﷽‎

އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. ފަތިހާ ވެހެންފެށި ވިއްސާރައަށް ހުއްޓުމެއް އައީ ހެނދުނު ހަތެއްވެސް ޖެހި ފަހުންނެވެ. އޭރުވެސް އުދަރެސްމަތީގައި ވަނީ ކަޅު ވިލާތަކުގެ ސައިލެއް އޮޅާލާފައެވެ. ޖެހެމުންދާ ވައިރޯޅިތަކުގައިވެސް އެކުލެވިގެންވަނީ ނުސިޔާނުކަމެވެ. ވިއްސާރައިގެ ތެތްފިނިކަން ފަޒާގައި ރަސްކަންކުރަމުން ދިޔައެވެ. މެދުކެނޑުމެއްނެތި ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ވިއްސާރަ ދުވަހަކަސް މާލޭގެ މަގުތަކުން ފެންނަނީ ހަލަބޮލިކަމެވެ. ކުޑައާއި ވިއްސާރަކޯޓުގެ އެހީގައި އެމީހެއްގެ މަންޒިލަށް ދިއުމަށް ހަލުވި ފިޔަވަޅުތަކުގައި ހޭލަމޭލަވަމުންދާ މަންޒަރު ފެނެއެވެ. އެއްބަޔަކު ފައިމަގުގައެވެ. އަނެއްބަޔަކު ދުއްވާއެއްޗެހީގައެވެ. ވިއްސާރައިގެ ތޫފާނެއް ކުރިމަތިވުމުގެ ކުރިން މަންޒިލާ ހަމައަށް ވާސިލުވާން ކޮންމެ މީހަކުވެސް ބޭނުންވާ ކަހަލައެވެ.

*****

ނިދީގައި އޮތް ރުހައިމްއަށް ކަންނެތްކަމާއެކު އެސްފިޔަތައް ހުޅުވާލެވުނީ ފޯނުގެ އެލާމްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެލޯ ހަނިކޮށްލަމުން ބާލީސް ދަށުގައި އޮތް ފޯނުނަގައި އޭގެ ސްކްރީންގައި ޝަހާދަތް އިނގިލި ހިންގާލެވުނީ އެލާމް ނިއްވާލުމުގެ ބޭނުމުގައެވެ. އެއަށްފަހު އަނެއްކާ ވެސް ނިދީގެ ތެރެއަށް ފީނައި ގަނެވޭތޯ ބެލިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް އޭސީގެ އަރާމު ފިނިކަމާއި ދާނުގެ ރާހަތު ލިބޭތޯއެވެ. ހަށިގަނޑު ނިވާކޮށްފައި އޮތް ބަނާތުގެ ކަންގަނޑުގައި ހިފައި ބޮލުގައި ވެސް އަޅައިފިއެވެ.

ތެތްކަން އެކުލެވިގެންވި ބުޅި އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ނާލާ ފާޚަނާއިން ނިކުތެވެ. ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިލަމުން ކުޑަދޮރުގެ ފޮތިތައް ކަހާލިއެވެ. އޭސީގެ ފިނިކަމާއި ވާރޭގެ ތެތްފިނިކަން އެކުވެ ފުސްވެފައިވި ކުޑަދޮރުގައި އަތްތިލަ ހިންގާލެވުނެވެ. އެއާއެކު އުޑުމަތި ބަނަވެފައި އޮތް މަންޒަރު އޭނައަށް ފެނުނެވެ. ލުއި ހިނިތުންވުމަކާއެކު ކުޑަދޮރަށް ހަމަލާދިނުމަށްފަހު ހަލުވިކަމާއެކު ތިރިއަށް ފައިބައިގެންދާ ފެންތިކިތަކަށް ބަލަން ހުރި ނާލާގެ ނަޒަރު އެނދާއި ދިމާއަށް ދަތުރުކުރިއެވެ. އެއާއެކު އެތުންފަތުގައިވި ލުއި ހިނިތުންވުން ގެއްލިގެން ދިޔައެވެ. ތުންދަމާލަމުން އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''ރުހައިމް!، ދެން ތެދުވަން އުޅެބަލަ، ތިހެން އޮތްވާ އޮފީހަށްދާ ގަޑި ޖެހިދާނެޔޭ...'' އެނދުކައިރިއަށް ހިނގައިގަންނަމުން ލޯބިވާ ފިރިމީހާއަށް ނާލާ ގޮވާލިއެވެ. ނާލާގެ ހިލަންވުމުން ނިދީގައި އޮތް ރުހައިމްއަށް އުނދަގޫ ވިއެވެ. ބައްދާލައިގެން އޮތް ބާލީސް ގެނެސް ކަންފަތާއެކު މޫނުގައި އަޅާލެވުނީ ނާލާގެ އަޑު އޮއްބާލުމުގެ ނިޔަތުގައެވެ.

''ދެން ތެދުވެބަލަ!...'' ބަނާތުގައި ހިފައި ދަމައިގަންނަމުން ނާލާ ވާހަކަދެއްކިއެވެ. ހުސްގަޔާ އޮތް ރުހައިމްގެ ހަށިގަނޑަށް ފިނީގެ އަސަރުކުރުމާއެކު ކުރުގެޅިލެވުނެވެ. އަދި ބައިމަތިފުޅާ ހަށިގަނޑުގައި ބާރުގަދަ ދެއަތުން ވަށާލިއެވެ. އެމަންޒަރު ފެނި ނާލާ ގާތަށް ހިނިއައެވެ. ފުން ނިންޖެއްގައި އޮތް ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަޖެހުމުގެ އަސަރުތަކުން، ރުހައިމްއަށް އުނދަގޫކުރާކަށް ވެސް ނާލާ ބޭނުމެއް ނުވިއެވެ. ނަމަވެސް ވަގުތު ނުތަންވަޅުވަމުން ދާތީ އޭނައަށް އެނޫން އިތުރު ގޮތެއް ވެސް ނެތެވެ.

''ވިއްސާރަ ބޯ ނުކުރަނީސް ގަޑިއަށް ދެވޭތޯ ބަލަންވާނެޔޭ، އަހަރެން ވެސް މިއަދު ހެނދުނު ޑިއުޓީ އޮތީ...'' އުކުޅުވަޅުގައި އަތް ވިއްދާލަމުން ނާލާ ބުންޏެވެ. ރުހައިމް ނިދިން ހޭލެއްވުމަކީ ކޮންފަދަ އުނދަގޫކަމެއްކަން ނާލާއަށް އެނގެއެވެ. އެއަށްވުރެން ހަނގުރާމައިގެ މައިދާނަކަށް ދިއުންވެސް މާ ރަނގަޅުވާނެޔޭ އޭނަގެ ހިތަށް އެރިއެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެން ރުހައިމް ހޭލެއްވޭ އިރު، ގިނަ ދުވަހު އޮފީހަށް ގަޑި ނުޖެހި ދެވެނީ ކިރިޔާއެވެ.

އަތުގެ ނިޔަފަތީގައި ދަތްއަޅާލަމުން ނާލާއަށް ވިސްނާލެވުނެވެ. ސިކުނޑިއަށް އައި ޚިޔާލަކާއެކު އޭނަ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަވަސްއަވަހަށް ގޮސް އޭނަ ވަނީ ފާޚަނާއަށެވެ. އޭގެ އިރުކޮޅެއްފަހުން ނިކުމެގެން އައީ ކުޑަ ޓައްޕަކަށް ފެންއަޅައިގެންނެވެ.

''މޫނަށް ފެންނާޅަނީސް ތެދުވޭ!...'' އަތުގައި އޮތް ޓައްޕު ރުހައިމްގެ މޫނަށް އަމާޒުކޮށްލަމުން ނާލާ ބުނެލިއެވެ. އެވަގުތު ޓައްޕުގެ އަނގަމަތިން ލާފައި ތިރިއަށް ފިރުކިގެން އައި ފެންތިއްކެއް ފައިބައިގެން ގޮސް ވެއްޓުނީ ރުހައިމްގެ ކަޅުކަންގަދަ ބުމައިގެ މައްޗަށެވެ. ފެނުގެ އަސަރުކުރުމާއެކު، ސިހިފައި ރުހައިމްއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އެދެލޮލުން ނިދީގެ އަސަރު ފިލައިފިއެވެ. އަވަސްއަވަހަށް އެނދުމަތިން ހަށިގަނޑު ހިއްލާލުމަށްފަހު ގެނައި ހަރަކާތާއެކު ނާލާގެ އަތުން ފެން ޓައްޕު އަތުލައިފިއެވެ. އަދި ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ.

މަންޒަރު ބަލަން ހުރި ނާލާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކުރީ ދުވަހެއްގައި ރުހައިމް ހޭލައްވަންވެގެން މޫނަށް ފެން އަޅާލިފަހުން ރުހައިމް ބިރުގަންނަކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. ރުހައިމްގެ މޫނަށް އަރާފައިވި ސިހުމުގެ ކުލަވަރުތަކުން ނާލާގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެހެންވެއެވެ.

ނާލާއަށް ބަލަން އިން ރުހައިމްގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނާލާގެ ތުންފަތަށް ވެރިވެފައިވި ރީތި ހިނިތުންވުމާއި، ކޯތާފަތަށް އެޅިފައިވި އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ މަންޒަރު ރުހައިމްއަށް ނުހަނު ކަމުދިޔައެވެ.

''ތިކަހަލަ ޕްރޭންކްސްތައް އަހަންނަށް ކަމުނުދާކަން އެނގެއެއްނު...'' ނާލާއާ ނަޒަރު ވަކިކުރުމެއް ނެތި ރުހައިމް ބުނެލިއެވެ. މޭގައި ދެއަތް ހުރަސްކޮށްލަމުންނެވެ. ހިތްހަމަނުޖެހިއްޖެކަން އަންގާލުމަށެވެ.

''ދެން ރުހައިމް ހޭލައްވަން އިތުރު ގޮތެއް ނުފެނުނީމަ އެހެންތާ ހަދަން ޖެހޭނީ... ދެންވެސް އަވަހަށް ތެދުވަން އުޅޭ، މިހާރު ހަތްގަޑި ބައިވާން ކައިރިވެއްޖެ...'' ހެމުންހެމުން ގޮސް ނާލާގެ ކޮލުގެ މަސްތަކަށްވެސް ވާންވެއްޖެއެވެ. އޭނައަށް ކޮލުގައި ފިރުމާލެވުނެވެ. ''ދަ ވޭއި ޔޫ ރިއެކްޑެޓް ވޯސް ރިއަލީ ފަނީ... ވިޑޯއޯ ކުރެވުނު ނަމައޭ ހިތަށް އަރަނީ... ހެހެހެ...''

''އެހެންތަ؟...'' ރުހައިމްގެ ތުންފަތުގައިވި ހިނިތުންވުން ލާނެތްކަމަށް ބަދަލުވިއެވެ. ދެބުމަ އަރުވާލަމުން އޭނަ ހިފީ ނާލާގެ އަތުގައެވެ. އަދި އެއަތަށް ދަމައިލިއެވެ. އެފަދަ ކަމަކަށް ވިސްނައިގެން ނެތް ނާލާ ގޮސް ލައްވެލީ ރުހައިމްގެ ތަނަވަސް މޭގައެވެ. ދެލޯ ތަޅުގިކޮށްލެވުނު ހިނދު ރުހައިމްގެ ހޫނު ނޭވާތައް އިހުސާސްކުރެވުނެވެ. އެއާއެކު ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

ނާލާގެ އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި އިސްތަށިގަނޑާއި ވަކިކޮށްލުމަށްފަހު، އެމޫނަށް ފޭބި ބުޅިކޮޅުތައް ނާލާގެ ކަންފަތުގައި ރުހައިމް އަޅުވާލަ ދިނެވެ. އޭރު އެތޫނުފިލި ދެލޯ އަމާޒުވެފައިވަނީ ނާލާގެ މޫނަށެވެ. ނާލާ ވެސް އެސްފިޔަތައް ތަޅުވާލަމުން ދެލޯހުޅުވާލިއެވެ. ދެމަފިރިންގެ ހަތަރުކަޅިބައްދަލުވުމާއެކު ދަމާބާރެއް އުފެދިގެން ދިޔައެވެ.

ރުހައިމް އޭނަގެ އަތްތިލަ ނާލާގެ ކަނދުރާގެ ފުރަގަހުން ގެންގޮސް އޭނަގެ މޫނާއި ކައިރިކޮށްލުމަށް ގާތަށް ގެނައެވެ. ނާލާގެ ހިތް މޭގެ ތެރޭގައި ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެދެމެދުގައި އޮތް ދާއިރާ ހަނިވަމުން ދިޔަވަރަކަށް ހިތުގެ ވިންދުތައް އަވަސްވެ ނޭވާކުރުވަމުން ދިޔައެވެ. ކައިވެންޏަށް ކިތަންމެ އަހަރެއް ވިޔަސް ރުހައިމްގެ ކޮންމެ ބީހިލުމަކާއި ހަރަކާތަކުން އެހިތް އަވަސްކުރުވައެވެ. ޖަޒުބާތުގެ އޮއެވަރެއް އުފައްދާލައެވެ. ބަދަލުވުމެއް ނެތް އިހުސާސްތަކެކެވެ. އެހިތުގައި ރުހައިމް އަށްޓަކައިވާ ލޯބި އެއިން ކޮންމެ ބީހިލުކަމުން އިތުވެގެން ދެއެވެ.

''އައްޗީޑި، ހެނދުނު ތެދުވި ގޮތަށޭ ތިހިރީ، އަދި ދަތް ވެސް ނުއުނގުޅައޭ ތިހިރީ... ދެން ދޫކޮށްބަލަ...'' ނާލާއަށް ކުއްލިޔަކަށް އޭނަގެ މޫނު އަނބުރާލެވުނެވެ. އަދި ރުހައިމްގެ މޭގައި އަތް އަޅާކޮއްޕާލުމަށްފަހު އެއަތުގެ ތެރެއިން ނިކުތެވެ. ކޮޅަށް ތެދުވަމުން ނާލާއަށް މޫނަށް ގޮތެއް ހަދާލެވުނެވެ. މަންޒަރު ބަލަން އޮތް ރުހައިމް ގާތަށް އައީ ނުލަފާ ހިންޏެކެވެ. ފުންމައިގެން އޭނަ ތެދުވުނެވެ. ހުޝިޔާރުވެގެން ހުރި ނާލާ ރުހައިމްގެ އަތު ނުވާންވެގެން ދުއްވައިގަތެވެ. ނަމަވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވިއެވެ.

ނާލާގެ ހަރަކާތްތަކަށް ސަމާލުވެ ހުރި ރުހައިމް ގޮސް ނާލާގެ އަތުގައި ހިފައި އޭނަގެ ގާތަށް ދަމައިގަތެވެ. އަދި ނާލާގެ ފުރަގަހުން ބައްދާލަމުން ދަށްބަނޑުގައި ދެއަތް ވަށާލިއެވެ. އެއަށްފަހު ނާލާގެ ކަނދުރާއަށް ބޮސްދިނެވެ.

''ދެން ނޫން!...'' ދެމަފިރިންގެ ހުނުމުގެ އަޑު ކޮޓަރީގެ ތެރޭގައި ގުގުމާލިއެވެ.

''ދަރިފުޅާ ރުހައިމް!، ނާލާ!، ހޭލާތަ ތިއުޅެނީ؟...'' ކުއްލިޔަކަށް އިވިގެން ދިޔައީ ރުހައިމްގެ މަންމަ ސަކީނާގެ އަޑެވެ. ދެވަނަ ސިކުންތުގައި ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑުވެސް އިވުނެވެ.

''ލައްބަ މަންމާ...'' ހިނިގަނޑު ކޮންޓްރޯލްކުރަމުން، މައިދައިތަގެ ސުވާލަށް ނާލާ ޖަވާބު ދިނެވެ.

''ތައްޔާރުވެގެން އަވަހަށް އާދޭ، މަންމަ މިހާރު ސައިތައްޔާރުކުރަން މިދަނީ...'' ސަކީނާ ބުނެލިއެވެ. އެއަށްފަހު އޭނަ ދިޔައީ ބަދިގެއާއި ދިމާއަށެވެ.

''ކޮބާ، މަންމަވެސް އެއައީ ލަސްވެގެން، ދެން ދޫކޮށްބަލަ، ތިހެން އުޅެނިކޮށް ރުހައިމްއާއެކު އަހަރެންވެސް ގަޑި ޖެހޭނީ...'' ރުހައިމްގެ އަތް ނައްޓުވާލަން މަސައްކަތްކުރަމުން ނާލާ ވާހަކަދެއްކިއެވެ. ރުހައިމްއަށް އެންމެފަހުން މަޖުބޫރުވީ ނާލާގެ ގައިން ދޫކޮށްލުމަށެވެ. އޭގެ ކުރިން އޭނަގެ ތުންފަތް ނާލާގެ ކަންފަތާއި ކައިރިކޮށްލަމުން ބުނެލި އެއްޗަކުން ނާލާގެ ކޯތާފަތަށް ޖަންބުކުލަވެރިވެގެން ދިޔައެވެ. ރަކިވެ އިސްޖަހާލެވުނެވެ.

''ހޫނ!...'' ފުރަގަސްދެމުން ތުވާލި ހަރުގަނޑާ ދިމާއަށް ހިނގައިގަތް ރުހައިމްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ނާލާ ބުނެލިއެވެ. ލަދުގަނެ ރަކިވެއްޖެކަން ރުހައިމްއަށް އަންގާކަށް ނާލާ ބޭނުމެއް ނުވިއެވެ. އެހެންނޫންނަމަ ރުހައިމްގެ ސަމާސާތަކަށް ނިމުމެއް ނާންނާނެއެވެ.

ބުރަކަށީގައި ދިލަނަގަމުން ދިޔަ ހިސާބުގައި ފިރުމާލަމުން، ނާލާއަށް ބަލައިލަމުން އެއްމިޔަކަނިން ހިނިތުންވެލިއެވެ.

ދެފަރާތަށް ބޯހޫރާލުމަށްފަހު އެނދުމަތީ އޮތް ތުވާލި ނަގަން ނާލާ އެދިމާއަށް ހިނގައިގަތެވެ.

ތުވާލި ހަރުގަނޑު ކައިރިއަށް ހުއްޓިލުމަށްފަހު ރުހައިމް މޯޅިއަކަށް ދެމިލިއެވެ. އެއާއެކު އެކަސްރަތީ ހަށިގަނޑުގެ މަސްތަކުގެ ފުރިހަމަކަން ހާމަވިއެވެ. ގަވައިދުން ޖިމަށް ގޮސް އަދި ކުޅިވަރަށް ލޯބިކުރާކަންވެސް ހާމަވިއެވެ. ތުވާލި ނަގައި ކޮނޑުމައްޗަށް އެއްލަމުން ރުހައިމް ނާލާއަށް ނަޒަރެއް ދިނެވެ. އޭނައަށް ބަލަން ހުރި ނާލާ ފެނި އެއްލޯމަރާލިއެވެ.

''އަހަރެން ފެންވަރުވަދޭން ނާންނާނަންތަ؟...'' ރުހައިމް ސަމާސާ ރާގަކަށް ބުނެލިއެވެ.

''އެއްކަލަ ފެށީއޭދޯ، ދެން އަވަސް ކުރަން އުޅެބަލަ...'' ނާލާއަށް ދެލޯއަޅާލެވުނެވެ. ރުޅިއަންނަން ބޭނުން ވިޔަސް ރުހައިމްގެ ލާނެތް މިޒާޖުން އޭނަ ގާތަށް ހިނިއައެވެ.

''އަން!، މިޓައްޕުވެސް ހިފައިގެން ފާޚަނާއަށް ވަދޭ...'' ސައިޑް ޓޭބަލް މަތީ ހުރި ފެން ޓައްޕު ހިފައިގެން ގޮސް ރުހައިމް އަތަށް ދިއްކޮށްލިއެވެ. ޓައްޕުގައި ހިފުމުގެ ބަދަލުގައި ރުހައިމް ހިފީ ނާލާގެ އަތުގައެވެ. އިސްކޮޅުގެ ފަރަގު އެދެމެދުގައި ހުރުމުން ބޯ ތިރިކޮށްލަމުން ނާލާގެ ކޯތާފަތަށް ބޮސްދިނެވެ. އެއަށްފަހު ނާލާއަށް ހަޅޭއްލަވައިނުގަނެވެނީސް ހަލުވިކޮށް ހިނގާފައި ގޮސް ފާޚަނާއަށް ވަދެއްޖެއެވެ. މަންޒަރު ބަލަން ހެވިފައި ނާލާއަށް ހުރެވުނެވެ. އަދި އޭނަގެ ކޯތާފަތުގައި ފިރުމާލެވުނެވެ.

ފެންވަރައިގެން ރުހައިމް ނިކުންނަން ވާއިރަށް ރުހައިމްގެ ގަމީހަކާއި ފަޓުލޫނެއް ނާލާ އިސްތިރިކޮށްލިއެވެ. އަދި ހުދުކުލައިގެ ގަމީހާއި ގުޅުވާލަމުން ނޫކުލައިގެ ޓައިއެއް ވެސް ނެގިއެވެ. ކޮނޑުގައި އަޅުވާލި ފަޓުލޫނާއި، ގަމީހާއި ޓައީ ގެންގޮސް އަލަމާރީގެ އަތްގަނޑުގައި އަޅުވާލުމަށްފަހު ނާލާ އަވަސްވެގަތީ ތައްޔާރުވުމަށެވެ.

ބުޅި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަމުން ރީތިވާ މޭޒުގެ ގޮނޑީގައި ނާލާ އިށީނެވެ. ލުއި މޭކަޕެއްކޮށްލުމުން އެދޮން މޫނުގެ ރީތިކަން އިތުރުވެގެން ދިޔައެވެ. ނާލާއަކީ ޤުދުރަތުން ރީތި ސިފަތަކެއް މިލްކުކުރެވިފައިވާ ކުއްޖެކެވެ. ހިތުގެ ބަށްޓަމަށްވާ ދޮންދޮން މޫނެކެވެ. ބުރުސޫރަ އެހާމެ ފުރިހަމައެވެ. ލިބިފައިވަނީ ހިމަތޮޅި ހަށިގަނޑެކެވެ. މެދުމިނުގެ އިސްކޮޅެކެވެ. މުށިކުލައިގެ ބޮޑު ދެލޮލެވެ. ފިނިފެންމަލުގެ ފިޔަތަކުގެ ނާޒުކުކަމާއި ރީތިކަން އެކުލެވިގެންވާ ފިޔާތޮށިކުލައިގެ ތުންފަތެކެވެ. އެހުރިހާ ސިފަތަކަށް ފުރިހަމަކަމެއް ގެނެސްދެނީ ނާލާގެ ބުޅި އިސްތަށިގަނޑުންނެވެ. ނާލާގެ އެންމެ އަޅައިގަންނަ ސިފައަކީ ވެސް ވަރުގަދަ ބުޅި އިސްތަށިގަނޑެވެ. ކަޅުކަންގަދަ އިސްތަށިގަނޑުގެ ސަބަބުން ނާލާގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.

*****

''ވަރަށް ބަނަކޮށް އޮތް ދުވަހެއް، އަވަސްކޮށްލައިގެން ގޮސްފިއްޔާ ވާރޭ އޮއްސާލުމުގެ ކުރިން ދެވިދާނެ...'' ތައްޔާރުވެގެން ނާލާ ބަދިގެއަށް ދިޔަ އިރު ސުފުރާމަތި ތައްޔާރުކުރަން ސަކީނާ އުޅެއެވެ. އޭރު ސަކީނާގެ ފިރިމީހާ ފާރޫޤުވެސް ކާމޭޒުދޮށުގައި އިނެވެ. ނާލާ ފެނުމާއެކު ލުއި ހިނިތުންވުމެއް ދިނެވެ.

''ލައްބަ މަންމާ، ރުހައިމް ދެންމެ ފެންވަރަށް އެވަނީ، ބުނެފިން އަވަސްކޮށްލާށޭ...'' ސުފުރާމަތި ތައްޔާރުކުރަން މައިދައިތައަށް އެހީވެދެމުން، މައިދައިތަގެ ވާހަކައިގައި ނާލާ ބައިވެރިވެލިއެވެ.

ސަކީނާއަކީ ހިތްހެޔޮ ހުރިހާ އެންމެންނާ ގުޅޭ މިޒާޖެއްގެ އަންހެނެކެވެ. ރުޅިއައުމާއި ގަދަބަސް ބުނުމަކީ ސަކީނާގެ މިޒާޖެއް ނޫނެވެ. ނުބައި މަގަކުން ނުދާނަމަ ދަރިންގެ ދިރިއުޅުމަށް ފާޑު ކިޔުމަކީ ވެސް ސަކީނާ ގެންގުޅޭ އުސޫލެއް ނޫނެވެ. ރުހައިމް އަކީ ސަކީނާގެ އެންމެ ހަގު ދަރިފުޅުވެ. އެދަރިފުޅުގެ ކުރިން އިތުރު ދެކުދިންވެސް ލިބުނެވެ. ނަމަވެސް ދުނިޔެއަށް ނޭވާލުމުގެ ނަސީބެއް އެއިން އެއްވެސް ކުއްޖަކަށް ނުލިބުނެވެ. ދުނިޔެއަށް ލޯހުޅުވާލުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ. ވިހެއުމުގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް މިފަނާވަނިވި ދުނިޔެ ދޫކޮށް ދަނީއެވެ. ލިބެމުން ދިޔަ ހިތްދަތިމަކަށް ސަކީނާ ނުހަނު ކެތްކުރިއެވެ. މާތްﷲއަށް ދުޢާ ދެންނެވިއެވެ. ދަރިއެއް ނެތް އުނގު ފަޅުމީހެއްގެ ގޮތުގައި އޭނަ ނުލެއްވުމަށް އެދި މާތްﷲއަށް އާދޭސް ދެންނެވިއެވެ. މާތްﷲގެ ރަހުމަތުން އޭނަ އެންމެ ހިނދުކޮޅަކަށް ވެސް އުއްމީދު ކަނޑާނުލިއެވެ. އެކަމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ.

ސަކީނާގެ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ސިލްސިލާއަށް ނިމުމެއް އައީ ރުހައިމް ލިބުނު ހިސާބުންނެވެ. ހިތްދަތިކަމާއި ރިހުމުގެ ތެރޭން ހިނިތުންވެލަން ދަސްވީވެސް އެދުވަހުއެވެ. ރުހައިމް ދެކެ ސަކީނާ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެއީ އެދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ނާލާދެކެވެސް އޭނަ ލޯބި ވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އަންހެންދަރިއަކު ލިބުން އެއީ ސަކީނާ އަބަދުމެ ދެކެމުން އައި ހުވަފެނެކެވެ. އޭނަގެ އެހުވަފެން ހަޤީޤަތަކަށްވީ ނާލާއާ ރުހައިމް ކައިވެނި ކުރި ހިސާބުން ފެށިގެންނެވެ. ރުހައިމްގެ ބައިވެރިޔަކަށް އޭނަ ބެނުންވާ ހުރިހާ ސިފައެއްވެސް ފެނުނީ ހަމައެކަނި ނާލާގެ ފަރާތުންނެވެ. ކިޔަވައިގެން ހުރި ހަރުދަނާ ކުއްޖެކެވެ. ޒަމާނީ ވިޔަސް ގެވެހިއެވެ. ހިތްހެޔޮވެފައި ބޮޑެތި މީހުންނަށް އިހުތިރާމާއި ޤަދަރުކުރެއެވެ. އަބަދު އެތުންފަތުގައިވާ ހިނިތުންވުންތަކުން އެހެނިހެން މީހުންގެ ހިތްތަކަށް ވެސް ފިނިކަން ގެނެސްދޭނެއެވެ.

''މަންމައަށް އެނގެޔޭ ރުހައިމްގެ ގޮތް...'' ލުއި ހިނިތުންވުމެއް ނާލާއާއި ބައްދަލުކުރަމުން ސަކީނާ ބުންޏެވެ. ''ސްކޫލް ދުވަސްވަރުވެސް އެހާ އުނދަގުލުން ހޭލައްވަން ޖެހެނީ...''

''ހެހެހެ، މަންމަ ތިހެން ބުނީމަ ހަނދާންވެއްޖެ، އޭރުވެސް ގިނައިން ސްކޫލަށް އަންނާނީ ގަޑި ޖެހިގެން...'' ނާލާ ގާތަށް ހިނިއައެވެ. މާޒީގެ ދުވަސްތައް އާލާވިއެވެ. ނާލާއާއި ރުހައިމްގެ ލޯބީގެ ބާބު ފެށިގެން އައީ ސްކޫލް ދައުރުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ގޮސް މިއަދާ ޖެހެންދެންވެސް އެދެމެދުގައި ވަނީ ފުރިހަމަ ގުޅުމެކެވެ. ލޯތްބެކެވެ.

''މާ ވަރަކަށް ހެމުން ތިދައްކަނީ އަހަރެންގެ ވާހަކަދޯ؟...'' ކުއްލިޔަކަށް އިވިގެން ދިޔައީ ރުހައިމްގެ އަޑެވެ. އެއާއެކު ނާލާއާއި ސަކީނާގެ ނަޒަރު އަޑުއައި ދިމާއަށް ދަތުރުކޮށްލިއެވެ.

ރުހައިމް ބަދިގެއަށް ވަދެގެން އައިސް ކާމޭޒުދޮށުން ގޮނޑިއެއްގައި އިށީނެވެ. ނާލާ އަވަސްވެގަތީ ރުހައިމްއަށް ސައި ތައްޔާރު ކުރުމަށެވެ. އެއަށްފަހު އޭނަ ވެސް ރުހައިމްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ހެނދުނުގެ ސަޔަށް އިންސާފުކުރަން ފެށިއެވެ.

''ދަރިފުޅު މިހާރު އޮފީހުގައި މާބުރަކޮށް އުޅޭ ދުވަސްކޮޅެއްތަ؟، ރޭ ކެއުމުގަ ބައިވެރި ނުވާތީ ނާލާ ގާތު އެހީމަ ބުނީ އޮފީހުގައޭ......'' ތަށްޓަށް ރޮށި ފުނޑަން އުޅުނު ސަކީނާ ރުހައިމްއަށް ބަލައިލިއެވެ. މަންމަގެ ސުވާލުން ރުހައިމްގެ ހަރަކާތްތައް މަޑުޖައްސާލެވުނެވެ. އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން، އިސްއުފުލައި މަންމަގެ މޫނަށް ބަލައިލިއެވެ.

ނާލާއަށް ފޯނެއް އައިސްގެން އޭނަ ދިޔައީ ބެލްކަނިއާ ދިމާއަށެވެ. ނާލާއަށް ބަލަން އިން ސަކީނާ ރުހައިމްއަށް ނަޒަރު ހުއްޓާލިއެވެ.

''އަންނަ ހަފްތާގަ ލަންޑަންގަ އޮތް ސެމިނާއަކަށް ތައްޔަރުވާން ޖެހޭތީ އެކަމުގަ ބުރަކޮށް މިއުޅެނީ...'' ރުހައިމް ޖަވާބު ދިނެވެ.

''އެހެންތަ؟، އެކަމަކުވެސް އަވަހަށް ގެއަށް އާދެވޭތޯ ބަލަންވާނެ...'' ސަކީނާ އޭނަގެ ދަރިފުޅަށް ވިސްނައިދިނެވެ. ''ޒުވާން އުމުރުގަ ތިހާ ބުރަކޮށް މަސައްކަތުގަ އުޅޭކަށް ނުވާނެ، އަނބިމީހާއާއެކު ވަގުތު ހޭދަކުރަންވެސް ވާނެއެއްނު، މަންމައަށް ފެންނަނީ ދަރިފުޅު ޗުއްޓީއެއް ނަގަން، ނާލާއާއެކު ބޭރު ގައުމަކަށް ނޫނީ ރިސޯޓަކަށް ވިޔަސް އޭރަށް ދެވޭނެއެއްނު...''

ވަޒީފާގެ ސަބަބުން ރުހައިމްގެ ދެމަފިރިންނަށް އެކުގައި ވަގުތު ހޭދަނުކުރެވޭކަން ސަކީނާއަށް ވަނީ ފާހަގަ ވެފައެވެ. ޗުއްޓީއެއްގެ ވާހަކަ އިސްވެ ރުހައިމާއި ނާލާ ނުދައްކާނެތީ، ދުރުދުރުން އެކަމަށް އަލިއަޅުވާލަން އޭނައަށް މަޖުބޫރުވީއެވެ. އޭނަގެ ހިތުގައި މިހާރު އެދުމެއްވެސް ވެއެވެ. ނަމަވެސް އެއީ އޭނަ އަލިއަޅުވާލަންޖެހޭ މައުޟޫޢުއަކަށް ނުވުމުން އެވާހަކަތައް ދައްކަން އޭނަ ޖެހިލުންވެއެވެ. އެއީ ރުހައިމްގެ ދެމަފިރިންގެ ޒާތީ ކަމަކަށް ވާތީއެވެ. އެދެމަފިރިންގެ ދިރިއުޅުމަށް ފާޑުކިޔަން ވެސް ބޭނުން ނުވާތީ ހިތުގެ އެދުންތައް އޮއްބާލައިގެން ހުންނަނީއެވެ. ނަމަވެސް ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށް އެގުޅުން އިތުރަށް ފުރިހަމަކޮށްފިނަމަ އޭނަގެ ހިތުގެ މުރާދު ހާސިލުވެދާނެކަމުގެ ފޮނި އުއްމީދު ސަކީނާގެ ހިތުގައި އޮތެވެ.

''ޗުއްޓީގެ ކަންތައް ސެމިނާއަށްފަހު ހަމަޖެއްސޭތޯ މިއުޅެނީ...'' މަންމައާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ރުހައިމްގެ ނަޒަރު އަމާޒުވީ ނާލާއަށެވެ. އޭރު ނާލާވެސް ފޯނުން އަވަދިވެގެން ކާމޭޒުމަތީ ދެކެވެމުން ދިޔަ ވާހަކައަށް ސަމާލުކަން ހުއްޓާލައިގެން އިނެވެ. ރުހައިމް ބުނެލި ޖުމްލައިން ނާލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަވެސް ހުރީ ރުހައިމްއާއެކު ޗުއްޓީއަކަށް ދާން ބޭނުންވެފައެވެ. މިދުވަސްވަރު އޮފީހުގައި ރުހައިމް މާބުރަކޮށް އުޅޭތީ އެވާހަކަދައްކަން އޭނަ ހުރީ ފަސްޖެހިފައެވެ. ނަމަވެސް މަންމަގެ ދުލުން އެވާހަކަތައް ފެންމަތިވެ، ރުހައިމްގެ ފަރާތުން ލިބުނު އެއްބާރުލުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ.

މޭޒުމަތީ އޮތް ނާލާގެ އަތުގައި ހިފާލަމުން ރުހައިމް މަޑުމަޑުން ފިތާލިއެވެ. އަދި ރީތި ހިނިތުންވުމެއް ދިނެވެ. ނާލާވެސް ރައްދުގައި ހިނިތުންވެލިއެވެ.

''އަވަހަށް ސައިބޮއެގެން ދިޔައްޔާ ވާރޭ އޮއްސާލުމުގެ ކުރިން ދެވޭނީ...'' ބާރުވެގެން ދިޔަ ވައިރޯޅިތަކުގެ އަދުފަށްގަނޑާއެކު ސަކީނާ ގޮނޑިން ތެދުވުނެވެ. އަދި ބަދިގޭގެ ކުޑަދޮރުތައް ކައިރިއަށް ހުއްޓިލަމުން ބޭރު ބަލައިލިއެވެ. އޭރު އިހުނަށްވުރެން ވިއްސާރަ ވިލާތަކުން އުޑުމަތި އޮތީ ބަނަކޮށްލާފައެވެ. ވައިރޯޅިތަކުގައި އެކުލެވިގެންވަނީ އާދަޔާ ޚިލާފު ތެތްފިނިކަމެކެވެ.

*****

ރުހައިމްގެ ފަހަތުން ނާލާ ލިފްޓަށް އެރިއެވެ. އެންމެ ތިރީ ފަންގިފިލާގެ ފިތަށް އޮބާލުމަށްފަހު ނާލާގެ ގާތަށް ރުހައިމް ޖެހިލިއެވެ. ދެމަފިރިން ފިޔަވައި އިތުރު އެއްވެސް މީހަކު ލިފްޓްގައި ނެތެވެ. ނާލާގެ ހިމަހިމަ އުނަގަނޑުގައި ހިފާލަމުން ލާނެތް ސަމާސާއެއް ކޮށްލެވޭތޯ ރުހައިމް ބެލިއެވެ. ރަކި ހުނުމަކާއެކު ރުހައިމްގެ ފަރާތުން ސަލާމަތްވާން ނާލާ މަސައްކަތްކުރިއެވެ.

''މީހަކަށް ފެނިދާނެޔޭ...'' ރުހައިމްގެ އަތުގެ ތެރެއިން ނިކުމެވުނު ނާލާ ގޮސް ލިފްޓްގެ ކަނުގައި ހުއްޓުނެވެ.

''އަހަރުމެން ދެމީހުން އެކަނި ތިބި ތަނެއްގެ ދެން އިތުރު ކާކުތަ ހުންނާނީ؟... ޖިންނިއެއްތަ؟...'' ރުހައިމްގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެއްޖެއެވެ. އޭނަ ގޮސް ނާލާގެ ކުރިމައްޗަށް ހުއްޓުނެވެ.

''ދެން ރުހައިމް!...'' ރުހައިމްގެ މޫނު އޭނަގެ މޫނައި ކައިރިކޮށްލުމާއެކު ނާލާއަށް ބުނެވުނެވެ. އެވަގުތު ނާލާގެ ނޭފަތުގައި ޖެހުނު އާފްޓަޝޭވްގެ ހިތްގައިމު މީރުވަހުން އެތެރެއަށް ނޭފަތް ދަމައިލެވުނެވެ. ހަމައެއާއެކު ފުންނަޒަރަކުން ރުހައިމްގެ މޫނަށް ބައިލެވުނެވެ. އެފިރިހެންވަންތަ ސޫރައިން ހިތުގެ ވިންދުތަކާ ކުޅެލިއެވެ. ހާއްސަގޮތެއްގައި އެތޫނު ދެލޮލުގައިވި ވިދުވަރުން ހިންދިރުވާލުންވެސް އުނދަގޫކަމަކަށް ވެއްޖެއެވެ. ހިތުގެ ވިންދުތައް އަވަސްވެގެން ދިޔަ ވަގުތު އިޝްޤީ މާހައުލު ނުތަނަވަސްކަމަށް ބަދަލުވެގެން ދިޔައީ ފަސްވަނަ ފަންގިފިލާއާ ހަމައަށް ގޮސް ލިފްޓް ހުއްޓި، ލިފްޓްގެ ދޮރު ހުޅުވުނު ހިސާބުންނެވެ. އެއަޑަށް ރުހައިމްގެ މޭގައި އަތްއަޅައި ނާލާއަށް ކޮއްޕާލެވިއްޖެއެވެ. ރުހައިމް ގޮސް ތަތްވީ ލިފްޓްގެ ފާރާށެވެ. އެއަޑުފަށްގަނޑު މުޅި ހިސާބުގައި ގުގުމާލިއެވެ.

ކޮނޑުގައި ފިރުމާލަމުން ހުޅުވިގެން ދިޔަ ލިފްޓްގެ ދޮރާއި ދިމާއަށް ރުހައިމް ބަލައިލިއެވެ. އޭރު މެދުއުމުރުގެ އަންހެނަކު ލިފްޓަށް އަރަނީއެވެ. ލިފްޓްގެ ކަނުގައި ހުރި ނާލާއަށާއި، ކޮނޑުގައި ފިރުމަމުން ދިޔަ ރުހައިމްއަށް ފާޑަކަށް ބަލައިލަމުން އެމީހާ ލިފްޓްގެ ފިތަށް އޮބާލިއެވެ.

ރުހައިމް ނާލާއަށް ދިން ނަޒަރާއެކު ނާލާގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. ތުންފަތުގައި ދަތްއަޅާލެވުނީ ހިނިގަނޑު އޮއްބާލުމުގެ ނިޔަތުގައެވެ.

*****

''މިފަހަރު ލަންޑަންގަ އޮތް ސެމީނާ ނިމުނުހާ އަވަހަކަށް ޗުއްޓީ ނަގާނަން، އެހާއިރަށް ނާލާއަށްވެސް ހޮސްޕިޓަލުން ޗުއްޓީ ލިބޭނެދޯ؟...'' ބޭރަށް ނިކުންނަމުން ހާމައަށް އޮތް އުޑަށް ރުހައިމް އަވަސް ނަޒަރެއް ދިނެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަވެފައި ދުނިޔެމަތި ފެންނަނީ އަނދިރިކޮށެވެ. ޖެހިލާ ރޯޅިތަކުންވެސް އަންނަން އުޅޭ ތޫފާނުގެ ހިލަން ވެއެވެ.

''އާނ، އެނުއަލް ލީވްވެސް ނުނަގާ މިއުޅެނީ، މިހާރު އަހަންވެސް އަހައިފި ޗުއްޓީ ނުނަގައިގެން...'' ރުހައިމްގެ ފަހަތުން ގޮސް ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލި ނާލާ ބުނެލިއެވެ. އަދި އަތުގައި އޮތް ކުޑަ ހުޅުވާލީ ތުނިތުނިކޮށް ވާރޭ ވެހެންފެށުމުންނެވެ. ''ހާދަ ބަނަކޮށް އޮތް ދުވެހެކޭ... ވިއްސާރަ ބޯކޮށްނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު...''

''މެންދުރުގެ ކެއުމަށް މަންމަ ދައުވަތު ދީފަ އޮތްކަން އެނގޭދޯ؟... ކުރީ ފަހަރުވެސް ރުހައިމްއަށް ނުދެވުނީމަ މަންމަ އެވާހަކަދެއްކި...'' ރުހައިމް ސައިކަލު ދުއްވާލުމާއެކު ނާލާ ހަނދާންކޮށްލަދިނެވެ. މިއަދު ހެނދުނާ އޭނައަށް ގުޅީ މަންމައެވެ. މެނދުރުގެ ކެއުމަށް ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.

''އެފަހަރު މީޓިންގްއަކާ ހެދި ދެވޭ ގޮތް ނުވީ، ހާސްނުވޭ، މިއަދު ނޯންނާނެ މީޓިންގްއެއް، ނާލާއަށް ބްރޭކް ލިބުނީމަ ގުޅާ، އޭރަށް އަހަރެން ބަލާ ދާނަން، އަނެއްކާ ކޮން ވާހަކައެއް ދައްކަންތަ މަންމަ ކެއުމަށް ދައުވަތު އެދެނީ؟...'' ފެންހެދިފައި އޮތް މަގަށް ސަމާލުކަން ދެމުން ރުހައިމް ބުންޏެވެ.

''ނޭނގޭ، މަންމަގެ ވިސްނުން ހުންނަ ގޮތް އެއްގޮތަކަށް ވެސް އަހަންނަކަށް ނޭނގޭ...'' ނާލާއަށް ކޮނޑުއަރުވާލެވުނެވެ.

''ހެހެހެ، ތިބުނީ ހަމަ ތެދެއް...'' ރުހައިމް ގާތަށް ހިނިއައެވެ.

*****

''ބަލައިގެން ދުއްވައްޗޭ، އޮފީހަށް ދެވުނީމަ އަހަންނަށް މެސެޖެއް ފޮނުވައްޗޭ...'' ނާލާ ގެންގޮސް އައި.ޖީ.އެމް.އެޗްއަށް ލުމަށްފަހު ރުހައިމް ސައިކަލު ދުއްވާލުމުގެ ކުރިން ނާލާ ބުންޏެވެ. ނާލާއަށް ބަލައިލަމުން ރުހައިމް ހިނިތުންވެލިއެވެ. އެއަށްފަހު ސައިކަލު ދުއްވާލީ އޭނަގެ އޮފީހަށް ދިއުމަށެވެ. އެވަގުތު އުޑުމަތިން ރޮނގުދަމާލާފައި ދިޔަ ވިދުވަރުގެ އަލިން އަނދިރިކަން ވެރިވެފައި އޮތް މާހައުލު އަލިވެގެން ދިޔައެވެ. އެއަށްފަހު ބާރު ގުގުރިއެއްގެ އަޑުފަށްގަނޑު އިވުނެވެ. އުޅަނދުފަހަރުތަކުން ކާރުބާރުބޮޑުވެފައި އޮތް މަގުގެ ތެރެއަށް ރުހައިމް ގޮސް ގެއްލެންދެން ބަލަން ނާލާ ހުއްޓެވެ.

''އޭ!، ކިހިނެއްވެފަ ތިހުރީ؟...'' ނާލާ ސިއްސައިގެން ދިޔައީ އޭނަގެ އެކުވެރި ޝައިހާގެ އަޑަށެވެ. ފަސްއެނބުރި ބަލައިލި އިރު ޝައިހާ އައިސް ގާތަށް ހުއްޓެނީއެވެ. ''ފިރިސޮރު ދިޔައީމަތަ؟...''

ޝައިހާއާއި ނާލާގެ އެކުވެރިކަން ބަދަހިވެގެން އައީ ނަރުސްކަމުގެ ކޯހުގެ ތެރޭންނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެދެމެދުގައި އޮތް އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. ދިރިއުޅުމުގައި އެކަކު އަނެކަކަށް ލަފާދީ ސިއްރުތައް ހިފެހެއްޓުމުގައި ލާމަސީލު ނަމޫނާއެކެވެ. ނާލާ ފަދައިން ޝައިހާއަކީވެސް މީހުންނާއި ގުޅޭ މިޒާޖެއްގެ އަންހެންކުއްޖެކެވެ.

''ވިއްސާރަވެފަ ކާރުބާރުބޮޑުވީމަ މިބަލާލީ... ހިނގާ އަވަހަށް ދަމާ އެހެންނޫނީ ގަޑިއަށް ކްލޮކްއިން ނުވާނެ...'' ޝައިހާގެ އަތުގައި ހިފަމުން ނާލާ ހިނގައިގަތެވެ. ކްލޮކްއިން ވުމަށްފަހު ދެއެކުވެރިން ވެސް މިސްރާބުޖެހީ ނަރުހުންނަށް ހާއްސަކުރެވިފައިވާ ޗޭންޖިންގް ރޫމާއި ދިމާއަށެވެ. އެދިޔަ މަގުމަތީގައި ދެއެކުވެރިންގެ ދެމެދުގައި ވާހަކަތައް ދެކެވުނެވެ.

(ނުނިމޭ)