ލޯފުޅު މަރުއްވައިލައްވައިފިއެވެ.
"ޒަރުބަޚުތު!" ކޮންމެވެސް މީހެއް އޭނާގެ ނިތްކުރިފުޅުމަތީގައި އަތް ބާއްވައިލައިފައި އޭނާއަށް ދަންނަވައިލައިފިއެވެ.
ޒަރުބަޚުތު ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. حسّان ގެ އަރިހުގައި ބޭރުމީހަކު ހުއްޓައި ފެނިވަޑައިގެންނެވުމުން އޭނާ ޖުއްބާގެ އަތުކުރީން މޫނު ނިވާކުރައްވައިފިއެވެ.
حسّان ވިދާޅުވިއެވެ. "ޒަރުބަޚުތުއެވެ! އަޅުގަނޑަކީ حسّان އެވެ. މިހުންނެވި ބޭސްވެރިޔާ މިދުރުވީ ކަލާއަށް ބޭސްކޮޅު ހަދާންވެގެންނެވެ."
ޒަރުބަޚުތު ޖަވާބެއް ނުދެއްވިއެވެ. حسّان ސިކުންތުކޮޅެއްވަންދެން ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެއަށްފަހު އޭނާގެ އަރިހުގައި ގެންނެވި ބޭސްވެރިޔާއާ ދިމާޔަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނު މީނާ ރަނގަޅަށް ބައްލަވާށެވެ. ދުވަސްކޮޅެއްވަންދެން އަޅުގަނޑަށް މިދިމާޔަށް ނާދެވި ހިނގައިދާނެއެވެ. އެކަމަކު މީނާއާމެދު ކަލޭގެފާނުގެ ހިތްޕުޅު ހަމަޖެހިލައްވަންދެން ގަވާއިދުން ކޮންމެ ދުވަހަކުވެސް ދެއިރު ދުރުވަންވާނެއެވެ."
حسّان ދޮރާ ދިމާޔަށް އެނބުރި ވަޑައިގެންފިއެވެ. ޒަރުބަޚުތުވެސް ކަންބޮޑުވެވަޑައިގަތުމާއެކު ދޮރާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ماه بانو ގެ ޚަބަރު އައްސަވާ ހިތްޕުޅު އޭނާގެ ނަފުރަތުގެ މައްޗަށް ވެރިވެގަތެވެ. ނަމަވެސް حسّان ވަރަށް ބާރަށް ހިންގަވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. ޒަރުބަޚުތުގެ އަޑުފުޅު އޭނާގެ ކަރުފުޅުގެ ތެރޭގައި ތާށިވިކަހަލައެވެ. ހަމައެއާއެކު އޭނާގެ ހިތްޕުޅަށް އެރިއެވެ. "މިވީ މާރަނގަޅަށެވެ. حسّان ގެ އަރިހަކުން ماه بانو ގެ ވާހަކައެއް ނޭހުނެވެ. އޭނާއަށް ماه بانو ގެ ޚަބަރު އަދި އެނގިވަޑައި ނުގަންނަވަނީ ކަމުގައި ވެދާނެއެވެ. ماه بانو ވަޑައިގެންވީ ބެހެރާޝޭރުގައޭ ދެންނެވުނުނަމަ އޭނާ ސީދާ ވަޑައިގެންނެވީހީ އެތަނަށެވެ. ބެހެރާޝޭރުގައި ލޫޓުވުން ހުއްޓުމުން ماه بانو އާއި يـاسمـين އާ ފިލައިވަޑައިގަންނަވަން އަސްފަހާނަށް ވަޑައިގެންނެވީ ކަމުގައިވެސް ވެދާނެއެވެ. حسّان އެވަޑައިގެންނެވީ ماه بانو ގެ ޚަބަރު ބައްލަވަންކަން ކަށަވަރެވެ. އެކަމަކު އޭނާ އެވަޑައިގެންނެވީ ބޭސްވެރިޔަކު ގޮވައިގެންނެވެ. އަހަންނަށް ބޭސްވެރިޔަކު ބޭނުންވާކަން އޭނާޔަށް އެނގިވަޑައިގެންނެވީ ކިހިނަކުން ބާވައެވެ؟ ކާއޫސު ބެހެރާޝޭރަށް ދިޔުމުގެ ކުރީން އޭނާ ހޯދައިފައި ހުރިހައި ވާހަކަތަކެއް ދެންނެވީ ކަމުގައިވެސް ވެދާނެއެވެ."
ބޭސްވެރިޔާ ޒަރުބަޚުތުގެ ޒަޚަމުގެ ބޭސްގަނޑު ނަންގަވައި އަލުން ބޭސްއަޅުއްވައި ބަނދެލައްވައިފިއެވެ. ނަމަވެސް ޒަރުބަޚުތުގެ ސިކުނޑިފުޅުގެ އަރާރުންގަނޑުގެ ސަބަބުން ބޭސްވެރިޔާއާމެދު ސަމާލުކަމެއް ނުދެއްވެވުނެވެ. ބޭސްވެރިޔާ ޒަރުބަޚުތުގެ ޒަޚަމުގައި ބޭސްއަޅުއްވައި ބޭސްގަނޑު ބެންނެވުމަށްފަހު ބޭސް ހިއްޕަވަން އަރުވަންވީގޮތާ ބެހޭގޮތުން ނޯކަރަށް މަޢުލޫމާތު ދެއްވައިފައި ތެދުވަންނަވަން ފެއްޓެވުމުން އޭނާ ކަންބޮޑުވެވަޑައިގެން ބޭސްވެރިޔާއާ ސުވާލު ކުރެއްވިއެވެ. "އަޅުގަނޑު ޒަޚަމުވެފައިވާކަން حسّان އަށް އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟"
"ތިޔަގޮތެއް ދަންނަވާކަށެއް ނޭނގެއެވެ. އަޅުގަނޑު މިގެޔަށް ގެންނެވީ ތިމަންނާގެ ރަޙުމަތްތެރި ޒަޚަމީއަކަށް ފަރުވާކުރާށޭ ވިދާޅުވެފައެވެ."
"އަޅުގަނޑަކީ އީރާނީއެއްކަން ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ؟"
"އާދޭހެވެ. އޭނާ އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. އަޅުގަނޑު މިގެންދަވަނީ އީރާނީ ލަޝްކަރުގެ ވަރަށްމަތީ އޮފިސަރަކަށް ފަރުވާކުރުވަން ވެގެންނެވެ."
"އެހެންކަމާއެކުވެސް އަޅުގަނޑު ދިރިހުންނަން ކަލޭގެފާނު އެދިލައްވަމުތޯއެވެ؟"
ބޭސްވެރިޔާ ނަންގަތެވެ. "މިއަދުގެ ހެނދުނުން ފެށިގެން މިހައިތަނަށް އަޅުގަނޑު ވަނީ އީރާނުގެ ވިއްސަކަށް މީހުންގެ ގައިގައި ބޭސްއަޅައިފައެވެ. އަޅުގަނޑު އެދެނީ އެ އެންމެންނަށްވެސް ޝިފާ ލިބުމެވެ. ދިރިތިބުމެވެ."
"ކަލޭގެފާނު ދެކެލައްވަނީ ތިޔަބޭކަލުން އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމަ ނިމިއްޖެ ކަމުގައިތޯއެވެ؟"
ބޭސްވެރިޔާ ނުހަނު ހިތްހަމަޖެހިލެއްވުމާއެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން އީރާނާ ދެކޮޅަކަށް ހަނގުރާމައެއް ނުކުރަމުއެވެ. އަޅުގަނޑުމެން ހަނގުރާމަކުރަނީ އިންސާނުންގެ މައްޗަށް ކަލެއްކަމުގައި ދަޢުވާކުރައްވާ ރަސްގެފާނާ ދެކޮޅަށެވެ. އަޅުގަނޑުމެންނަކީ މަދާއިނުގެ އަހުލުވެރީންގެ ދުޝްމިނުންނެއް ނޫނީމުއެވެ. އެބައިމީހުންގެ ގާތަށް އަޅުގަނޑުމެން މިއައީ އަމާންކަމާއި ސަލާމަތްކަމުގެ ޚަބަރާއިގެންނެވެ. އަޅުގަނޑަށް ޔަގީނެވެ. އީރާނުގައި އިންސާނިއްޔަތުގެ އަގާއި ޤަދަރު މަތިވެރިވުން އެދޭމީހުން އަޅުގަނޑުމެންގެ ފަތަޙައާމެދު ދެކޭނީ ޚުދު އެބައިމީހުންގެ ފަތަޙައެއް ކަމުގައެވެ. ކަލާއަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. މިއަދު އިސްލާމްދީނުގެ ދިދަ ހިފައިގެން ކިސްރާގެ ކޮއިލަށް ވަންމީހުންގެ ތެރެއިން އެތަކެއްހާސް މީހުންނަކީ މީގެ އަހަރުތަކެއްގެ ކުރީން އިސްލާމްދީނަކީ ޢަރަބިކަރަޔަށްހުރި އެންމެބޮޑު ބިރުކަމުގައި ބެލިމީހުންނެވެ. މިއަދު އަޅުގަނޑުމެން ދިޖުލާކޯރުގެ އިރުމަތީގައި މިޖެހި ދިދަޔަކީ ކަލާގެ ޝަރަފެއްކަމުގައި ބައްލަވައިގެން ޖައިހޫނުކޯރުގެ (އާލޫ ކޯރު) އިރުމައްޗަށް ކަލާ އެދިދަ ނުގެންދަވާނެއޭ ބުނެވޭނީ ކާކަށްތޯއެވެ. އަޅުގަނޑުމެން މިއަދު ބަދުރާއި ހުނައިނުގެ މައިދާނުގައި މުޝްރިކުން ބަލިވި ބަލިވުމަކީ ތާރީޚުގައި ޢަރަބީންނަށް ލިބުނު އެންމެ މަތިވެރި ފަތަޙަކަމުގައި ދެކޭފަދައިންނެވެ. ހަމައެގޮތަށް ޤާދިސިއްޔާއާއި މަދާއިނުގައި ކިސްރާގެ ލަޝްކަރު ބަލިވުމަކީ ކަލާއަށް ލިބިވަޑައިގެންނެވި ފަތަޙައެއްކަމުގައި ކަލާ މާދަމާ ދެކެވަޑައެއް ނުގަންނަވާނުތޯއެވެ. ކަލާއަކީ ކަލާގެ އަމިއްލަފުޅު ނަފުސާއެކު އިންސާނިއްޔަތުގެ ސަލާމަތަށްވެސް އެދިވަޑައިގަންނަވާ ބޭފުޅަކު ކަމުގައިވާނަމަ ހެނދުނުގެ އަލިކަން ނުދެކޭންވެގެން ލޯމަރައިލާ ބަދުނަސީބު މީހުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާށެވެ. އަޅުގަނޑަށް ކަލާގެ ވަސްވާސްތައް ދުރުކޮށްދެވިދާނެއެވެ. ކަލާގެ އާލާސްކަންފުޅު ރަނގަޅުވުމުން އަޅުގަނޑުމެން ހިތްހަމަޖެހިގެންތިބެ ވާހަކަ ދައްކާނީއެވެ. މިވަގުތު އަޅުގަނޑަށް އިޒުނަ ދެއްވާށެވެ."
ބޭސްވެރިޔާ އޭނާގެ ކޮތަޅު ނަންގަވައިގެން ބޭރަށް ނުކުންނަވައިފިއެވެ.
ނޯކަރު ދެންނެވިއެވެ. "ބޭރު ދޮރޯށި ތަޅުލާންވީތޯއެވެ؟"
"ނޫނެކެވެ."
"މަނިކުފާނުގެ ހާލުކޮޅު ރަނގަޅުތޯއެވެ؟"
"އަހަރެންގެ ހާލު ރަނގަޅެވެ. ކަލޭވެސް ހުންނާނީ ވަރުބަލިވެފައެވެ. ގޮސް އަރާމުކުރާށެވެ."
ނޯކަރު ބޭރަށް ނުކުމެއްޖެއެވެ. ޒަރުބަޚުތު ފިކުރުފުޅު ބޮޑުވުމާއެކު ދޮރާދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން ގޯތިތެރެއިން ބަޔަކު ހިނގާ އަޑު އޭނާއަށް އިވިވަޑައިގެންފިއެވެ. މާޔޫސްކަމާއި ހިތްޕުޅު ދަތިކަމުގެ ހުރިހާ އަނދިރިކަމެއް ކުއްލިޔަކަށް ފިލައިގެން ހިނގައްޖެއެވެ. ޖައްވު އަލިވެ ސާފުވެއްޖެއެވެ.
ماه بانو އާއި يـاسمـين އާ ދެބޭފުޅުން އެތިއްބެވީ އޭނާގެ ކުރިފުޅުމަތީގައެވެ. އެބޭފުޅުންގެ ލޯފުޅުގައި ކަރުނަފޮދު އެބަހުއްޓެވެ. ނަމަވެސް މޫނުފުޅުމަތީގައި ބިރުފުޅުގެ އެއްވެސް އަސަރެއް ނެތެވެ. ޒަރުބަޚުތު ތެދުވެވަޑައިގެން ފާރުގައި ލެނގިވަޑައިގެންފިއެވެ. އޭނާ ދެއަތްޕުޅު ދަންމަވައިލެއްވިއެވެ. ماه بانو ކުރިޔަށް ވަޑައިގެން ޒަރުބަޚުތުގެ މޭފުޅުމަތީގައި އިސްތަށިފުޅު ޖައްސައިލައްވައިފިއެވެ.
ماه بانو "ލޯބިވާ ބޭބޭފުޅާއެވެ! ލޯބިވާ ބޭބޭފުޅާއެވެ!" ވިދާޅުވެފައި ކުޑަކުއްޖަކު ފަދައިން ގިސްލައްވާން ފައްޓަވައިފިއެވެ.
ޒަރުބަޚުތު ماه بانو ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުންމަވަމުން يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. يـاسمـين ލަދުފުޅުން ހުންނަވައި ކުރިޔަށް ވަޑައިގެން ޒަރުބަޚުތުގެ އެނދުކައިރިޔަށް ހުއްޓިވަޑައިގެންފިއެވެ.
"ކަލާގެ ހާލުކޮޅު ކިހިނެއްތޯއެވެ؟" يـاسمـين މޮޅިވެރި ރާގަކަށް ސުވާލުކުރެއްވިއެވެ.
"އަޅުގަނޑުގެ ހާލު ރަނގަޅެވެ." ޒަރުބަޚުތު ކީރިތިކުރެއްވޭ އަޑުފުޅަކުން ވިދާޅުވިއެވެ. ކުއްލިޔަކަށް އޭނާގެ ލޯފުޅު ހުއްޓުނީ ދަގަނޑު ދަހަނާގައި ދޮރުމަތީގައި ހުންނެވި ޒުވާނެއްގެ މޫނުފުޅަށެވެ. ماه بانو އިސްތަށިފުޅު އުފުލައިލައްވައިފައި އެދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! އޭނާ އެނގިވަޑައެއް ނުގެންނެވި ދޮގެއްތޯއެވެ. އެއީ سُهيل އެވެ."
ޒަރުބަޚުތު ބެދިފައިވާ އަޑުފުޅަކުން ޖަވާބު ދެއްވިއެވެ. "ބޭބެއަށް އޭނާ ހަނދާން ނައްތައިލެވޭނީ ކިހިނަކުންތޯއެވެ؟"
سُهيل ކުރިޔަށް ވަޑައިގެން ޒަރުބަޚުތުގެ އަރިހަށް ހުއްޓިވަޑައިގެންފިއެވެ. ދެބޭފުޅުން އިރުކޮޅެއްވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. ޒަރުބަޚުތު އިރުކޮޅަކުން سُهيل އާ ދިމާޔަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. سُهيل، ޒަރުބަޚުތުގެ އަތްޕުޅުގައި ދެއަތްޕުޅުން ހިއްޕަވައިފައި ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! ހާލުކޮޅު ރަނގަޅުފުޅުތޯއެވެ؟" ޒަރުބަޚުތު އޭނާގެ މޫނުފުޅު މައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގެންނެވުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް ދިރިހުރެވޭކަމެއް ޔަގީނެއް ނޫނެވެ."
"ބޭބޭފުޅުގެ އަރިހަށް ބޭސްވެރިޔަކު ނާދޭތޯއެވެ؟"
"ނޫނެކެވެ. ބޭސްވެރިޔާ އަޅުގަނޑުގެ ބޭސް ބަދަލުކުރައްވައިފައި އެ ދުރުވެލެއްވީ ހަމަދެންމެއެވެ. ބޭބެ ކޮއްކޮގެ ބޭބެއަށްވެސް ޝުކުރުވެރިވަމެވެ."
"އޭނާގެ ބޭބެ މިގެޔަށް ވަޑައިގެންނެވިތޯއެވެ؟" يـاسمـين ސުވާލު ކުރެއްވިއެވެ.
"އާދޭހެވެ. ބޭސްވެރިޔާ ގޮވައިގެން ވަޑައިގެންނެވީ އޭނާއެވެ."
އެބޭފުޅުން އިރުކޮޅެއްވަންދެން ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. ކާއޫސާއި އާދުމާނުގެ ނޯކަރު ގޮނޑިކޮޅުތައް ގެނެސް އަތުރައިލުމުން އެބޭފުޅުން އިށީނދެވަޑައިގެންފިއެވެ.
ماه بانو ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! ހަވީރުވުމުގެ ކުރީން ކޯރު ހުރަސްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީމުއެވެ. ނަމަވެސް ގެއިން ނުކުމެގެން ތަންކޮޅަކަށްވެސް ނުދެވުނީސް ލުޓޭރުން އަޅުގަނޑުމެންނާ ޙަމަލަދީފިއެވެ. އަޅުގަނޑުމެންނަށް އެބުރި ގެޔަށް ވަދެވުނީވެސް ވަރަށް އުނދަގުލުންނެވެ. ރޭދެބައިވާން އުޅެނިކޮށް ލުޓޭރުން ފާރުމަތީން އަރައިގެން ގޯތިތެރެޔަށް ވަދެއްޖެއެވެ. ދޮރޯށީގައިހުރި ފާރަވެރިޔާ ޤަތުލުކޮށްލައިފިއެވެ. އަޅުގަނޑުމެން ކޯރު ހުރަސްކުރާން ގޮސްފައި އެނބުރި އައިއިރު ދެނޯކަރަކު ވަނީ ޒަޚަމުވެފައެވެ. އަޅުގަނޑުމެންނަށް ދުވާލުގެ އަލިކަން ފެންނާނެ ކަމަކަށް އުންމީދެއް ނުކުރަމުއެވެ. އެކަމަކު އަޅުގަނޑުމެންނަށް މަދަދު ކުރެއްވުމަށްޓަކައި މާތްކަލާނގެ މަލާއިކަތުންގެ ޖަމާޢަތެއް ފޮނުއްވައިފިއެވެ."
"سُهيل އާއި އޭނާގެ ބޭބެ އެޖަމާޢަތުގައި ހިމެނިވަޑައިގެންނެވިއެވެ." ޒަރުބަޚުތު ނާކާމިޔާބީ ގަބޫލުކުރައްވަމުން ވިދާޅުވިއެވެ.
ماه بانو ވިދާޅުވިއެވެ. "ލޯބިވާ ބޭބޭފުޅާއެވެ! މިބޭފުޅުން ވަޑައިނުގެންނެވިނަމަ އަޅުގަނޑުމެންނާމެދު ކަންތައް ވާނެގޮތެއް ބޭބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ."
ޒަރުބަޚުތުގެ ހަށިކޮޅުން ވާގިދޫވާގޮތް ވެއްޖެއެވެ. އޭނާގެ ހިތްޕުޅުގެ ހާލުކޮޅު އެނގުނަ ނުދެއްވުމަށްޓަކައި އޭނާ ލޯފުޅު މަރުއްވައިލައްވައިފިއެވެ.
سُهيل ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! އަޅުގަނޑު ދެން ގޮސްބަލަނީއެވެ."
ޒަރުބަޚުތު ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާގެ ތުންފަތްޕުޅު ފިއްތައިލެއްވިއެވެ. سُهيل ބޭރަށް ނުކުމެވަޑައިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު