ކޮވިޑާ ގުޅިގެން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ދިވެހިންނަށް އެ ރޯގާއާއެކު އުޅެވޭނެ ފަސޭހަ ގަވާއިދުތަކެއް ވަގުތުން ހެދުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން އެ ކުއްލި މައްސަލަ ބަލައި ގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ، މައްސަލަ ބަލައިގަނެ ބަހުސްކުރަން ނުފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޖާބިރު ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ކޮރޯނާގެ ސަބަބުން ގައުމުގެ ބޯޑަރު ބަންދުކޮށް، ނެޝަނަލް ސްޓޭޓް އޮފް ހެލްތު އިމަޖެންސީގެ ހާލަތަށް ގައުމު ގެނެސް، ޖަޒީރާވަންތަ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ގައުމުގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާ ކުރެވުނު ކަމަށެވެ. އަދި ފުރަބަންދުގައި މީހުން ބައިތިއްބައި ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ދިވެހި އިގްތިސޯދުގެ އެންމެހާ ސިނާއަތްތައް ކުރިއަރައިދާން ހުރި ފަސޭހަ މަގުތައް ބަންދުކޮށްފައިވާ ކަމަށެވެ.
އެގޮތުން ނިއު ނޯމަލްއެއްގެ ނަމުގައި ނިމިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގައުމުގެ ކޮވިޑް ހާލަތާއި ގުޅިގެން ނިންމާ އެންމެހާ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ އިދާރާ ކަމުގައިވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ލުއިތަކެއް ދިނުމުގެ ނަމުގައި ދިން ލުއިތަކަކީ ގައުމުގެ ހާލަތަށް ރިއާޔަތްކުރުމަކާއި ނުލައި، ދިން ލުއިތަކެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ވަނީ އެކަމުގެ ސަބަބުން އަނެއްކާވެސް ގައުމުގެ އިގްތިސޯދު އަލުން އިއާދަ ކުރުމަށާއި ނެގެހެއްޓުމަށް ހުރި ދޮރުތައް ބަންދުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ ދަރަނިތައް ބޮޑުވެ، ދިރިއުޅުމުގެ އެންމެ އަސާސީ ހައްގުތަކުން މަހުރޫމް ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން އެޗްޕީއޭ އިން އެޅި ފިޔަވަޅުތައް 14 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެކަންތައް މުރާޖައާ ނުކުރާ ކަމަށާއި ކޮވިޑާއެކުގައި ނޯމަލައިސް ވެގެން ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ގައުމެއްގެ ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ދިރިއުޅުވޭނެ ފަސޭހަ މެކޭނިޒަމްއެއް ގާއިމުކުރެވޭނެ ފަދަ ގޮތަކަށް ގަވާއިދުތައް ކަނޑައެޅުމުގެ އިހްތިޔާރު ވާލްޑް ހެލްތު އޮގަނައިޒޭޝަން އިން ދީފައިވީ ނަމަވެސް ކުދި އަދި މެދު އަދި ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިތައް މަޑުޖެހިފައިވާ ކަމަށާއި ދިވެހި އިގްތިސޯދު އަލުން އިއާދަނުކުރެވޭނެ ފައްތަރަކަށް ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު