މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން ދޭހަވަނީ ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރުކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމާ ގުޅިގެން، ރޭ ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ހާލަތު ގޯސްވެފައިވަނީ ސަރުކާރުގެ ސަބަބުން ކަމަށެވެ.

"ބޭރުގެ ސަފާރާތެއް ކައިރީގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން ދޭހަވަނީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު. ގައުމުގެ ހާލަތު މިހިސާބަށް މިިދިޔައީ ސަރުކާރު ބަލިކަށިވުމުން. ރައްޔިތުން ވަނީ ތަދުމަޑުކަމާއެކު ހާލުގައި ޖެހިފައި." ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން އިންޑިއާ ހައި ކޮމިޝަންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ފުލުހުންނެވެ.

އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން އަދި ބުނެފައެއް ނުވެއެވެ.

އިންޑިއާ ހައި ކޮމިޝަންގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށްފައިވާ އިރު، އިންޑިއާއަށް އަމާޒުކޮށް މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މާލޭގައި ސައިކަލް ބުރެއް ބާއްވައިފައެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި ކުރިއަށްގެންދިޔަ މި އެއްވުމުގެ ބޭނުމަކީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުން ހުއްޓުވުން ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރުން އިއްޔެރޭގެ ވަގުތެއްގައި ވަނީ ހެންވޭރުގައި ހުރި ކެފޭއެއްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތެވެ.