ވަޒީފާ އަދާކުރަން އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް މީހުން ގެނެވޭނީ 100،000 އާ ހަމައަށް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ، މިއަދު ފާސްކުރި، ވަޒީފާއާބެހޭ ގާނުނަަށް އިސްލާހު ގެނައި ބިލުުގައި ހިމަނައިގެންނެވެ.

ބިލަށް މި އިސްލާހު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. ތާއީދު ކުރެއްވީ، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ.

އެއްގައުމަކުން އެންމެ ގިނަ ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައަޅާފައިވާ މި މާއްދާގައި ބުނެފައިވަނީ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއްގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 މީހުން ކަމަށެވެ.

އެއަދަދަށްވުރެ އިތުރަށް އެއްވެސް ގައުމެއްގެ ބަޔަކަށް ވަޒީފާއަދާކުރުމަށް ހުއްދަދީގެން ރާއްޖެ ގެނެސްފައިވާނަމަ މި އިސްލާހަށް އަަމލުކުރަންފަށާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި އެ ގައައުމަށް ނިސްބަތްވާ ބިދޭސީންގެ އަދަދު 100،000 އަށް ތިރިކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.