ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން މުހައްމަދަކީ ތިން ދައުރު އަރި އަތޮޅު ތަމްސީލުކުރެއްވި ރައްޔިތުންގެ ވަކީލެއް ކަމަށާއި އޭނާއަކީ ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް ކަމަށެވެ.
"ފެރިދޫ ހުސެއިން މުހައްމަދަކީ ތިން ދައުރު އަރިއަތޮޅު ތަމްސީލުކުރެއްވި ރައްޔިތުންގެ ވަކީލެއް. ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގެ ބޮޑު ހިދުމަތްތެރިއެއް. ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް. އާއިލީ ރަހުމަތްތެރިއެއް. މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރުކުރައްވާށި. އާމީން.،" ނަޝީދު ވިދާޅުވިއެވެ.
ހުސެއިން މުހައްމަދަކީ ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާ އަދި ސިޔާސީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، އީޑީސީގެ އެކި މަގާމުތަކުގައްޔާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ. މީޑިއާގެ ދާއިރާއަށް ބަލާއިރު، ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު އޮފް ޕްރޮގްރާމްސް ކަމާއި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަން ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގައި ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމަޔަށް ކުރެއްވިއެވެ. އާފަތިސް ނޫހުގެ ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމަޔަށް ކުރެއްވިއެވެ.
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ 2005 ވަނަ އަހަރުއެވެ.
ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 އިން 2009 އަށް އަދާކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރުކަން 2009 އިން ފެށިގެން 2019 އަށް އަދާކުރައްވައިފައެވެ. ހުސެއިން މުހައްމަދަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ވެސް މެންބަރެކެވެ.
ހުސެއިން އަވަހާރަވީ އިރު އުމުރަކީ 71 އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު