(03 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
މުޖާހިދުން ދިޖުލާކޯރުގެ އައްސޭރީގައި ފަތިސްނަމާދު ކުރައްވައިފިއެވެ. އިސްލާމްދީނަށް ނަޞްރު ދެއްވުން އެދިވަޑައިގެން ދުޢާކުރެއްވުމަށްފަހު ސަފުތައް ރުކުރުވައިލައްވައިފިއެވެ. އެލަޝްކަރުގެ ސިފައިންގެ ތެރެއިން ގިނަމީހުން މަދާއިނުގެ އިމާރާތްތައް އެދެކެނީ ޙަޔާތުގައި އެންމެ ފުރަތަމަ ފަހަރަށެވެ. އެ އިމާރާތްތަކަކީ އެތަންތާނގެ ކޮންމެ ގާބުރިޔެއްގައިވެސް ސާސާނީ ރަސްރަސްކަލުން ޖާހާއި، ހައިބަތާއި މަތިވެރިކަމުގެ ވާހަކަތައް ކަނޑައި ނެގިފައިވާ އިމާރާތްތަކެވެ. ކިސްރާގެ ހުދުގަނޑުވަރުގެ އުސްމުންނާރުތަކުން އުޑާ ވާހަކަގޮވޭހައިވެއެވެ. ޢަރަބީންގެ އާއްމު ސިފައިންގެ ނަޒަރުގައި އެތަންތަނަކީ އިންސާނުން ދިރިއުޅޭ ތަންތަނެއް ނޫނެވެ. ޖިންނީންނާއި ޕަރީންގެ ގެދޮރެވެ.
ދުވަހަކީ ބަރަކާތްތެރި ހުކުރު ދުވަހެވެ. سعـد بـن أبى وقّـاص رضى اللّـه عنــه މުސްލިމުންނަށް ދެއްވައިފައިވާ އުފާވެރި ޚަބަރަކީ މާތް اللّـه ގެ އިރާދަފުޅާއެކު އެދުވަހުގެ ހުކުރު ނަމާދު ކުރައްވާނީ ކިސްރާގެ ކޮއިލުގައިކަމުގެ އުފާވެރި ޚަބަރެވެ. އެވާހަކަފުޅަކީ ތެދު ޙަޤީޤަތަކަށް ވާނެކަން ހިތުގެއަޑީން ގަބޫލުނުކުރާ ހަމައެކަކުވެސް އިސްލާމީ ލަޝްކަރަކު ނެތެވެ. އެބައިމީހުން ޤަޞްރުއަބްޔަޟާ ދިމާޔަށް ބަލަހައްޓައިގެން ތިބީ އަންތަރީސްވާފަދަ ސާބިތުކަމާ އެކުގައެވެ. ވަތަކުތޯ ޖަހައިނުލެވޭފަދަ ހިތްވަރާއި ޢަޒުމާއެކުގައެވެ. އެބައިމީހުންގެ ކުރިމަތީގައި ދިޖުލާކޯރުގެ ރާޅުތައް ހުޅިލައިފައި ބިންދަމުން ނަގަމުންދެއެވެ. ދުވަހަކީ ކޯރު ގަދަވެފައި އޮތްދުވަހެކެވެ. ކޯރުގެ އައްސޭރީގައި އީރާނުގެ ދުނިދަނޑިވެރީންނާއި އަސްވާރުންގެ ސަފުތައްވަނީ ރުކުރުވައިލައިފައެވެ. އީރާނު މީހުންވަނީ ހުރިހާ ބައްތެލިތަކެއް އެފަރާތަށް ގެންގޮސްފައެވެ. އިއްޔެގެ އިރުއޮއްސުމާއެކުގައިވަނީ ކޯރު ހުރަސްކުރާން އަޅައިފައިހުރި ފާލަންތައް އަންދައިލައިފައެވެ.
އަނެއްކޮޅުން އީރާނުމީހުން އެބައިމީހުންގެ ސަލާމަތުގެ ޖާމިނެއްކަމުގައި ބެލީ ކޯރު ގަދަވެފައި އޮތުމެވެ. ހޮޅިލައިފައި ނަގަމުންދާ ރާޅުތަކެވެ. އެބައިމީހުންގެ ބައިބޯ ލަޝްކަރުތަކެވެ. ކިއްލާތަކުގެ ވަރުގަދަކަމާއި ފާރުތަކުގެ ގަދަފަދަކަމެވެ. އެބައިމީހުންގެ ހިތަށްއަރައެވެ. ބަހެރާޝޭރާއި މަދާއިނާ ދެމެދު ވަރުގަދަ ކަނޑެއް އޮތްނަމައެވެ. ކިސްރާ ޔަޒުދުގިރުދު ބިރުފުޅުން ބެހެރާޝޭރު ހުސްކުރެއްވުމަށްފަހުގައިވަނީ އެރަސްގެފާނުގެ އަހުލުއިޔާލުންނާއި، ކަނީޒުންނާއި ޚަޒާނާ ޙުލުވާނަށް ފޮނުއްވައިފައެވެ. ޝާހީ ޚައްދާމުންގެ ހަވާލުގައެވެ. ނަތީޖާއެއްގެގޮތުން މަދާއިނުގެ އާއްމުންގެ އިތުރަށް އޭނާގެ ފާރަވެރީންގެ ލަޝްކަރުވެސްވަނީ ހިތްބިރުގެންފައެވެ. މާޔޫސުވެފައެވެ. އެބައިމީހުން ކޯރާ ދިމާޔަށް ބަލައިލަމުން ގަބޫލުކުރެވެނީ އެތައްދުވަހެއް ނުވަތަ އެތައް ހަފުތާތަކެއްގެ ފަހުން މެނުވީ މުސްލިމުންނަށް މަދާއިނަށް ޙަމަލަ ނުދެވޭނެކަމުގައެވެ. ނަމަވެސް އެބައިމީހުން އަނެއްފަރާތުގެ އައްސޭރިޔަށް ބަލައިލުމުން ފެންނަނީ ކޯރުގެ ފެންގަނޑުގައި އަސް ދުއްވުމަށާއި މަދާއިނުގެ ފާރުތަކަށް ޙަމަލަދިނުމަށްޓަކައި ކެތްތެރިކަމެއްނެތި ހަމައެކަނި މީހެއްގެ ކުޑަކުޑަ އިޝާރަތަކަށް އިންތިޒާރުކޮށްގެންތިބި ލަޝްކަރެކެވެ.
ހެނދުނުގެ އިރުގެ އެންމެފުރަތަމަ ދޯދިތައް ޤަޞްރުއަބްޔަޟުގެ ގުއްބުތަކަށް ފެތުރޭން ފަށައިފިއެވެ. سعـد بـن أبى وقّـاص رضى اللّـه عنــه އެކަލޭގެފާނުންގެ އަސްމަތީގައި މުސްލިމުންގެ ސަފުތަކުގެ ތެރޭގައި ބުރެއް ޖައްސަވައިލައްވައިފިއެވެ. سعـد ގެފާނުގެ އިޝާރަތް ލިބިވަޑައިގެންނެވުމާއެކު عاصم بــن عمـرو رضى اللّـه عنـه އެކަލޭގެފާނުގެ ފަސްދޮޅަސް އަސްވާރުންނާއެކު ކޯރަށް އެރިވަޑައިގެންފިއެވެ. اللّـه أكبــر ގެ ނަޢުރާ ކުރައްވަމުންނެވެ. އެކަލޭގެފާނަކީ مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ދިދައިގެ ދަށުގައި މަދާއިނަށް ދަތުރުކުރާ މަގުގެ އުނދަގޫ މަންޒިލުތައް ކަޑައްތު ކުރައްވައިފައިވާ ބޭކަލެކެވެ.
قــعقـاع بــن عَمرو رضى اللّـه عنــه އެކަލޭގެފާނުގެ ހިތްވަރުފުޅުގަދަ ބޭބޭފުޅާ ތަބާވެވަޑައިގެންނެވިއެވެ. ހަސަތޭކަ އަސްވާރުން ގޮވައިގެން ކޯރަށް އެރިވަޑައިގެންފިއެވެ. ކޯރުގެ ފުން ހިސާބަށް އެބޭކަލުންނަށް ވަޑައިނުގެންނެވެނީސް سعـد بـن أبى وقّـاص رضى اللّـه عنــه އިސްލާމީ ލަޝްކަރުގެ ބާކީ ތިބި ހުރިހައި އަސްވާރުންނާއެކު ކޯރަށް އެރިވަޑައިގެންފިއެވެ. އިސްލާމީ ލަޝްކަރު ދިޖުލާކޯރުގައި ކުރިޔަށްދިޔައީ އެއްއަހުގެ ރިކާބުގައި އަނެއް އަހުގެ ރިކާބު ޖައްސައިލައިގެން ތިބެއެވެ. اللّـه أكبــر ގެ ނަޢުރާގެ އަޑު ފަލަކުތަކާ ހަމަޔަށް އުފުލަމުންނެވެ. އީރާނީން ކޯރުގެ އަނެއްފަރާތު އައްސޭރީގައި ހައިރާންވެ އާޝޯޚުވެ އިނގިލިކުރީގައި ދަތްއަޅައިގެންތިބެ ބަލަމުން ގެންދިޔައީ މާތް اللّـه ދެއްވާ ނަޞުރުގެ އަންތަރީސްވާފަދަ މަންޒަރެކެވެ. އިސްލާމީ ލަޝްކަރު ކޯރުގެ ގޮށްރާޅުތަކުގެ ތެރޭގައި ދަތުރުކޮށްފައި ދިޔައިރު ލަޝްކަރުގެ ތަރުތީބަށްވެސް ކުޑަވެސް ބަދަލެއް ނާދެއެވެ. ލަޝްކަރުގެ މެދުތެރެޔާއި، ދެފަރާތުގެ އަރިމަތީގެ ތަރުތީބުވެސް ހުރީ އެއްގަމުގައި ހަނގުރާމަޔަށް ސަފުހަދާއިރުވެސް ހަމަހުންނަގޮތަށެވެ. ކުޑަވެސް ފަރަގެއް ނާދެއެވެ. ކޯރުގެ ބޮޑެތި ފަކޫތަކުގެ ތެރޭގައިވެސްވަނީ އެނިޒާމު އޮބެހެއްޓިފައެވެ. ހިލަ ފަރުބަދަތަކާއި ވެލީގެ ސަހަރާތަކާއި އަޑިގުޑަން މައިދާންތަކުގައި އަސްދުއްވާ މީހުން އެގެންދަނީ ފެންމަތީގައި ހަނގުރާމަކުރުމުގެ ތާރީޚުގެ އާބާބެއްގެ ސުރުޚީ އަޅަމުންނެވެ. ދިޖުލާކޯރުގެ ބިޔަ ރާޅުތައް ހުދު ފޮށާއަޅައިގެން ތެދުވެއެވެ. އެކަމަކު އެހިތްވަރާއި ފަންވަރުގެ ނަމޫނާތަކާ ދިމާޔަށް ބަލައިލުމަށްފަހު އިޙުތިރާމާއެކު ތިރިވެލައެވެ. އީރާނީންނަށް އެމަންޒަރު ސިފަވީ ބިރުވެރި ހުވަފެނެއްގެ ގޮތުގައެވެ. އެމީހުން ތިބީ އާގަމަވެފައެވެ. ހުއްޓުން އަރައިފައެވެ. عاصم بــن عمـرو رضى اللّـه عنــه ގެ ގެމަތައް އައްސޭރިފަށަށް ކައިރިވުމާއެކު އީރާނީން ދެޔޯއިން އަތުވެއްޖެއެވެ. ދެޔޯއިން އަތުވެއްޖެއެވެ. ގޮވާން ފަށައިފިއެވެ. ފިލައިގެން ދިޔުމުގައި އިސްނެގީ އަސްވާރުންނެވެ. އެތަން ފެންނައިރަށް މުޅި ލަޝްކަރުގައި ސިހުމާއި ބިރުވެރިކަން އާއްމުވެއްޖެއެވެ. ނިޒާމުތައް ބޮއްސުންލައިފިއެވެ. މީހުންތައް ހާވިޔާވެއްޖެއެވެ. ފައިމަތީގައި ހަނގުރާމަކުރާ ސިފައިން އިރުކޮޅަކު ހިތްވަރުކުރިއެވެ. ކޯރަށް ފައިބައި ދުނިއުކައި ހަނގުރާމަ ކުރިއެވެ. އެކަމަކު މާތް اللّـه ނަޞުރު ބާވައިލެއްވުމުން އެކަމަށް ހުއްޓުންއެރުވޭނީ ކޮންބަޔަކަށް ކިހިނަކުންތޯއެވެ. އީރާނީންނަށް މުސްލިމުންގެ ސައިލަށް ހުއްޓުން އަރުވައެއް ނުލެވުނެވެ. ދުނީގެ ބަދަލުގައި ދުނިއުކަމުން މުސްލިމުން އެއްގަމަށް އަރާންފެށުމުން އީރާނީ ފާޖުގެ ބާކީތިބި މީސްކޮޅުވެސް ފިލަން ދުއްވައިގެންފިއެވެ.
سعـد بـن أبى وقّـاص رضى اللّـه عنــه އެއްގަމަށް އަރައިވަޑައިގެންނެވުމާއެކު ބައްތެލިފަހަރު ހޯއްދަވައިފައި ކޯރުގެ ހުޅަނގުފަރާތަށް ފޮނުއްވައިފިއެވެ. މުސްލިމުންގެ ފައިމަތީގައި ހަނގުރާމަކުރާ ފާޖު އިރުމައްޗަށް ގެންނެވުމަށްޓަކައެވެ. ހުކުރުވަގުތު ޖެހުމުގެ ކުޑައިރުކޮޅެއްގެކުރީން މުޅިލަޝްކަރު އެކަށްވަނީ އިރުމަތީ މަދާއިނަށް ގެނެވިފައެވެ. މުސްލިމުންގެ އެންމެން ވުޟޫކޮށްގެން މިސުރާބުޖެހީ ކިސްރާގެ ކޮއިލާ ދިމާޔަށެވެ.
މަދާއިނުގެ މަގުތަކާއި ބާޒާރުތައްވަނީ ފަޅުވެފައެވެ. މަދާއިނުގެ އަހުލުވެރީން ފަތަޙަ ހޯދި ލަޝްކަރުގެ ޖުލޫސު ބަލާންތިއްބެވެ. ބަންދުކޮށްފައިހުރި ދޮރޯށިތަކުގައިހުރި ބޭރުބަލާ ލޯވަޅުތަކުންނާއި، ދޮރުފަތުގެ ދޭތެރެއިންނެވެ. މާޒީގެ ތާރީޚުގައި ފާތިޙުންނާ ބެހޭގޮތުން އެބައިމީހުން އަޑުއަހައިފައިވަނީ ފާތިޙުންގެ ވަޙުޝީކަމުގެ ވާހަކައެވެ. އަނިޔާވެރިކަމާއި ލެޔަށް ފެންބޮވައިގަތުމުގެ ވާހަކައެވެ. ނާކާމިޔާބުވާ މީހުންގެ ނިކަމެތިކަމާއި އަނިޔާ ލިބޭވަރާއި، ލޭއޮހޮރިގެންދާ ގިނަކަމުގެ ވާހަކައެވެ. އީރާނީން އެބައިމީހުން މިލައިފައިވާ މޫނުތަކާއި ސިހި ބިރުގެންފައިވާ ނަޒަރުން އެކަކު އަނެކަކާ ކުރަމުންގެންދިޔަ ސުވާލަކީ ދެންވާނީ ކިހިނަކުން ބާވައެވެ؟ މި ސުވާލެވެ. އެ ސުވާލުގެ ޖަވާބުވަނީ އެހިތްވަރުގަދަ އެ އުރައްޕުހުރި އިންސާނުންގެ މޫނުމަތީގައި ލިޔެވިފައެވެ. އެބައިމީހުން ދެކެނީ ފަތަޙައަކީ މާތް اللّـه ދެއްވާ އިނާމެއް ކަމުގައެވެ. އެމީހުން ގަބޫލުކުރަނީ އެގޮތެވެ. އެބައިމީހުންގެ ބެލުންތައް ފަޚުރުވެރިކަމާއި ބޮޑާކަމާއެކު އުޑާ ދިމާޔަށް އުފުލެނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ހިތްތިރިކަމާއި މަޑުމޮޅިކަމާއި ނިއަނެތިކަމާއެކު ހުއްޓިފައިވަނީ ފައިގެ ނީވާބޮނޑިޔާ ދިމާޔަށެވެ. ބިންމައްޗަށެވެ. އެބައިމީހުންގެ ނަޢުރާއަކީ اللّـه أكبــر ގެ ނަޢުރާއެވެ. ބޮޑާކަމާއި ތިމާމެންގެ އާރާއި ބާރު ހާމަކުރުމުގެ ނަޢުރާތަކެއް ނޫނެވެ. ފާރިސީންގެ ނަޒަރުގައި މުޢުޖިޒާއަކީ ދިޖުލާކޯރު ގަދަވެފައި އޮއްވައި މުސްލިމުން ފާލަމަކާއި ބައްތެލިފަހަރަކާ ނުލައި ކޯރު ހުރަސްކުރުމެއް ނޫނެވެ. އެބައިމީހުންގެ ހައިބަ ބޮޑު ގަދަފަދަ ލަޝްކަރު ކުޑަހިނދުކޮޅެއްގެ ތެރޭގައި ބަލިވެގެން ފިލައިގެން ދިޔުމެއްވެސް ނޫނެވެ. މުޢުޖިޒާއަކީ އެބައިމީހުން ވަޙުޝީންކަމުގައި ދެކޭ ސަހަރާގެ ބަދަވީންގެ ޢަމަލުތަކެވެ. ޚުލުޤެވެ. ސުލޫކެވެ. އެ ސުލޫކުވަނީ ގަދަވާ މީހުންގެ އަނިޔާވެރިކަމާއި އިންސާފެއް ހަމައެއް ނަމައެއް ނެތުމާއި، ބަލިވާ މީހުންގެ އާރެއް ބާރެއް ނެތުމާއި ބަލިވާ މީހުނަށް ލިބޭ އަނިޔާތަކާ ބެހޭގޮތުން ޒަމާނުއްސުރެ އާއްމުވެފައިވާ ހުރިހައި ވާހަކަތަކެއް ދޮގުކޮށްފައެވެ. ފަތަޙަ ހޯދުމަށްޓަކައި މުސްލިމުންނަށްވުރެ ޖޯޝާއި ފޯރި ދެއްކި އަދި އެމީހުން ހޯދި މަތިވެރި ފަތަޙައަށްފަހު އެއަށްވުރެ ހިތްތިރި، ކެތްތެރި ބަރުދާސްތުކުރި ނިޔަނެތި ބައެއްގެ ވާހަކަ މަދާއިނުގެ މީހުން ވާހަކަޔަކުންވެސް އަޑުއަހައިފައެއް ނެތެވެ.
މުސްލިމުން ކިސްރާގެ ކޮއިލުގައި ހުކުރުނަމާދުކޮށް ނިމުމަށްފަހު سعـد بـن أبى وقّـاص رضى اللّـه عنــه ގެ ކުރިފުޅުމައްޗަށް ހުށަހެޅުނީ ސައިރަސްއާއި ދާރާގެ ގާއިމުމަގާމުން އެތަކެއް ޤަރުނުއްސުރެ ޖަމާކުރައްވައިފައިވާ ޚަޒާނާތަކާއި ނާދިރު އަގުހުރި ތަކެތީގެ ތެރެއިން މުސްލިމުންނަށް ލިބުނު ތަކެއްޗެކެވެ. ކިސްރާ ޔަޒުދުގިރުދު ވަނީ އޭގެ ވަރަށްބޮޑު ބައެއް ދުރާލައި ޙުލްވާނަށް ފޮނުއްވައިފައެވެ. އެރަސްގެފާނު ފިލައިވަޑައިގެންނެވިއިރުވެސް ވަނީ ބައިވަރުތަކެއް ގެންދަވައިފައެވެ. އެހެންކަމާއެކުވެސް މުސްލިމުންނަށް ލިބުނު ތަކެތިވެސް ހިސާބުކޮށް އަގުމަގުކުރެވޭ ވަރަށްވުރެވެސް ގިނައެވެ. ނާދިރު ތަކެތީގެ ތެރޭގައި އީރާނުގެ ޤަދީމީ ރަސްރަސްކަލުންގެ ކަނޑިކޮޅުތަކާއި ޚަންޖަރުކޮޅުތަކާއި އަގުހުރި ހެދުންކޮޅުތައް ހިމެނެއެވެ. ހަމައެފަދައިން އިރުމައްޗާއި ހުޅަނގުގައި ތިއްބެވި އީރާނުގެ ޑޯލާރަސްރަސްކަލުންގެ ހަނދާނީ އެއްޗެހިކޮޅުތައްވެސް ވަރަށްގިނައިން ހުއްޓެވެ. އަލިމަހާއި، މުތީއާއި ރަންރިހީގެ ކަންވާރުތަކާއި ކަމްޚުވާބު ފޮތީގެ ފަރުދުތަކާއި ޝާހީ ޚަޒާނާގެ ރަންރިހީގެ ފުނިފުނިވަރު ޖަމާކުރެވުނެވެ. އޭގެތެރެއިން އެންމެ އަގުހުރި އެއްޗަކީ ފަސްދޮޅަސް ގަޒުގެ ދޫލައެކެވެ. އެ ދޫލަޔަކީ އޭގެ ޒާތުގައި ބަގީޗާއެކެވެ. އެދޫލައިގެ ބިންގަނޑަކީ ރަނެވެ. ވެޔޮތައް ހަދައިފައިހުރީ ޒުމައްރަދުންނެވެ. ގަސްތައް ހަދައިފައިހުރީ ރަނާއި ރިހީންނެވެ. މާކޯޅިތަކާއި މަލާއި މޭވާ ހަދައިފައިހުރީ ފަށުތްވާއި ޖަވާހިރާއި މުތީންނެވެ. ކޯރުތައް ހަދައިފައިހުރީ ޕިކުރާޖުން (ރީނދޫކުލައިގެ އަގުހުރި ހިލައެއް) ނެވެ.
قــعقـاع بــن عَمرو رضى اللّـه عنــه އެކަލޭގެފާނުގެ ބައެއް ގެމަތަކާއެކު އީރާނީންގެ ފިލައިގެންދިޔަ ލަޝްކަރުގެ ފަހަތުން ވަޑައިގެން އަތުލައްވައިގެން ގެންނެވި ތަކެތީގެ ތެރޭގައި ކިސްރާ އަނޫޝިރުވާނުގެ ތާޖާއި ރަނުން އަތްކަން އަޅައިފައިވާ ޖުއްބާކޮޅުތަކާއި އުޅާފުޅާއި ކިސްރާ ޕަރުވޭޒާއި ޚާގާނާއި ނުޢުމާން ބިން މުންޛިރުގެ ކަނޑިކޮޅުތައް ހިމެނެއެވެ. އޭގެއިތުރަށް ރަނުގެ އަހަކާއި ރިހީގެ ޖަމަލެއްވެސް ހިމެނެއެވެ. އަހުގެ ލަގަން ތައްޔާރުކޮށްފައިވަނީ ރިހީންނެވެ. އަހުގެ މޭމަތީގައިހުރީ ޔާގޫތާއި ޒުމައްރަދު ޖަހައިފައެވެ. އަސްމަތީގައި އިން ސަވާރު ހަދައިފައިވަނީ ރިހީންނެވެ. ސަވާރުގެ ބޮލުގައިއޮތް ރަނުގެ ތާޖުގައި ހުރީ އަލިމަހުން އަތްކަން އަޅައިފައެވެ. ރިހީގެ ޖަމަލުގެ ދާނުގޮނޑި ހަދައިފައިވަނީ ރަނުންނެވެ. ލަގަނުގައި ހުރީ އަލިމަހާއި މުތީ ޖަހައިފައެވެ. ރަނުން ހަދައިފައިވާ ސަވާރުގެ ބޮލުން ފެށިގެން ފަޔާއެކު ވަނީ ޖަވާހިރުން ޒީނަތްތެރިކޮށްފައެވެ.
މިއީ އެމުދާތަކެއް ޖަމާކުރުމަށްޓަކައި އީރާނުގެ ރަސްރަސްކަލުން ވޭތުވެދިޔަ ޤަރުނުތަކުގައި އިރުމައްޗާއި ހުޅަނގުގެ އެތަކެއް ޤައުމުތަކެއް ތަޅުއްވައި ސުންނާފަތިކުރައްވައި އެއްފުށް އަނެއްފުށަށް ޖައްސަވައިލެއްވި މުއްސަނދިކަމުގެ ބައިކުޅަބައެކެވެ. ރަނާއި ރިހީގެ އެފުނިވަރުތަކުގެ ތެރޭގައި ހިމެނޭ ވިދައިބަބުޅާ އަލިމަސްތަކާއި ޖަވާހިރުތަކާއި ރަންރިހީގެ ކޮންމެ އެތިކޮޅަކީ އެތަކެއް ރަށްރަށާއި އަވަށްއަވަށް ހަލާކުކޮށް ވީރާނާކޮށްލެވުނުގޮތުގެ ތާރީޚެވެ. އެތަކެތި ޖަމާކޮށް އެއްކުރި ސަހަރާވީ ބަދަވީންގެ އެކަކުވެސް އެއިން އެންމެ ރެވިއޮށްޓަރެއްގެ މިންވަރުވެސް ފޮރުވައިފައެއް ނުވެއެވެ. އެމީހަކަށް ފެނުނު ކޮންމެ އެއްޗެއް ހަމަހުރިގޮތަކަށްވަނީ ލަޝްކަރުގެ އަމީރުގެ އަރިހަށް ހުށަހަޅައިފައެވެ.
سعـد بـن أبى وقّـاص رضى اللّـه عنــه ޣަނީމާ މުދަލުގެ ފަސްބައިކުޅައެއްބައި ބައިތުލްމާލަށް ނެންގެވުމަށްފަހު ބާކީބައި މުޖާހިދުންނަށް ބައްސަވައިދެއްވައިފިއެވެ.
+ + + + +
ޒަރުބަޚުތު ގަދަ އަވަހާރަފުޅަކުން ހޭފުޅުލެއްވުނުއިރު ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. ބޭރަށްއޮތީ އަވިދީފައެވެ. އޭނާއަށް ހީފުޅުވީ އޭނާގެ މޭފުޅަށް އެތައްހާސް ތީރުތަކެއް އެއްފަހަރާ އައިސް ހެރުނުހެންނެވެ. އޭނާ ކާއޫސަށް ވިދާޅުވާން ފައްޓަވައިފިއެވެ.
ކާއޫސުގެ ބަދަލުގައި ކޮޓަރިއަށްވަނީ އާދުމާނުގެ ނޯކަރެވެ. އޭނާ ބުންޏެވެ. "ސާހިބާއެވެ! ކާއޫސު ގެއަކު ނުއުޅެއެވެ."
"އޭނާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟" ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ސުވާލުކުރެއްވިއެވެ.
"ސާހިބާއެވެ! އޭނާ ބުނީ މަނިކުފާނުގެ ކޮއްކޯފުޅުގެ ޚަބަރު ބަލަންދަނީ ކަމުގައެވެ."
"އޭނާ ދިޔައީ ކޮންއިރަކު ހެއްޔެވެ؟"
"ސާހިބާއެވެ. އޭނާ ދިޔަތާ ލައްކައިރު ވެއްޖެއެވެ. ހެނދުނު ޢަރަބީން ކޯރު ހުރަސްކުރުމުން އަޅުގަނޑު ދޮރޯށީގެ ބޭރުގައި ފޯރިޔަށްނުހުރެ އެތެރެޔަށް ވަދެއްޖައީމެވެ. އަޅުގަނޑު..."
"މުސްލިމުން ކޯރު ހުރަސްކޮށްފިހެއްޔެވެ؟" ޒަރުބަޚުތު ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.
"އާދޭހެވެ! އަޅުގަނޑުމެންގެ ފާޖު ފިލައިގެން ހިނގައްޖެއެވެ. އަޅުގަނޑު މަނިކުފާނަށް ދަންނަވާން އުޅުނީމެވެ. އެކަމަކު ކާއޫސު އެކަން މަނާކުރީއެވެ."
"ކަލޭ ތިޔަބުނީ ދުޝްމިނުން މިރަށަށް އަރައިފިއޭހެއްޔެވެ؟"
"އާދޭހެވެ! މިއަދު މަނިކުފާނު ވަރަށްގިނައިރު އަވަހާރަފުޅު ލައްޕަވައިފީމުއެވެ. ކޯރުގެ އައްސޭރީން ހަނގުރާމަ ނިމުމާއެކު ކާއޫސު ބޭރަށް ނުކުމެއްޖެއެވެ.
ރޭގައި މަނިކުފާނު އަވަހާރަފުޅު ލެއްޕެވިފަހުން އާދުމާނު ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ދުޝްމިނުންގެ ފާޖު ކޯރުގެ އައްސޭރިޔަށް ޖަމާވަމުން އެބަދެއެވެ. މިހިސާބުގަނޑު ރައްކާތެރިޔެއް ނޫނެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ އެނބުރިވަޑައިގެން ރައްކާތެރި ހިސާބަކަށް މަނިކުފާނު ގެންދަވާނަމެވެ. އެކަމަކު އޭނާ އޭގެފަހަކުން ވަޑައެއް ނުގަންނަވައެވެ. ކާއޫސު ތަކުރާރުކޮށް ބުނީ މިތާނގައި މަނިކުފާނަށް އެއްވެސް ނުރައްކަލެއް ނެތްކަމުގައެވެ. އޭނާ މުސްލިމުންނާމެދު ހުންނަނީ ވަރަށްބޮޑަށް ހިތްހަމަޖެހިގެންނެވެ. އޭނާއަކީ މަނިކުފާނަށް ހެޔޮއެދޭ މީހެއްކަން ޔަގީންފުޅުތޯއެވެ؟"
ޒަރުބަޚުތު ވިދާޅުވިއެވެ. "އޭނާ އަހަރެންގެ ދުޝްމިނަކަށް ނުވާނެއެވެ. އެކަމަކު މުސްލިމުންނާމެދު އޭނާ ހުންނަނީ ވަރަށްބޮޑު ކުށްހީއެއްގައެވެ."
ނޯކަރު ދެންނެވިއެވެ. "އަޅުގަނޑު ބިރުގަންނަނީ އިނާމު ހޯދުމުގެ ދަހިވެތިކަމުގައި އޭނާ...."
ޒަރުބަޚުތު އޭނާގެ ވާހަކަ މެދުކަނޑުއްވައިފައި ވިދާޅުވިއެވެ. "ތިޔައީ ވާނެކަމެއް ނޫނެވެ."
ނޯކަރު ދެންނެވިއެވެ. "މިގޭގެ ބޭރުގައި ދުޝްމިނުންގެ ސިފައިންގެ ދެމީހުން އެބަފޯރިމަރައެވެ. އެދެމީހުން އައީ ކާއޫސު ދިޔަތާ އިރުކޮޅެއްގެ ފަހުންނެވެ. އެމީހުން އަދިވެސް އެބަތިއްބެވެ. މަނިކުފާނު މިގޭގައި އުޅުއްވާކަން އެމީހުނަށް އެނގުނީކަމުގައި ވެދާނެއެވެ."
"އެމީހުން އެތެރެޔަކަށް ނުވަދޭހެއްޔެވެ؟"
"އާދޭހެވެ. ބޭރުދޮރޯށި ހުރީ ބަންދުކޮށްފައެވެ. އެބައިމީހުން ހުޅުވާކަށެއް މަސައްކަތެއް ނުކުރެއެވެ. އެތެރޭގައި ވަރަށްގިނަ ބަޔަކު ތިބެދާނެކަމަށް ބިރުން އެބައިމީހުންގެ އެކުވެރީންގެ އިންތިޒާރުގައި ތިބީކަމުގައި ވެދާނެއެވެ."
"ކަލޭ އެމީހުން ރަނގަޅަށް ދުށީމުހެއްޔެވެ؟"
"އާދޭހެވެ! ދޮރޯށީގެ ބޭރުބަލާ ލޯވަޅުންނާއި ދޮރުފަތުގެ ހިންމިތަކުން އެމީހުން ރަނގަޅަށް ފެނެއެވެ."
"އެމީހުންގެ ސިފަ ކިޔައިދެވިދާނެހެއްޔެވެ؟"
"އާދޭހެވެ. އެއިން އެކެއްގެ އިސްކޮޅު އަޅުގަނޑާ އެއްވަރެވެ. އަނެކަކު ތަންކޮޅެއް ކުރެވެ. އެކަކީ އޮޅަލި މީހެކެވެ. އަނެކަކު ތަންކޮޅެއް ކަޅެވެ. ދެމީހުންވެސް އަޅުގަނޑަށްވުރެ ދޮށިވާނެއެވެ."
"ކަލެޔަށް މިހިސާބުގަނޑުން ދުޝްމިނުންގެ ފާޖު ފެނޭހެއްޔެވެ؟"
"ނޫނެކެވެ. މަގުމައްޗަކުން އެކަކުވެސް ނުފެނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި އެމީހުން މިރަށް ހިފައިފިއެވެ. އަޅުގަނޑުމެންގެ ލަޝްކަރު މިތަނުން ފިލައިގެން ދިޔުމަށްފަހު އެއްވެސް ހިސާބަކުން މުސްލިމުންނަކާ ކުރިމައްޗެއް ނުލައެވެ. މުސްލިމުން މިހާރު ރަށް ބަންދުކުރަނީކަމުގައި ވެދާނެއެވެ. ރަށުގެ މީހަކު ފިލައިގެންދިޔަ ނުދިނުމަށްޓަކައެވެ. ކާއޫސު މިގެއިން ނުކުތުމާއެކު ދުޝްމިނުން އޭނާ ހައްޔަރުކުރީ ކަމުގައިވެސް ވެދާނެއެވެ. އޭނާ ބިރުން މަނިކުފާނާބެހޭ މަޢުލޫމާތު ދިނުންވެސް އެކަށީގެންވެއެވެ."
"ޒަރުބަޚުތު ހިތާމަވެރި ގޮތްކޮޅަކަށް ބައްލަވާން އިންނެވިއެވެ. އޭނާ ފެންފޮދަކަށް އެދިވަޑައިގަންނަވައިފިއެވެ. ނޯކަރު ފެންފޮދު އެރުވުމުން ދެތިން ކޯވަރެއް ހިއްޕެވުމަށްފަހު އޮށޯވެވަޑައިގެން ލޯފުޅު މަރުއްވައިލައްވައިފިއެވެ. އޭނާ އަޅުގަނޑަށް އަންގައިފައިވަނީ މަނިކުފާނު ހޭފުޅު އަރުވަން މަސައްކަތް ނުކުރުމަށެވެ."
ޒަރުބަޚުތު އަނެއްކާވެސް އިރުކޮޅެއްގެފަހުން އާދުމާނުގެ ނޯކަރާ ދިމާޔަށް ވިދާޅުވިއެވެ. "އަހަރެން ޒަޚަމުވެފައި ހުރިކަމުގައިވިޔަސް އަހަރެންގެ އަސް މިތާނގައި އޮތްނަމަ އެކަމަށް ފަރުވާލެއް ނުބަހައްޓައި ފިލައިގެންދާން މަސައްކަތް ކުރީމުހެވެ. ކަލޭ މިތާނގައި މަޑުކުރާކަށެއް މަޖުބޫރުކަމެއް ނެތެވެ. އަހަރެމެންގެ ފާޖު ފިލައިގެން ދިޔައިރު ކަލޭ މިތަނުން ދާން މަސައްކަތްނުކުރީ ކީއްވެގެން ހެއްޔެވެ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު