އަންނަ 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު (މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ) ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ، މަސައްކަތްތެރީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރީން ދޭން ފަށަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތަކީ ބިދޭސީއެއްނަމަ މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ގިނަވެގެން ދެ އަަހަރު ދުވަހުގެ މުއްދަތަށް މިނިމަމްވޭޖް ދިނުމަށް ވަޒީފާ ދޭ ފަރާތްތަކަށް ފަސް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން ކަމާބެހޭ ދިރާސާތައް ކުރުމަށްފަހު މިނިވަމްވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާނީ ބިލުގައި އުފައްދަން ކަނޑައަޅާފައިވާ މިނިމަމްވޭޖް އެޑްވައިޒަރީބޯޑުންނެވެ.

އެބޯޑުން މިނިސްޓަރަށް ލަފާ އެރުވުމުން ދިރާސާ ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑަައަޅަން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

މިނިސްޓަރު އެގޮތަށް ނެރޭ ފުރަތަމަ އަމުރަށް އެންމެ ލަސްވެގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަލަމުކުރަން ފަށަންވާނެ ކަމަށް ބިލުގައިވަނީ ހިމަނައިފަ އެވެ.