ރޭޕް ކުރުން ފަދަ ކުށްތައް ކުރަން ޖެހިލުންވާ ވަރަށް ފިޔަވަޅުތައް ހަރުކަށި ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިގޮތަށް ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައާ ގުޅިގެންނެވެ.

ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައަކީ އައްޑޫ ސިޓީ ޕީޖީ އޮފީހުގެ މުވައްޒަފުން ބުރަ މަސައްކަތެއް ކުރި މައްސަލައެއް ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ މަރުހަބާ ދަންނަވައިފައެވެ.

"މިދާ ގޮތަށް ގޮސް، މިބާވަތުގެ [ރޭޕްކުރުން ފަދަ] ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވާންދެން، ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ޝަރީއަތްތައް އަވަސްކުރަން ޖެހޭ،" ޝަމީމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫގައި ނަފުސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ދައުވާކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޕީޖީން ވަނީ ހުށަހަޅައިފައެވެ.

އެ ދެމީހުންގެ ތެރެއިން މަޚްތޫމް މޫސާ ދީދީގެ މައްޗަށް ކޮށްފައިވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގައި ދެން ހިމެނޭ އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ކޮށްފައިވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ. އޭގެ ތެރެއިން ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމާއެކު 40 އެތިފަހަރުން ޖަލްދުކުރުމަށް ހުކުމު ކުރެވޭނެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ރޭޕްކޮށް ޖިންސީ ގޯނާކުރާ މައްސަލަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ ވަނީ ބަންގުލަދޭޝްގެ މީހަކު ހައްޔަރުކޮށްފައެވެ.