ބޮޑުތަކުރުފާނު މަގު، ހ. ކެފޭ ޓިއޯލޯ ހިންގި އިމާރާތުގައި ރޭ ރޯވި އަލިފާންގަނޑު ފެތުރި އެ އިމާރާތާއި، އިން ވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގ ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހ. މެރިންޑްރީމުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްތަކުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެ ހާދިސާއާ ގުޅިގެން މެރިންޑްރީމު ބިލްޑިންގްގައި ހުންނަ އޭޓީއެމްތަކުގެ ހިދުމަތް ހުއްޓާލައިފިކަމަށްބުނެ، އެ ބޭންކުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހ. މެރިންޑްރީމްގައި ހުންނަ އެ ބޭންކުގެ އޭޓީއެމް ސެންޓަރު ބަންްދުކޮށްފައިވާ ކަމަށެވެ. އެ ތަނުގައި ޑޮލަރު އޭޓީއެމް ވެސް ބަހައްޓާފައި ހުރެ އެވެ

ނަމަވެސް އެ ސެންޓަރު ބަންދުކުރީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

ބީއެމްއެލްއިން ބުނީ އެ ސެންޓަރު ބަނދު ކުރި ނަމަވެސް މާލޭގައި ހުރި އެ ބޭންކުގެ އެހެން އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން އަދި އެހެން މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް ކެތްތެރިކަން ދެއްވުމަށާއި، ހުރިހާ ބޭފުޅުންގެ ރައްކާތެރިކަމަށް އެދޭކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި ސްޓޭޓްބޭންކް އޮފް އިންޑިޔާ ހުރި ބިލްޑިންގ ގައި ހުރި، އުރީދޫ ހެޑް އޮފީހަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.