ކޮނޑުހުޅު ބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގެ ދިވެހި ދެ ޑޮކްޓަރުންކޮށްފިއެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓުމަންޓުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރުން ކަމަށްވާ ސީނިއާ ކޮންސަލްޓެންޓު އޯތޮޕީޑިކްސް ޑރ. މުހައްމަދު މިޝްވާރު އަޝްފާގާއި ކޮންސަލްޓެންޓު އޯތޮޕީޑިކް ސްޕޯޓްސް އެންޓް ޓްރޯމާ އާތުރޮސްކޯޕިކް ސާޖަން ޑރ. މުހައްމަދު ރައްޒާން ރަމީޒު އިސްކޮށް ތިއްބަވައިގެންނެވެ.

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުގައި ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް މީގެކުރިން ކުރިއަށް ގެންދަނީ މެލޭޝިޔާ އާއި ތައިލެންޑު ފަދަ ގައުމުތަކުން ތަޖުރިބާކާރު ޑޮކްޓަރުން ގެނެސްގެން ކަމަށެވެ.

މި ކާމިޔާބު އޮޕަރޭޝަނަށްފަހު ޑރ. މިޝްވާރު ވިދާޅުވީ ކޮނޑުހުޅު ބަދަލުކުރަން ޖެހެނީ ކޮނޑުގެ މަސްގަނޑު އިރައިގެން ގޮސް ހަރަކާތް ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމުން ތަދު ކެނޑި އާންމު ދިރިއުޅުމުގެ މަސައްކަތްތައް ކުރަން ފަސޭހަވެއެވެ.

ޑރ ވިދާޅުވި ގޮތުގައި ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތަކާ އަޅައި ބަލާއިރު ނިސްބަތުން މަދެވެ.

ޑރ މިޝްވާރު ވިދާޅުވީ އޮޕަރޭޝަނަށްފަހު ހަމަ އެ ދުވަހު އެ ބަލިމީހާގެ އަތް 90 ޑިގްރީއަށް ހިއްލައި ހަރަކާތް ކުރެވުނު ކަމަށެވެ.

އެ ހިދުމަތް މިހާރު ކޮންމެ ވަގުތަކުވެސް ހޮސްޕިޓަލުން ލިބޭނެ ކަމަށް ޑރ ރައްޒާން ވިދާޅުވިއެވެ.