މިދައުރުގައި މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، ދައުރު ނިންމާލައި ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މިއަދު ބޭއްވި މިދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އިވާ އަބުދުﷲ ވިދާޅުވީ، މިދައުރުގެ މަސައްކަތްތަކުގެ ތެރެއިން 67.6 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.
އެގޮތުން، 21 ބިލަކާއި، ސަރުކާރުން ހުށަހެޅި 18 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 11 މައްސަލައެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މެންބަރުން ހުށަހެޅުއްވި 16 ކުއްލި މައްސަލަ ނިންމާފައިވާ ކަމަށާއި، ނުވަ ގަރާރަކާއި، އެކި މައްސަލަތަކާގުޅޭ 19 ރިޕޯޓެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މި ދައުރުގައި ވަޒީފުންނާ މެންބަރު 30 ސުވާލެއް ކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނުނިމި ހުރި މައްސައްކަތްތަކުގެ ތެރޭގައި، 29 ބިލަކާއި، ހަތް ގަރާރަކާއި، ރިޔާސަތުން ހުށަހެޅި ހަތް މައްސަލައާއި ސަރުކާރުން ހުށަހެޅި މައްސަލައަކާއެކު އަށް މައްސަލަ ހިމެނެއެވެ.
ޖަލްސާ ނިންމަވާލައްވަމުން އީވާ ވިދާޅުވީ، މިދައުރުގައި މަޖިލީހުން މުހިއްމު ބިލުތަކެއް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލާއި، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރުން އެހެން ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުންފަދަ މުހިއްމު ކަންތައްތަކެއް މަޖިލީހުން ކޮށްފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް މަޖިލީހުގެ 17 ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.
ކޮވިޑް 19 ގެ ހާލަތުގައި މަޖިލީހުގެ މަސައްްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގައި މަޖިލިސް އިދާރާގެ މުވައްޒިފުން ކޮށްދެއްވި ހީވާގި މަސައްކަތްތައް ފާހަގަ ކުރައްވައި އީވާ ވަނީ އެ މުވައްޒިފުންނަށް ޝުކުރު ދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު