ކަންބޮޑުވުންތައް ބަޔާންކޮށް ކެފޭ، ރެސްޓޯރެންޓުތަކުގެ ވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ކެފޭ، ރެސްޓޯރެންޓް ވެރިންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19ގެ ނުރައްކާތެރި ހާލަތު ދިވެހިންގެ ތަހައްމަލު ކުރަމުންދާ ވަގުތު ދިވެހި ވިޔަފާރިތަކަށް ނުހަނު ބޮޑު ގެއްލުންތަކެއްވަމުންދާ ކަމަށާއި އެތައް ވިޔަފާރިއެއް ވަނީ ބަނގުރޫޓު ވެފައި ކަމަށެވެ.

އެހެންކަމުން ކޮވިޑްގެ ހާލަތައް ރިއާޔަތްކޮށް ކެފޭ، ރެސްޓޯރެންޓްތަކުގެ ވެރިންގެ ފަރާތުން ވަނީ ފެޓިޝަނެއް ތައްޔާރުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި އެޗްޕީއޭއަށް ހުށަހަޅާފައި ކަމަށް ބަޔާނުގައި ބުންޏެވެ. އެ ޕެޓިޝަންގައި ޖުމްލަ 108 ވިޔަފާރިއަކު ސޮއިކޮށްފައިވާ އިރު، ވިޔަފާރިވެރިންގެ އުންމީދަކީ ޕެޓިޝަންގައި ހިމެނޭ ކަންކަމަށް އަވަސް ހައްލެއް ލިބި ދިވެހި ވިޔަފާރިތަކަށް އަދަދަށްވުރެ ފަހި މާދަމާއެއް ލިބުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތީގެ ވިޔަފާރިތައް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ރަޖިސްޓާ ކުރުމަށް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ބަޔާނުގައި ބުނީ، މިވަގުތު އެފަރާތްތަކީ ވަކިވަކި ކެފޭ، ރެސްޓޯރެސްޓް ވެރިންނަށް ވީނަމަވެސް ކައިރި މުސްތަގުބަލުގައި ޖަމިއްޔާއެއް އުފައްދައި، މިފަދަ ކޮންމެ ކަމެއްގައި ވިޔަފާރިތަކުގައި ހައްގުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެ ފަރާތްތަކާ ގުޅުމުގެ ފުރުސަތު ކާބޯތަކެތީގެ ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.