ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އޮންލައިން ޕްރޮގްރާމެއް ހިންގަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ނިންމައިފިއެވެ.

އެމްއެމްސީ އިން ބުނީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ނޫސްވެރިންނަށް އަމާޒުކޮށްގެން “ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" އެއް ފަށަން ނިންމާފައިވާ ކަމަށާއި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

އެގޮތުން ޕްރޮގްރާމް ފަށަން ނިންމާފައި ވަނީ މި މަހު 16 ގައި ކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ހާއްސަ ސެޓްފިކެޓެއް ދޭނެ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ ޕްރޮގްރާމްގެ ދިގު މިނަކީ އެއް ހަފްތާ ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، "ބައިވެރިވުމަށް އެދޭ ފޯމު" އޮންލައިންކޮށް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް އެމްއެމްސީން ބުންޏެވެ.