ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަސޭހައިން ބަލައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި، ޔޫއެންއޯޑީސީން އެމްއެންޑީއެފްއަށް ހަދިޔާކުރި ސާމާނާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހަވާލުވެ ވަޑައިގެންފިއެވެ.
މިކަމާބެހޭ ރަސްމިއްޔާތު ބާއްވާފައި ވަނީ، ވިލިމާލޭގައި ހުންނަ، އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައެވެ.
އެ ރަސްމިއްޔާތުގައި މިތަކެތި އެމްއެންޑީއެފް އާއި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީއެވެ. މިއީ ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.
އެމްއެންޑީއެފުން ބުނީ އެ ވަސީލަތްތައް ނޭޝަނަލް މެރިޓައިމް އިންފޮމޭޝަން ފިއުޝަން ސެންޓަރުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަސޭހައިން ބެލެވޭނެ ކަމަށާއި، ކަނޑުމަތީގައި ސަލާމަތްތެރިކަމާއި ގުޅުންހުރި ކަންކަން ރަނގަޅުވެ، ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް އިތުރައް ހަލުވިވެ، ހަރުދަނާވެގެން ދާނެ ކަމަަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މި ވަސީލަތްތަކުގެ ސަބަބުން ކަނޑުމައްޗާއި ގުޅުންހުރި އެކިއެކި މުއައްސަސާތަކާއި ދެމެދު މުވާސަލާތީ ގުޅުން އިތުރަށް ބަދަހިވެ، މައުލޫމާތު ހިއްސާ ކުރުން އަވަސް ވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިތަކެއްޗާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ޖަޕާނުގެ އެހީގައި ޔޫއެންއޯޑީސީން ފޯރުކޮށްދިން މިއެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ބޭނުންކުރި އުޅަނދުފަހަރަކީ، ޖަޕާނު ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވާ ސާމާނާއި އުޅަނދު ފަހަރުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު