ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު، ނާއިބު ރައީސް ކަމަށް އިބްރާހިމް ރަޝީދު ގެ ނަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ ރައީސްކަމަށް އެ ދެބޭފުޅުންގެ ނަން ހުށަހެޅުއްވީވެސް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު އެވެ.
އެ ދެބޭފުޅުންގެ ނަންވެސް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ނާސިހު އާއި ރަޝީދާއެކު ހަތަރު ބޭފުޅަކު ސިއެސްސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެ ހަތަރު ބޭފުޅުންގެ ތެރޭގައި އެ ދެބޭފުޅުންގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ، ފާތިމަތު ޝަރީފާއި މުހައްމަދު ފަރުޝަތެވެ.
އެ ހަތަރު ބޭފުޅުން ސީއެސްސީގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި ހ. ޓޫހާޓްސް، މުހައްމަދު ފަރުޝަތާއި މ. ފަލްކަންގެ، މުހައްމަދު ނާސިހު ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.
ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން އެ ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އެ މެންބަރުންނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އަދި ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާ ހަވާލުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު