މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް "ނައިޓަށް" ދެވޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދައިފިއެވެ.

ސަރުކާރުން ވެފައިވާ އެ ވައުދު ފުއްދާފައި ވަނީ، ވަޒީފާ އަދާކުރާ ފަރާތް މަސައްކަތް ކޮށް ނިމުމުން، އެ ފަރާތް މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު ލިބިދޭ މާއްދާއެއް، ވަޒީފާއާބެހޭ ގާނޫނުގައި ހިމަނައިގެންނެވެ.

ގާނޫނުގައި އެ މާއްދާ ހިމެނުމަށް، ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ. ތާއީދު ކުރެއްވީ، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، "މުވައްޒިފަކު އޭނާ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިތްގައި، ނުވަތަ ރަށުގައި، ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ހުރުމަށް، ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރު ކޮށްގެންނުވާނެ،" ކަމަށެވެ.

މުވައްޒިފަކު އޭނާ ވަޒީފާ އަދާކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ ވަޒީފާއަދާކުރާތަން ދޫކޮށް ދިއުމާއި، ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށްއަނބުރާ އައުމަށް ވަޒިފާދޭ ފަރާތުން، ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މަސައްކަތު ގަޑި ނިމުމުން މުވައްޒިފަކު، އޭނާ ވަޒީފާ އަދާކުރާތަން ދޫކޮށް ދިއުމަށް، އަދި ވަޒީފާއަށް ނުކުންނަޖެހޭގަޑިއަށް އެތަށް އަނބުރާ އައުމަށް ފުރާ ދުއްވާ އުޅަނދެއް ބޭނުން ކުރަންޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރި ކުރުމުގެ ހުއްދަ، ވަޒީފާދޭ ފަރާތުން، ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ،" ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައްވެސް، މަސައްކަތު ގަޑި ނިމުމުން އުޅަނދެއްގައި އެމީހަކު ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.