ކުޅިވަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓާއި، މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީތައް 30 ނޮވެންބަރު 2020ގެ ކުރިން އިންތިހާބުކުރުމަށް ޔޫތު މިނިސްޓްރީން އަންގައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވައިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިޝަނާ އޮފް ސްޕޯޓްސްގައި 2017 އިން ފެށިގެން ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު އަދި ޖަމިއްޔާތަކުގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީތައް އަލުން އިންތިހާބުކުރުމަށްފަހު ނޮވެމްބަރު 30ގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، ޖަމިއްޔާ ބައްދަލުވުންތަކާއި އަހަރީ އާއްމު ޖަލްސާތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށާއި ލިޔުންތައް ފޮނުވުމަށް [email protected] އަށް މެއިލް ކުރުން މިނިސްޓްރީން އެދެއެވެ. އަދި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މައުލޫމާތު ސާފުކުރުމަށް 3347315/3347300 އަށް ގުޅުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.