ގަހާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރާއިރު ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ގެޒެޓު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު ރާއްޖެއަށް ގަހާއި ގަހުގެ ބައިތައް އެތެރެ ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރާ ބައެއް މީހުން ފައިޓޯސެނިޓަރީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފައިނޯސެނިޓަރީ ސެޓްފިކެޓަކީ ގައުމަށް އެތެރެ ކުރާ ގަހަކީ ގަސްގަހުގައި އަޅާ އެކި ނުރައްކާތެރި ސޫފާ ސޫފީން ރައްކާތެރި ދުޅަހެޔޮ ގަހެއްކަން އަންގައިދޭ ލިޔުމެކެވެ. މިނިސްޓްރީގެ ބަޔާނުގައިވަނީ މި ސެޓްފިކެޓު ފަދަ މުހިއްމު ޑޮކިއުމަންޓުތައް ނެތި ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރަން އުޅުން ފަދަ ނޭދެވޭ މައްސަލަތައް މިދުވަސްވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ.

އެގޮތުން ފައިނޯސެނިޓަރީ މިންގަނޑުތަކާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ގަސްގަހާއި، ގަހުގެ ބައިތަކާ މެދު އަމަލުކުރުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފާއިތުވި މަހުގައިވެސް މިފަދަ މައްސަލައެއް ކުރިމަތިވެގެން ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަން ޖެހުނު ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކޮށް، ވަގުތު ދީގެން މަސައްކަތް ކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދައިން މަސައްކަތް ކޮށްފިނަމަ ދިމާވާ މިފަދަ މައްސަލަތައް މަދުކުރެވޭނެކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމަށާއި، ގަސްކާނާއާއި ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސް އަދި ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެ ކުރުމުގައި ހުއްދަ ހޯދުމަށް މި ދުވަސްވަރު ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފައެވެ. އެގޮތުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތް ހޯދުމަށް ބޭނުންވާ މީހުން އެ ފޯމު ފުރިހަމަ ކުރުމަށްފަހު [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މި މެއިލްއަށް ފޯމު ފޮނުވުމުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭ ހުއްދަ ތައްޔާރު ކުރުމަށްފަހު މެއިލްގެ ޒަރިއްޔާއިން މިނިސްޓްރީން ހުއްދަތައް ފޯރުކޮށްދެމުން ގެންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމަށާއި، ގަސްކާނާއާއި ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސް އަދި ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެ ކުރުމުގައި ހުއްދަ ހޯދުމަށް ފޯމު ފުރުމާއި އެކަމާ ގުޅޭ އެހެން ކަންކަމާ މެދު މައުލޫމާތު ސާފުކުރުމަށް ބޭނުން ނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށީގެން މެންދުރު 2:00 އާ ދެމެދު މިނިސްޓްރީއަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 3339242، 3339220 އަދި 3339209 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ގަސްކާނާއާއި ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސް އެތެރެކުރުމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 3339242 އަދި 3339209 އަށް ގުޅޭނެ ކަމަށާއި ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެވޭނީ 3339220 ނުވަތަ 3339212 އަށް ގުޅައިގެން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.