”ބްލެކް ޕެންތާ" އިން ގިނަ ބައެއްގެ ސަޕޯޓް ހޯދި ޗެޑްޗިކް ބޯސްމަން މަރުވެއްޖެއެވެ.

އުމުރުން 43 އަހަރުގެ ބޯސްމަން މަރުވީ ކެންސަރު ބައްޔަށް ހަނގުރާމަ ކުރަމުން ދަނިކޮށް އިއްޔެ އެވެ. އޭނާ މަރުވީ ލޮސް އެންޖަލްސްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި އާއިލާއާއި އަނބިދަރިީންގެ ގާތު ހުއްޓައެވެ.

ބޯސްމަން ގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2016 ވަނަ އަހަރު ބޯސްމަން އަށް ކޮލޮން ކެންސަރު ޖެހި އޭރު އޭނާ ހުރީ ތިންވަނަ ސްޓޭޖްގައި ކަމަށެވެ. ހަތަރު އަހަރު ކެންސަރު ބައްޔަށް ފަރުވާ ކުރުމަށްފަހު އޭނާ މަރުވިއިރު ބޯސްމަން ހުރީ ހަތަރުވަނަ ސްޓޭޖްގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.

ބޯސްމަން އަކީ ވަރަށް ހިތްވަރު ގަދަ މީހެއް ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ހުރިހާ ކަމަކާއި ކުރިމަތި ލަމުން ބޯސްމަން އޭނާގެ ސަޕޯޓަރުންނަށް ރީތި ފިލްމުތަކެއް ދޫކުރި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.