އާމިނަތު ޝަފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ ސ. ފޭދޫ އާއި މުއުމިނާ ވަހީދު، މ. ޖިއެނާ އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله، މއ. މާވެޔޮގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ދެންމެ ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ހަތަރު މެންބަރެއްގެ މަގާމު ހުސްވީ، މަޖިލީހުން ވޯޓު ނަގައިގެން ވަކިކުރަން އުޅެނިކޮށް ބައެއް މެންބަރުން އިސް ތިއުފާ ދެއްވުމާއި، މެންބަރަކު ވަކި ކުރުމުގެ އިތުރުން މިހާރު ހުންނެވި އެ ކޮމިޝަންގެ މެންބަރުގެ މުއްދަތު މި މަހުގެ 12 އަށް ހަމަވާތީއެވެ.

މަޖިލީހުން ވޯޓު ނަގައި ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރީ އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ޒާހިދެވެ. އަދި ވަކިކުރަން ނިންމައި، މަޖިލީހުން ވޯޓު ނަގަން އެޖެންޑާ ކޮށްފައި ވަނިކޮށް، މަގާމުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު ގެ އިތުރުން މޫސާ އަލީ އެވެ.

އެ ހަތަރު މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަށް ބޭފުޅެއްގެ ނަން ފޮނުއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެބޭފުޅުންނާ އިންޓަވިއުކޮށް، އެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވީ ތިން ބޭފުޅެއްގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 58 މެންބަރުން ޝިފާތު އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް، ވޯޓު ދެއްވި އެވެ. މުއުމިނާއަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި، 62 މެންބަރުންގެ ތެރެއިން 61 މެންބަރުންނެވެ. އަދި އަދުހަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 59 މެންބަރެކެވެ.