އާންމުން ބައިވެރިވެ ސުވާލު ކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެދިއްޖެއެވެ.
މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލްއާ ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ގިނަ ޝަކުވާތައް ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންދާ ކަމަށެވެ.
އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުން ހިމެނޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާން ޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ފާހަގަކުރާ ޝަކުވާތަކަށް ބީއެމްއެލްއިން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނެއް ނުފެންނަ ކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމުގައި ދެކޭ ކަމަށެވެ.
"ވީމާ ރައްޔިތުން ބައިވެރިވެ އެބޭފުޅުންނަށް ސުވާލުކުރެވޭ ގޮތަށް. ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ..،" ހައިތަމްގެ ސިޓީގައިވެއެވެ.
ބީއެމްއެލްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން އެދިފައިވާ އިރު، ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އަދި ބައެއް އެކައުންޓްތަކުން ދެފަހަރަށް ކެނޑިފައިވާކަމުގެ ޝަކުވާތައްވެސް އާންމުން ވަނީ ކޮށްފައެވެ.
އެގޮތުން ބީއެމްއެލް އިން މިއަދު ވަނީ ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގައިފި ކަަމަށް ބުނެފައެވެ. އަދި އެއީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.
މީގެ ކުރިންވެސް ވަނީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައެވެ. އެ މައްސަލަ ފަހުން ބީއެމްއެލުން ވަނީ ހައްލުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު