ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުގައި ވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ނިޔާވި ހަބަރު އަޅުގަނޑު އެހީ ފުން ހިތާމަޔާއެކު. ހުސެއިންއަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް،" ރައީސް ވިދާޅުވިއެވެ.

ހުސެއިން މުހައްމަދަކީ ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާ އަދި ސިޔާސީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، އީޑީސީގެ އެކި މަގާމުތަކުގައްޔާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ. މީޑިއާގެ ދާއިރާއަށް ބަލާއިރު، ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު އޮފް ޕްރޮގްރާމްސް ކަމާއި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަން ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގައި ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމަޔަށް ކުރެއްވިއެވެ. އާފަތިސް ނޫހުގެ ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމަޔަށް ކުރެއްވިއެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ 2005 ވަނަ އަހަރުއެވެ.

ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 އިން 2009 އަށް އަދާކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރުކަން 2009 އިން ފެށިގެން 2019 އަށް އަދާކުރައްވައިފައެވެ. ހުސެއިން މުހައްމަދަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ވެސް މެންބަރެކެވެ.

ހުސެއިން އަވަހާރަވީ އިރު އުމުރަކީ 71 އަހަރެވެ.