ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން ނޫސްވެރިން ތަމްރީންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބުކޮށްފައެއް ނުވެއެވެ. އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮއްވައި ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީން ވަނީ އަންނަ މަހުގެ 13ގެ ކުރިން ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އަންގައިފައެވެ.
އެހެންކަމުން އިންތިގާލީ އިންތިހާބީ ކޮމިޓީއެއް އެކުލަވާލައި ހާއްސަގޮތުން ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ. އަދި އަލުން ޖަމިއްޔާގެ ދަފްތަރު އެކުލަވައިލަން މެމްބާޝިޕަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.
އެމްޖޭއޭއިން ބުނީ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލީ ޖަމިއްޔާގެ ހަރަކާތްތައް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމުގެ ސަަބަބުން ޖަމިއްޔާގެ މެންބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާތީ ކަމަށެވެ. އެގޮތުން ދިވެހި ހުރިހާ ނޫސްވެރިން، ފްރީލާންސާސް، ކޮންޓްރިބިއުޓާސް، ފޮޓޯގްރާފާސް، ކާޓޫނިސްޓުން، އާޓީސްޓުން އަދި އެޑިޓަރުންނަށް ޖަމިއްޔާގެ މެންބަރަކަށްވުމަށް ހުށަހެޅޭނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އަލުން އެކުލަވާލާ ދަފްތަރުގައި ހިމެނުމަށް މެމްބާޝިޕް ފޯމު ހުށަހަޅަން މިއަދު މެންދުރު 2:00ގެ ނިޔަލަށް ހުޅުވާލިއިރު މިއަދު އެ މުއްދަތު ވަނީ މިރޭ 12:00އަށް އިތުރުކޮށްފައެވެ. ނަމަވެސް ބައެއް މީޑިއާތަކާއި ނޫސްވެރިންގެ އެދުމުގެ މަތިން ދެވަނަ ފަހަރަށް ވަނީ މެމްބާޝިޕް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ.
އެމްޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މެމްބާޝިޕްގެ ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ އިރުއޮއްސި 6:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި މި ބަދަލާއެކު މެމްބާޝިޕްގެ އާ ދަފްތަރު އެކުލަވާލެވޭނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި ދަފްތަރަށް ޝަކުވާ ހުށަހެޅުން 3 ސެޕްޓެމްބަރުގެ މެންދުރު 2:00 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޖޭއޭގެ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު ފަސްވަނަ ދުވަހުއެވެ.
އެމްޖޭއޭގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުން މެންބަރުން އާންމު ޖަލްސާގައި އެކަމަށް ޝައުގުވެރިކަން ހާމަކުރަން ޖެހޭއިރު ވޯޓަށް އަހާނީވެސް އެ ޖަލްސާގައެވެ. ހިންގާ ކޮމިޓީގައި ހަ މަގާމު އެކުލެވޭ އިރު، އެއީ ރައީސް، ނައިބު ރައީސް، ހިންގާ ސެކްރެޓަރީ، ބަޖެޓް ސެކްރެޓަރީ އަދި ޖަމިއްޔާގެ އާންމު މެންބަރުންގެ ތެރެއިން ދެ މެންބަރުންނެވެ.
މެންބާޝިޕް ފޯމް އީމެއިލް ކުރުން މައުލޫމާތު ހޯދުން: [email protected]
މެމްބާޝިޕް ފޯމް ހަވާލު ކުރުމާއި މައުލޫމާތު ދިނުން: މުހައްމަދު މުޒައްޔިން ނާޒިމް 7800753
މުއައްސިސުންގެ ފަރާތުން މައުލޫމާތު ހޯދުމަށް: އަލީ ޝަމްއާން، ފައުންޑަރު 7785669
މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް ޑައުންލޯޑް ކުރުމަށް: https://we.tl/t-7btNRgvp8g
ޚަބަރު
ޚަބަރު
ޚަބަރު