ރެޖިސްޓްރީ ނުކޮށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް، ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރަޖިސްޓަރީ ނުކޮށް ގަވައިދާ ހިލާފަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތްތައް ރެޖިސްޓާ ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އާންމުންގެ ސިއްހީ ރާއްކާތެރިކަމަށް، އެޗްޕީއޭގެ މެންޑޭޓްގެ ދަށުން އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތްތައް ރެޖިސްޓާ ކުރަން ޖެހޭ ގޮތަށް ހެދޭނެ ކަމަށެވެ.
"މިހާރުގެ ހާލަތާ ގުޅިގެން އެކަމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން އެޗްޕީއޭއާއެކު އަންނަނީ މަޝްވަރާ ކުރެވެމުން،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި، ހުރިހާ ހުއްދައެއް އެއްތަނަކުން ލިބޭނެ ގޮތްތައް ހެދުމަށް އެދިފައި ވެއެވެ. އެއަށް ރިޕްލައި ކުރައްވައި މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ހުއްދައެއް އެއްތަނަކުން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށާއި އުންމީދަކީ 2022 ވަނަ އަހަރު އެކަން ނިންމުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންކަން ކަމަށެވެ.
"މިގޮތުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެއް." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ށ) ގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
"ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވާކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ އޮތް،" ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކަށް މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށެވެ.
މިފަދަ ފަރާތްތަކުން އާމްދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހިޔާރުކުރާނަމަ، އެ ކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް