ކޮވިޑް 19 އަށް ޕޮޒިޓިވްވާ ކުޑަކުދިންނަށް ގިނައިން ފަރުވާދޭން ޖެހެނީ ޑީހައިޑްރޭޓް ވީމަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް 110 ކުއްޖަކު ދިހަ ތަނެއްގައި ވަކިން ބަލަމުންގެންދާ ކަމަށެވެ. އަދި އެކުދިންނަށް ގިނައިން ފަރުވާދޭން ޖެހެނީ ޑީހައިޑްރޭޓް ވީމަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ތެރޭގައި އެއް އަހަރު ނުވާ އަށް ކުދިން ހިމެނޭ އިރު، ކޮވިޑަށް ޕޮޒިޓިވް ނުވާ ދިހަ ކުއްޖަކުވެސް ވަކިން ބެހެއްޓެން ނެތުމުން އާއިލާއިން އެދިގެން އެތަންތަނުގައި ބަލަމުން އަންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕޮޒިޓިވްވެފައިވާ ބައެއް ކުޑަކުދިން އާއިލާއާ ވަކިނުކޮށް، ގޭގައިވެސް އެބަތިބި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 104 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެއާއެކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 7329 އަށް އަރައިފައެވެ.