މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސަކަށް "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން އަދި ނައިބު ރައީސަކަށް "ވަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން މިއަދު ހޮވައިފި އެވެ.

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރު ކުރިން އެމްޖޭއޭ އުފަންވި ނަމަވެސް، ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކާ ހެދި 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ކޮށްފައެއް ނުވެ އެވެ.

އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮއްވައި، ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީން ވަނީ މި މަހުގެ 13ގެ ކުރިން ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އަންގައިފަ އެވެ.

އެގޮތުން ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމަށްޓަކައި ޖަމިއްޔާގެ ހިންގާ ކޮމެޓީ އަލުން އިންތިހާބު ކުރުމަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މިއަދު ވަނީ ބާއްވައިފަ އެވެ. މީޑިއާތަކުގައި މަސައްކަތްކުރާ 130 ނޫސްވެރިންނާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ޖަލްސާގައި ހިންގާ ކޮމެޓީގެ ހަ މަގާމަށް 12 ނޫސްވެރިއަކު ވާދަކުރި އެވެ. މަގާމުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޓެލެގުރާމް މެދުވެރިކޮށެވެ.

ހިންގާ ކޮމިޓީގެ ރައީސަކަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެމްބަރު ހަމްދޫން އަދި ނައިބު ރައީސަކަށް އެމްއެމްސީގެ މެމްބަރު ރިފްޝާންގެ ހޮވުނު އިރު ހިންގާ ސެކްރެޓަރީއަކަށް، ހޮވުނީ "ސަން" އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. ބަޖެޓު ސެކްރެޓަރީއަކަށް "ޖަޒީރާ" އޮންލައިންގެ ނާޒިމް ހަސަން ހޮވުނުއިރު އާއްމު މެމްބަރުންގެ ގޮތުގައި ހޮވުނީ ފްރީލާންސް ޖާނަލިސްޓް މުހައްމަދު ޖުނެއިދު އަދި "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދެވެ.