އެއްވެސް މީޑިއާއަކުން ފިތުނަ ފަސާދަ އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މީޑިއާތައް އަޑު ނޭއްސެވުމަށް ރައްޔިތުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގެންނެވީ ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން އާންމުންގެ މީހަކު ބުނި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދަނިކޮށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވިގެންވާ ގޮތެއް ނޫން ކަމަށެވެ. އަދި އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ހަސަދަ އާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާތައް އަޑު ނޭއްސެވުން. ގަބޫލު ނުކުރެއްވުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗެނަލް 13 އިން އިއްޔެ ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފަ އެވެ.

އެ މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް އަންނަނީ ބަލަމުންނެވެ. ބްރޯޑްކޮމް އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13 އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާއި ގުޅިގެން ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.

ޗެނެލް 13 އަށް ފާޑު ކިޔުން އަމާޒުވެ އެ ޗެނަލުން ވަނީ ބެލުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށާއި އެ ޗެނަލަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ ޗެނަލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.