އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވޭ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ރިޒާގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުމެއް މާއްދަމާއަށް ތާވަލް ކޮށްފައިވަނީ މެންދުރު 1:30 އަށެވެ.

އެ ދެދައުވާގެ ތެރެއިން އެއް ދައުވާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް މި ދއުވާތައް ހުށަހަޅާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1.1 މިލިޔަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރިކަމަށް ބުނާ މައްސަލައިގައެވެ.

ރ. ފުއްގިރި ދޫކުރުމުގަިއ ހިޔާނާތް އެކުލެވޭކަމަށް ބުނާ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށްވެސް ދެ ދައުވާއެއް ކުރުމަށް ވަނީ ހުށަހަޅައިގައެވެ.

އޭގެ ތެރެއިން އެއް ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި ކުށް ސާބިތު ވެއްޖެނަމަ ހަތަރު އަހަރާއި އަށް އަހަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ހުކުމް ކުރާނެއެވެ.

މިމައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމަށް ހުކުމް ކުރެވޭނެއެވެ.

މި މައްސަލައައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް ހުސްވި އޯގަސްޓްމަހުގެ 16 ވަނީ ކްރިމިނަލް ކޯޓުގަިއ ބާއްވައިފައެވެ.

އެ އަޑުއެހުމުގައި ވަކީލުންނާ ސީދާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވާކަމަށް، ވިދާޅުވެ އެ ފުރުސަތު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ، ރައީސް ޔާމީނަށް އެ ފުރުސަތު ދެއްވުމަށްފަހު، އަޑުއެހުން ނިންމައިލެއްވިއެވެ.

އޭގެ ފަހުން އަދި އެމައްސަލައިގެ ޝަރީއަތެއް ނުބާއްވައެވެ.