ވަކީލުނާއި، އާއިލީ ބައްދަލުވުމުން ގައިދީން މަހުރޫމު ކުރުވުމަކީ، ޓޯޗަރގެ އަމަލެއްކަމަށް އެންޓިޓޯޗަރ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް، ކުރީގެ ޕްރޮސިކިއުޓާނެޖެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މިހެން ވިދާޅުވީ، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއް ގެ ދަށުން ބަންދު ކޮށްފައި
ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި، އިނާޔަތްތަކާ ބެހޭ ގަވާއިދުގައި، ގައިދީންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން ވަކި ހާލަތްތަކެއްގައި ހިފޭއްޓޭނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ފާހަގަ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރި އެ ގަވާއިދުގައި ބުނެފައި ވަނީ، ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމާއި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން؛ ނުވަތަ ލިބޭ އިންޓެލިޖެންސް މައޫލޫމާތަކާ ގުޅިގެން، ނުވަތަ ކުށެއްގެ ގޮތުގައި ޖަލުގައިބަލާކަމެއް ކުރާ ހާލަތެއްގައި، ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ ލަފާގެ މަތިން ކޮމިޝަނަރ އޮފް ޕްރިޒަންސަށް ގައިދީންނަށްދޭ އަސާސީ ބައެއް ހިދުމަތްތައްް މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހިފޭއްޓުން، ނުވަތަ ހަނިކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
އެގޮތުން އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ ހިދުމަތާއި، ވަކީލުންނާ ބައްދަލުވުމުގެ ހިދުމަތާއި، ކަސްރަތު ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމު ހަނިކޮށް، ހިފޭއްޓިދާނެ ކަމަށްވަނީ ބުނެފައެވެ.
މީގެ އިތުރުން ގައިދީން ބައިތިއްބާ ތަންތަންނާއި މަސައްކަތްކުރާ ތަންތަނުގައި، އެ މީހުން ނިދުމަށް ކަނޑައަޅައިފައިވާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި، އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލި ވަންނަ ގޮތަށް ހުންނަންވާނެ ކަމަށާއި، ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ވެންޓިލޭޝަންގެ ނިޒާމު ގާއިމުކޮށް، ވައި ދައުރުވާ ގޮތަށް ހުންނަންވާނެކަމަށް ބުނެފައިވާ ހިދުމަތްތައްވެސް ހުއްޓުވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މުހުތާޒު ވިދާޅުވީ، ގައިދީންނަށް ދޭންޖެހޭނެކަމަށް ކަނޑައަޅާފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ، ކަސްރަތު ކުރުމާއި، ވަކީލާ ބައްދަލުކުރުމުގެ ހިދުމަތާއި، އާއިލީ ބައްދަލުވުމާއި، ގޮޅީގެ އަލި ކަމާއި ވެންޓިލޭޝަން ހިދުމަތުން ގައިދީން މަހުރޫމް ކުރެވޭގޮތަށް ގަވާއިދު ހެދުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު