މެޑިކަލް ސެޓްފިކެޓް (އެމްސީ)އާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައި ވަނީ، މުވައްޒިފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކަށް މުސާރަ ލިބޭ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މަދުވެގެން 30 ދުވަހުގެ ޗުއްޓީ ދޭންވާނެ ކަަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން އަހަރަކު 30 ދުވަސް ލިބޭނެ ކަމަށާއި، ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ސަލާމް ބުނާނަމަ އެމްސީ އެއް ހޯދަށް ޖެހޭނެ ކަމަށެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް ދައުލަތުން މުސާރަ ދޭ މުވައްޒަފަކު، އެ މުވައްޒަފު ޗުއްޓީގައި ހުރި ނަމަވެސް އާންމު ގޮތެއްގައި މުސާރަ ދޭ އުސޫލުން މުސާރަ ދެވިދާނެ ކަމަށް ބުނެފައިވެ އެވެ.