(31 އޯގަސްޓުގެ އަދަދާ ގުޅޭ)
ماه بانو އާއި يـاسمـين އާ ދެބޭފުޅުން އިރުކޮޅެއްގެފަހުން ތިއްބެވީ ފެންޑާމަތީގައެވެ. حسّان އަސްމައްޗަށް ސަވާރުވެވަޑައިގަންނަވާތަން ބައްލަވާށެވެ.
ޒަރުބަޚުތު އޮންނެވީ މަދާއިނުގައި ދިޖުލާކޯރުގެ އައްސޭރީގައި ހުންނަ އޭނާގެ އަމިއްލަފުޅު ގޭގައެވެ. އިންތިދަރަޖައިގެ އާރެއް ބާރެއްނެތް ހާލުކޮޅެއްގައެވެ. ماه بانو އާއި يـاسمـين ބެހޭގޮތުން ހިނދުންހިނދަށް އޭނާގެ ފިކުރުފުޅު އަންނަނީ ބޮޑުވަމުންނެވެ. ހާސްކަންދަނީ އިތުރުވަމުންނެވެ. އާދުމާން އޭނާ ގެޔަށް ގެންނަވައިފައި ޢަސްކަރީ ބޭސްވެރިޔާގެ މަޝްވަރާގެ މަތީން އޭނާއަށް އަވަހާރަފުޅު ލެއްޕެވޭކަހަލަ ބޭސްކޮޅެއް ދެއްވިއެވެ. އެކަމަކު ހަވީރުވީތަނާ އޭނާއަށް ހޭފުޅުލެއްވިއްޖެއެވެ. އޭނާ އިރުއިރުކޮޅާ ހަޅޭފުޅު ލައްވައެވެ. "ކާއޫސެވެ. އާދުމާން ހޯދާށެވެ. އޭނާ އަދިވެސް ވަޑައިނުގަންނަވަނީ ކީއްވެގެންހެއްޔެވެ؟ ބެހެރާޝޭރުގެ ކަންތައްހުރީ ކިހިނަކުން ހެއްޔެވެ. އާދުމާން އަހަންނަށް އެއްވެސް ޚަބަރެއް ނުފޮނުއްވީ ކީއްވެގެން ހެއްޔެވެ؟" އަވަހާރަފުޅު ލެއްޕެވޭ ބޭހުގެ އިތުރު ގުޅައެއް ޒަރުބަޚުތަށް އެރުވޭތޯ ކާއޫސު މަސައްކަތް ކުރެއެވެ. އޭނާ ފިކުރުފުޅު ބޮޑުވެގެން އުޅުއްވާވަރުންނެވެ. ނަމަވެސް އޭނާ ބޭސް ފަރީއްކުޅުއްވާކަށެއް ގަބޫލުފުޅެއް ނުވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެންގެ ކޮއްކޯފުޅާއި يـاسمـين އާ ބެހޭގޮތުން ހިތްހަމަޖެހުމެއް ލިބިގެން މެނުވީ އަހަންނަކަށް ނުނިދޭނެއެވެ."
ޒަރުބަޚުތު އާދުމާނުގެ ޚަބަރެއްވޭތޯ އޭނާގެ ނޯކަރުވެސް އެތައްފަހަރަކު ފޮނުއްވައިފިއެވެ. ނަމަވެސް އާދުމާނުގެ ގެހުރީ ހުހަށެވެ. އެގޭގެ ވަށައިގެންހުރި އެހެނިހެން ގޭގެވެސް ހުރީ ހުހަށެވެ. އެއީ ހައްތާވެސް ޢަސްކަރީ އޮފިސަރުންގެ ގޭގެއެވެ. ކޯރުގެ އައްސޭރީގައި ބުރުޖަހާ ސިފައިންގެ ފަރާތަކުންވެސް އިތުރު މަޢުލޫމާތެއް ނުލިބުނެވެ. އެމީހުން ބުނަނީ ބެހެރާޝޭރު ހުސްވި ވާހަކައާއި އެތާނގައި ފޭރުމާއި ލޫޓުވުމުގެ ކަންތައް ހައްދުފަހަނަޅައިފައިވާ ވާހަކައެވެ. ޒަރުބަޚުތު މެންދަމެއްހައިއިރު ކާއޫސުގެ ގާތުގައި ވިދާޅުވިއެވެ. "ކަލޭ ފާރަވެރީންގެ ގާތަށް ދާށެވެ. އެތަނުން އޮފިސަރެއްގެ އަރިހުގައި އަހަރެން ބުންޏޭ ތިމަން ބައްތެއްޔެއްގައި އަނެއްފަރާތަށް ފޮނުވައިދޭށޭ ބުނާށެވެ. އެއުރުން ކަލޭގެ ވާހަކަ ގަބޫލު ނުކޮށްފިނަމަ އަހަރެންގެ ގާތަށް ގޮވައިގެން އަންނާށެވެ."
އެންމެ ސިކުންތަކަށްވެސް ޒަރުބަޚުތާ ދުރަށްދާކަށެއް ކާއޫސު ގަބޫލެއް ނޫނެވެ. ނަމަވެސް ޒަރުބަޚުތު ހަޅޭފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "ކަލާކޮށްޓަކައި އަހަރެންގެ ބަސް ގަބޫލުކުރާށެވެ. މިތާނގައި ހުރެގެން ކަލެޔަކަށް އަހަންނަށް އެއްވެސް އެހީއެއް ނުވެވޭނެއެވެ."
ކާއޫސު ހިތާ ދެކޮޅަށް ބޭރަށް ނުކުމެއްޖެއެވެ.
އިރުކޮޅެއްގެފަހުން އޭނާ އެނބުރި އައިއިރު އޭނާ އައީ ޒުވާނަކު ގޮވައިގެންނެވެ. އެޒުވާނާ އައީ ހެދުމުން ތެތްފެލަމުންނެވެ.
ކާއޫސު ދެންނެވިއެވެ. "ފާރަވެރީންކުރެ އެކަކުވެސް ހުރިތަނުން ގުޑިލާކަށެއްވެސް އެއްބަހެއް ނުވިއެވެ. އެމީހުން އަޅުގަނޑު ބައްތެލިތަކާ ކައިރިވިޔަކަވެސް ނުދިނެވެ. މިއީ ބެހެރާޝޭރުން ހަމަދެންމެއަކު ފަތައިފައި އައި މީހެކެވެ. މަނިކުފާނަށް މީނާކުރެން ބެހެރާޝޭރުގެ ޚަބަރު އޮޅުންފިލުއްވިދާނެއެވެ."
ޒަރުބަޚުތު އޭނާއާ ދިމާޔަށް ސަމާލުކަން ދެއްވުމުން އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ސާހިބާ އުޅުއްވަނީ ބެހެރާޝޭރުގައެވެ. އިރުމެދުން ލަނބައިލިތަނާ އޭނާ އަޅުގަނޑުގެ އަތަށް އެއްޗެހިތަކެއް ދެއްވައިފައި މަދާއިނުގައި އުޅުއްވާ އޭނާގެ ތިމާގެފުޅު ބޭފުޅެއްގެ އަރިހަށް ފޮނުއްވިއެވެ. އޭނާ ވިދާޅުވީ ބޭފުޅުން ގޮވައިގެން އޭނާ އެބަވަޑައިގަންނަވާ ކަމުގައެވެ. އަޅުގަނޑު މަދާއިނަށް އައިސް އޭނާގެ އިންތިޒާރުގައި މަޑުކުރީއެވެ. އޭނާ ވަޑައިނުގެން ލަސްވާން ފެށުމުން އަޅުގަނޑު ޚަބަރުބަލަން ފާލަންކައިރިޔަށް ދިޔުމުން އިރުއޮއްސޭއިރު ފާލަން އަންދައިލާ ވާހަކަ މީހުން ބުނެފިއެވެ. އަޅުގަނޑު ދުވެފައި ފާލަން ހުރަސްކޮށްފައި އަނެއްފަރާތަށް ހިނގައްޖައީމެވެ. އެހިސާބުގަނޑުން އެބޭފުޅުން ހޯދައި ނުފެނުމުން އަޅުގަނޑު ދުވެފައި ދިޔައީ ގޭދޮށަށެވެ. އެބޭފުޅުންނާ ދިމާވީ ގެޔާ ވަރަށް ކައިރީންނެވެ. ސާހިބާ ވިދާޅުވީ އެބޭފުޅުން ފާލަމާ ދިމާޔަށް ވަޑައިގަންނަވަނިކޮށް އެންމެ ތުއްޕުޅު ފިރިހެން ބޭފުޅާ ގެއްލުނީ ކަމުގައެވެ. އެތައް މަސައްކަތްޕުޅަކުން އެބޭފުޅާ ހޯއްދަވައިގެން ވަޑައިގަންނަވަނީ ކަމުގައެވެ. އަޅުގަނޑުމެންނަށް ދުވަމުން ފާލަމާ ހަމަޔަށް އާދެވުނުއިރު ފާލަން އަނދަނީއެވެ. ހުރިހައި ބައްތެލިފަހަރުވެސްވީ މިފަރާތަށް ގެނެސްފައެވެ. އަޅުގަނޑުމެން މާޔޫސްވެގެން ގެއާދިމާޔަށް ހިނގައްޖައީމެވެ. ތަންތަންކޮޅުން ލުޓޭރުން ލޫޓުވަމުން ގެންދެއެވެ. ފިލަފިލައިގެން ހަނިގޯޅިތަކުން ގެއަށް ހިނގައްޖައީމުއެވެ. އިރުކޮޅެއްވީތަނާ ލުޓޭރުންތައް އަތުވެއްޖެއެވެ. އެމީހުން އަޅުގަނޑުގެ ސާހިބާގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނާމެދު ކަންތައް ކުރިގޮތް އަޅުގަނޑަކަށް ބަޔާނެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެން އެބޭފުޅުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރުމުން އަޅުގަނޑުމެންނަށް އަނިޔާކުރުމަށްފަހު ކޮޓަރިޔަކަށްލައި ބަންދުކޮށްފިއެވެ. އެބައިމީހުންގެ އަދަދު ވަރަށްގިނައެވެ. އަޅުގަނޑުމެންގެ ސާހިބާގެ ދަރިކަނބަލުންނާއި އަނބިކަނބަލުން ކީރިތިކުރައްވައި ހަޅޭފުޅުލައްވަވާ އަޑު އަޅުގަނޑުމެންނަށް އިވެއެވެ. އެބައިމީހުން ދިޔުމުން އަޅުގަނޑުމެން ދޮރު ހަލާކުކޮށްލައިގެން ނުކުތްއިރު ދެމައިކަނބަލުން ތިއްބެވީ ހޭފުޅުނެތިފައެވެ. އަޅުގަނޑުމެން އެ ދެމައިކަނބަލުން ނަގައިގަނެގެން އެތެރެޔަށް ވައްދައިފީމުއެވެ. އަޅުގަނޑު ވަރަށް ގިނައިރުވަންދެން އަޅުގަނޑުގެ ސާހިބާގެ އަރިހުގައި އިނީމެވެ. އަޅުގަނޑު މިއައީ ސާހިބާއަށް އެހީފުޅެއް ލިބޭތޯ މިކޮޅަށްދާން ސާހިބާ ވިދާޅުވެގެންނެވެ. އަޅުގަނޑު ގެއިން ނުކުތްއިރު މުސްލިމުން އަތުވެއްޖެއޭ ގޮވަމުން ލުޓޭރުންތައް ބާރަށް ފިލަން ދުވެއެވެ. އެކަމަކު އަޅުގަނޑު މުސްލިމުންނެއް ނުދެކެމެވެ. އަޅުގަނޑު ކޯރަށް ފުންމައިލައިގެން ފަތައިފައި މިފަރާތަށް އައީއެވެ. އަޅުގަނޑު މިފަރާތަށް އައުމާއެކު ސިފައިން އަޅުގަނޑު ހައްޔަރުކޮށްފިއެވެ. ކަލާގެ ޚާދިމު ނައިނަމަ އިރުއަރަންދެންވެސް އަޅުގަނޑު ހައްޔަރުކޮށްފައި ބެހެއްޓީސްކަން ކަށަވަރެވެ. އަޅުގަނޑު ހީކޮށްގެންހުރީ އަޅުގަނޑުގެ ސާހިބާއަށް އެހީވާން ބައްތެލިފަހަރުގައި ބަޔަކު ފޮނުވައިދޭނެ ކަމުގައެވެ. އެކަމަކު އެމީހުން އަޅުގަނޑުގެ ވާހަކަ އަޑުއަހަންވެސް ބޭނުމެއް ނޫނެވެ. އަޅުގަނޑު މިހިރީ ހަދާނެގޮތެއް ނުވިސްނިފައެވެ."
ޒަރުބަޚުތު ޖަވާބެއް ދެއްވުމުގެ ބަދަލުގައި އަލިކަމެއް ނެތް ދެލޯފުޅަކުން ކާއޫސުގެ މޫނު ބައްލަވާން ފައްޓަވައިފިއެވެ. ކާއޫސު އެ ޒުވާނާއަށް ތަސައްލީ ދެމުން ބުންޏެވެ. "ޙަޤީޤަތުގައިވެސް މުސްލިމުން ބެހެރާޝޭރަށް ހިނގައްޖެކަމުގައިވާނަމަ މިހާރު އެތާކު ފޭރުމެއް ނޯންނާނެއެވެ."
ޒަރުބަޚުތު ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާ ވޭނީ ރާގަކަށް ހަޅޭފުޅު ލައްވައިގެންނެވިއެވެ. "މޮޔަޔާއެވެ! ކަލޭ ތިޔަހަރީ ލުޓޭރުންނަށްފަހު މުސްލިމުން ބެހެރާޝޭރަށް އެރުމުން އެކަމާ ހިތްހަމަޖެހިގެން ހެއްޔެވެ؟ އަހަރެންގެ ލޯމަތީން ދުރަށް ދާށެވެ!" އެހެން ވިދާޅުވުމާއެކު އޭނާ އިސްތަށިފުޅުގައި ދެއަތްޕުޅުން ހިފަހައްޓަވައިފިއެވެ. އޭނާ އެއްފަރާތަކަށް ވެއްޓިވަޑައިގެންފިއެވެ.
ފަނަރަވަރަކަށް މިނިޓުފަހުން އޭނާ ހޭފުޅު އެރިއިރު ޒުވާނާ ހިނގައްޖެއެވެ. ކާއޫސު އޭނާއަށް ފެންފޮދު އަރުވަނީއެވެ. އޭނާ ކޯފާގެ ލޯފުޅަކުން ބައްލަވައިލެއްވުމަށްފަހު ކަޓޫރާގައި އަތްޕުޅުން ޖައްސަވައި ބުރުއަޅުވައިލައްވައިފިއެވެ. އެއަށްފަހު ހަޅޭފުޅުލައްވާން ފައްޓަވައިފިއެވެ. "އަހަރެންގެ ކަނޑި ގެންނާށެވެ. އަސް ތައްޔާރުކުރާށެވެ. އަހަރެން އެތަނަށް ދާނަމެވެ."
ކާއޫސު ކުރިޔަށްޖެހި ޒަރުބަޚުތުގެ މުލައްދަނޑިފުޅުގައި ހިފަހައްޓައިފައި ދެންނެވިއެވެ. "ޒަރުބަޚުތެވެ. ހިތްވަރުގަދަ ކުރައްވާށެވެ. މަނިކުފާނު ތިޔަހުންނެވީ ޒަޚަމުވެވަޑައިގެންފައެވެ. ހުންފުޅާއެވެ."
ޒަރުބަޚުތު ކާއޫސުގެ އަތް ފޮޅުވައިލައްވައިފައި ދޮރާ ދިމާޔަށް ވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް ދެތިން ފިޔަވަޅެއް އަޅުއްވާއިރަށް އޭނާ ބަންޑުން ވެއްޓިވަޑައިގެންފިއެވެ. ކާއޫސު އަދުމާނުގެ ޚާދިމުގެ އެހީއާއެކު އޭނާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބާއްވައިފިއެވެ.
+ + + + +
ޒަރުބަޚުތު އިރުކޮޅެއްވަންދެން ހިއްސެއް ހަރަކާތެއްނެތި އޮންނެވިއެވެ. އެހެން އޮންނަވައިފައި އޭނާގެ ތުންފަތްޕުޅު ތެޅޭންފަށައިފިއެވެ. ދެބައިކުޅައެއްބައި ހޭފުޅުނެތިފައި އޮންނަވައި މަޑުމަޑުން ماه بانو އަށާއި يـاسمـين އަށް ވިދާޅުވުމަށްފަހު ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ކާއޫސު އާދޭހުގެ ރާގުގައި ދެންނެވިއެވެ. "ޒަރުބަޚުތެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ބޭސް ފަރީއްކުޅުއްވާށެވެ. މަނިކުފާނު އަރާމުކުރައްވާން ޖެހިވަޑައިގަންނަވައެވެ."
ޒަރުބަޚުތު ކާއޫސުގެ ވާހަކަޔަށްވުރެ ބޮޑަށް އޭނާގެ ބެލުމުގެ ސަބަބުން އަސަރުކޮށްގެން ޖަވާބެއް ނުދެއްވައި ލޯފުޅު މަރުއްވައިލައްވައިފިއެވެ. ކާއޫސުގެ އިޝާރަތްކޮށްލުމުން އަނެއް ނޯކަރު ފެންތަށިކޮޅެއް ގެނެސްފިއެވެ. ކާއޫސު ޖެހިލުންވެފައިހުރެ ޒަރުބަޚުތުގެ އިސްތަށިފުޅު އެއްއަތުން ހިއްލައިލުމަށްފަހު އަނެއް އަތުން ބޭސްގުޅަފުޅު އަނގަފުޅަށް ލައިފިއެވެ. އަނެއް ނޯކަރު އޭނާގެ ތުންފަތްޕުޅުގައި ފެންތަށިކޮޅު ޖައްސައިފިއެވެ.
އިރުކޮޅެއްގެފަހުން ޒަރުބަޚުތު ލޯފުޅު ހުޅުއްވައިލެއްވުމުން ކާއޫސު ލޯބީން އޭނާގެ ނިތްކުރިފުޅުގައި އަތްބާއްވައިފައި ދެންނެވިއެވެ. "ދަރިފުޅު އަޅުގަނޑުގެ ބަހަށް އިތުބާރު ކުރައްވާށެވެ. އަޅުގަނޑަކީ ދަރިފުޅުގެ ދުޝްމިނެއް ނޫނީމެވެ. އަޅުގަނޑުގެ ހިތް ހެކިދޭގޮތުން ދަރިފުޅުގެ ކަންބޮޑުވެވަޑައިގަތުން ވަރަށް އަވަހަށް ފިލައިދާނެއެވެ. މިވަގުތު ކޯރު ހުރަސްކޮށްފައި އެފަރާތަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ. އެކަމަކު މާދަމާއާ ހަމައަށް ކޮންމެވެސްގޮތެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ."
ޒަރުބަޚުތުގެ އުންމީދު އާވުމާއެކު ވިދާޅުވިއެވެ. "މުސްލިމުން ބެހެރާޝޭރަށް އަރައިފިނަމަ އެބޭފުޅުންނަށް އެއްވެސް ނުރައްކަލެއް ނޯންނާނެކަން ޔަގީންހެއްޔެވެ؟"
"އަޅުގަނޑަށް ޔަގީނެވެ. ދަރިފުޅު މުސްލިމުންގެ ކަންތައް ހުންނަގޮތް ދެކެވަޑައެއް ނުގަންނަވަމުއެވެ. އަޅުގަނޑު މުސްލިމުން ދެކެފީމެވެ. ماه بانو އަކީ އަޅުގަނޑު އުފަން ދަރިޔެއްކަމުގައި ވީނަމަވެސް އަޅުގަނޑުގެ ދުޢާއަކަށްވީހީ ބެހެރާޝޭރުގެ ލުޓޭރުންނާއި ވަގުންގެ ކުރީން މުސްލިމުންނަށް އެކުދީންނަށް އެހީވެދޭން އެތަނަށް ދެވުމެވެ."
"ޒަރުބަޚުތު އަނެއްކާވެސް ފިކުރުފުޅު ބޮޑުވުމާއެކު ވިދާޅުވިއެވެ. "ނޫނެކެވެ. ނޫނެކެވެ. އަހަންނަށް ދޮގު ތަސައްލީދޭން ނުއުޅޭށެވެ. ފާތިޙު ޤައުމެއްގެ ލަޝްކަރެއް މަފުތޫޙު ޤައުމެއްގެ އަވަށްއަވަށަށާއި ރަށްރަށަށް އަރާ މަންޒަރެއް ކަލޭ ނުދެކޭނޫއެވެ. ماه بانو އާއި يـاسمـين ގެ ނިކަމެތި ހާލުގެ ވާހަކަ އަޑުއަހަން އަހަރެން ދުނިޔޭގައި ނުލެހެއްޓެވުންއެދި ދުޢާކުރާށެވެ."
ކާއޫސު ޒަރުބަޚުތުގެ އަރިހުގައި ދަންނަވާން ބޭނުމެވެ. ފާތިޙުންނާއި މަފުތޫޙުންގެ ހުރިހައި ސުލޫކަކާއި ތަޞައްވުރެއް ބަދަލުކޮށްލި ލަޝްކަރާއެކު އަޅުގަނޑު ދަތުރުކޮށްފީމެވެ. އެކަމަކު ޒަރުބަޚުތު ލޯފުޅު މަރުއްވައިލައްވައިފިއެވެ. ހަނުހިމޭންވެވަޑައިގެންފިއެވެ. އިރުކޮޅަކުން އޭނާ އޮންނެވީ އަވަހާރަފުޅު ލައްޕަވައިފައެވެ.
ގަޑިޔެއްހައިއިރުވީތަނާ ކޯރާވީ ފަރާތުން އަސް ދުއްވާ އަޑާއި މީހުންތައް ހޭލަމޭލަވާ އަޑު އިވޭންފަށައިފިއެވެ. އާދުމާނުގެ ނޯކަރު ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. އިރުކޮޅެއްކޮށްލައިފައި އޭނާ މާނޭވާލަމުން އެނބުރި އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. "ކާއޫސު! ކާއޫސު އެވެ! އަހަރެމެންގެ ލަޝްކަރު ކޯރުގެ އައްސޭރިޔަށް އެބަޖަމާވެއެވެ. ދުޝްމިނުންގެ ލަޝްކަރު ކޯރުގެ އެފަރާތުގައި ސަފުހަދައިގެން އެބަތިއްބެވެ."
ކާއޫސު އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލައިފައި ބުންޏެވެ. "އަހަރެން ދެނެހުރީމެވެ. މަޑުން ވާހަކަ ދައްކާށެވެ!"
އާދުމާނުގެ ނޯކަރު މަޑުމަޑުން ބުންޏެވެ. "އެމީހުން ކޯރު ހުރަސްކޮށްފިނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟"
"ކަލޭ ހަމަޖެހިގެން އިންނާށެވެ. އެމީހުން ކަލެޔަކަށް ކަމެއް ނުކުރާނެއެވެ."
"ނޫނެކެވެ. އަޅުގަނޑު އާދުމާން ހޯދާނަމެވެ."
"އާދުމާނުގެ ގެހުރީ ހުހަކަށެއް ނޫންހެއްޔެވެ! އޭނާ މަދާއިނުގައި ހުންނެވިނަމަ މިގެޔަށް ވަޑައިގެންނެވީސްކަން ޔަގީނެވެ. ދެން އަޑުގަދަ ނުކުރާށެވެ."
މަގުމަތީން އަހެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. އެއާއެކު ކޮންމެވެސް މީހެއް ވަރަށްބާރަށް ދޮރުގައި ޓަކިދޭން ފަށައިފިއެވެ. ކާއޫސު ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ.
"ކާކުހެއްޔެވެ؟" އޭނާ ދޮރޯއްޓާ ހަމަޔަށް ގޮސްފައި ސުވާލުކޮށްލިއެވެ.
ބޭރުން ޖަވާބު ލިބުނެވެ. "އަހަންނަކީ އާދުމާނެވެ. ދޮރާށި ހުޅުވާށެވެ."
ކާއޫސު ދޮރޯށި ހުޅުވައިލައިފިއެވެ. އާދުމާނު ސުވާލު ކުރެއްވިއެވެ. "މިހާރު އޭނާގެ ހާލުކޮޅު ކިހިނަކުންހެއްޔެވެ؟"
"އޭނާ އުޅުއްވަނީ ކަލާގެ ޚަބަރެއް ލިބިވަޑައިނުގަންނަވާތީ ވަރަށް ކަންބޮޑުވެވަޑައިގެންނެވެ. މިހާރު އޮންނެވީ އަވަހާރަފުޅު ލެއްޕެވިފައެވެ."
އާދުމާން ވިދާޅުވިއެވެ. "މުސްލިމުން ކޯރުގެ އެފަރާތު އައްސޭރިޔަށް ޖަމާވަމުން އެބަދެއެވެ. އެމީހުންގެ ފަރާތުން އަހަރެމެންނަކަށް ކުއްލި އަވަސް ނުރައްކަލެއްނެތެވެ. އެކަމަކުވެސް އަހަރެން ގަސްދުކުރަނީ އޭނާގެ ކޮއްކޮއާއި އަނެއް އަންހެންކުއްޖާއާ ކޮންމެވެސް ރައްކާތެރި ހިސާބަކަށް ބަދަލުކުރާށެވެ. ކޯރުގެ މިފަރާތުގެ މުޅި ސަރަޙައްދު ލަޝްކަރަށްޓަކައި ހުސްކުރާންޖެހޭނެއެވެ."
ކާއޫސު ޖަވާބު ދިނެވެ. "ماه بانو އާއި يـاسمـين އާ ދެބޭފުޅުން މިގެޔަކަށް ވަޑައެއް ނުގަންނަވައެވެ."
"ކީކޭތަ ތިޔަބުނީ؟" އާދުމާނު އިންތިހާޔަށް ފިކުރުފުޅު ބޮޑުވުމާއެކު ސުވާލުކުރެއްވިއެވެ.
"އަޅުގަނޑު މިދެންނެވީ ދޮގެއްނޫނެވެ. އެބޭފުޅުން ވަޑައެއް ނުގަންނަވައެވެ. އެބޭފުޅުންގެ ޚަބަރު އޮޅުންފިލުވުމަށްޓަކައި އަޅުގަނޑުމެން މިތިބެނީ ކަލާގެ އިންތިޒާރުގައެވެ. އަޅުގަނޑުމެން ކަލާގެ ޚާދިމުވެސް އެތައްފަހަރަކު ކަލާގެ ގެޔަށް ފޮނުވައިފީމުއެވެ. އެކަމަކު ކަލާ ގެޔަކު ނުއުޅުއްވަމުއެވެ. ގޭގައި އެއްވެސްމީހަކު ނެތެވެ."
އަހަރެންގެ ގޭގެ މީހުންވީ ރަށުތެރޭގައިހުރި ތިމާގެމީހުންގެ ގޭގެޔަށް ގޮހެވެ. އަހަންނަކަށް މިގެޔަށް އަންނާނެ ފުރުސަތެއް ނުލިބެއެވެ. އަހަރެން ماه بانو ގެ އަރިހުގައި ހަވީރުވުމުގެ ކުރީން ކޯރު ހުރަސްކުރައްވަން ކަމާކަންފަށައި ދެންނެވީމެވެ. ތިޔައީ ވަރަށް ދެރަކަމެކެވެ. ދެނެއް އަހަންނަކަށް މުޅި އުމުރުގައިވެސް ޒަރުބަޚުތަށް މޫނު ދައްކާކަށެއް ނުކެރޭނެއެވެ. އޭނާ އަހަންނަކަށް ދުވަހަކުވެސް މާފެއް ނުކުރައްވާނެއެވެ. އެބޭފުޅުންގެ ޚާދިމަކުވެސް ނާދޭހެއްޔެވެ؟"
"ނާދެއެވެ."
"އޭނާ ގަބޫލުކުރައްވާނެކަމެއް ނޭނގެއެވެ. އަހަރެން އެންމެފުރަތަމަ ދިޔައީ އެގެއަށެވެ. އަހަންނަށް އެބޭފުޅުން އަހަންނާއެކު ގެނެވުނު ނަމައެވެ. އެވަގުތު އަހަރެން އުޅޭންޖެހުނީ ވަރަށް އަވަދިނެތިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މިގެއަށް އާދެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ. ފަހަރެއްގައި ޒަރުބަޚުތުވެސް އެހެންތަނަކަށް ބަދަލުކުރަން ޖެހިދާނެއެވެ."
އާދުމާން އޭނާގެ އަސް އަނބުރައިލައްވައިފިއެވެ. އޭނާގެ ޚާދިމު ކުއްލިޔަކަށް ކުރިޔަށްޖެހިލައިފައި ދެންނެވިއެވެ. "އަޅުގަނޑާމެދު އޮތީ ކޮން އަމުރުފުޅެއްތޯއެވެ؟"
"ކަލޭ މިގޭގެ ބޭރުގައި ހުންނާށެވެ. ސިފައިންގެ މީހަކު ނުވަތަ އޮފިސަރަކު މިގެއަށް އަތުވެއްޖެނަމަ ބުނާށެވެ. މިއީ ޒަރުބަޚުތުގެ ގެއެވެ. ކޮމާންޑަރ އިން ޗީފް އަމުރުކުރައްވައިފައިވަނީ އޭނާގެ އަރާމުކުރެއްވުމަށް ހުރަސްނޭޅުމަށެވެ."
+ + + + +
މުޖާހިދުން ދިޖުލާކޯރުގެ އައްސޭރީގައި ފަތިސްނަމާދު ކުރައްވައިފިއެވެ. އިސްލާމްދީނަށް ނަޞްރު ދެއްވުން އެދިވަޑައިގެން ދުޢާކުރެއްވުމަށްފަހު ސަފުތައް ރުކުރުވައިލައްވައިފިއެވެ. އެލަޝްކަރުގެ ސިފައިންގެ ތެރެއިން ގިނަމީހުން މަދާއިނުގެ އިމާރާތްތައް އެދެކެނީ ޙަޔާތުގައި އެންމެ ފުރަތަމަ ފަހަރަށެވެ. އެ އިމާރާތްތަކަކީ އެތަންތާނގެ ކޮންމެ ގާބުރިޔެއްގައިވެސް ސާސާނީ ރަސްރަސްކަލުން ޖާހާއި، ހައިބަތާއި މަތިވެރިކަމުގެ ވާހަކަތައް ކަނޑައި ނެގިފައިވާ އިމާރާތްތަކެވެ. ކިސްރާގެ ހުދުގަނޑުވަރުގެ އުސްމުންނާރުތަކުން އުޑާ ވާހަކަގޮވޭހައިވެއެވެ. ޢަރަބީންގެ އާއްމު ސިފައިންގެ ނަޒަރުގައި އެތަންތަނަކީ އިންސާނުން ދިރިއުޅޭ ތަންތަނެއް ނޫނެވެ. ޖިންނީންނާއި ޕަރީންގެ ގެދޮރެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު