ޕްރިންޓް ކޮށްފައި ހުންނަ ކަރުދާސް ކޮންސަލްޓޭޝަން މެމޯ ދޫކުރުން ހުއްޓާލަން އޭޑީކޭއިން ނިންމައިފި އެވެ.
އޭޑީކޭ އިން ބުނީ ކަރުދާސް މެމޯ ދޫކުރުން ހުއްޓާލަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.
އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ މޯބައިލް ނަންބަރަށް އޭޑީކޭގެ ކޮންސަލްޓޭޝަން މެމޯ ލިބޭ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރު އެކެއްވާ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަރުދާސް ކޮންސަލްޓޭޝަން މެމޯ ދޫކުރުން އެއްކޮށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި އަންގާރަ ދުވަހުން ފެށިގެން މެމޯ ދޫކުރާނީ ޑިޖިޓަލްކޮށް، އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އޭޑީކޭގައި ޕްރިންޓް ކުރުމާއި ކަރުދާސް ބޭނުން ކުރުން މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެސްއެމްއެސް މެދުވެރިކޮށް ކޮންސަލްޓޭޝަން މެމޯ ފޮނުވުމަށް ނިންމާފައިވާ ނިންމުމަކީ މި މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް އައްފާލް ވިދާޅުވި އެވެ.
އައްފާލް ވިދާޅުވީ މި ނިންމުމާ ގުޅިގެން އޭޑީކޭ އިން ހިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުރިން މެމޯ ހެއްދުމަށް ހޮސްޕިޓަލަށް ގޮސް ފައިސާ ދައްކަން ހޭދަވާ ވަގުތު ސަލާމަތް ވާނެ ކަމަށާއި، ހޮސްޕިޓަލަށް ދިއުން މަދު ކުރެވޭ ކަންވެސް އައްފާލް ފާހަގަ ކުރެއްވިއެވެ. ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓު ހަދައި، މޯބައިލް ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން ފޯނަށް މެމޯ ލިބޭނެ ކަމަށާއި، މިކަމުގެ ސަބަބުން ވަގުތުތަކެއްވެސް ސަލާމަތް ކުރެވޭނެ ކަމަށް އައްފާލް ފާހަގަ ކުރެއްވިއެވެ. އަދި މި ގޮތަށް އަމަލު ކުރެވެން ފެށުމުން ކޮންމެ ފަހަރަކު ފައިސާ ދެއްކުމަށް ކައުންޓަރަށް ދާން ނުޖެހޭނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
މިހާރު ޑިޖިޓަލް މެމޯ ދޫކުރަން ފެށީ ހަމައެކަނި ކޮންސަލްޓޭޝަނަށް ކަމަށާއި، ކުރިއަށް އޮތްތާގައި މެމޯ ދޫކުރުމުގެ ކަންކަން މުޅިން ޑިޖިޓަލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްފާލް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އޭޑީކޭއިން އެސްއެމްއެސް މެދުވެރިކޮށް ކޮންސަލްޓޭޝަން މެމޯ ފޮނުވުމަށް ނިންމާފައި ވުމުން ހޮސްޕިޓަލުން ހިދުމަތް ހޯދާއިރު، އޭޑީކޭގައި ރަޖިސްޓްރީ ކޮށްފައިވަނީ ސައްހަ ނަންބަރެއްތޯ ބަލައި ޔަގީން ކުރުމަށް އައްފާލް އެދިވަޑައިގެންނެވިއެވެ.
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް