މެކޯލީ ކަލްކިން އޭނާގެ މަޝްހޫރު ރޯލު ކަމަށްވާ ކެވިން މެކާލިސްޓާގެ ގޮތުގައި އެނބުރި އަންނަ "ހޯމް އެލޯން" ފިލްމު ސީރީޒްގެ އާ ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް ޑިޒްނީން ފަށައިފިއެވެ.
މި ފިލްމަކީ 46 އަހަރުގެ މެކޯލީ ކަލްކިން ޑިޒްނީއަށް ހުށަހެޅި ޚާއްސަ ޚިޔާލެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔެ ޕްރޮޑިއުސްކުރުމުގައި މަޝްހޫރު ކޮމެޑީ ލިޔުންތެރިން ކަމަށްވާ ސެތު ރޯގަން އާއި އީވާން ގޯލްޑްބާގް ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
އާ ފިލްމުގައި ފެނިގެންދާނީ ބޮޑުވެ، ބައްޕައަކަށްވެފައިވާ ކެވިން މެކާލިސްޓާގެ ދިރިއުޅުމެވެ. ވާހަކަ ބިނާވެފައިވަނީ މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން ކެވިންއާއި އޭނާގެ ދަރިފުޅާ ދެމެދު އުފެދޭ މައްސަލަތަކެއްގެ ތެރެއިން، ދަރިފުޅު ގޭގެ ދޮރުތައް ބަންދުކޮށް ކެވިން ގެއަށް ނުވަދެވޭގޮތް ހެދުމުން ހިނގާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ.
1990 ވަނަ އަހަރު ނުކުތް "ހޯމް އެލޯން" ފުރަތަމަ ފިލްމުގައި 8 އަހަރުގެ ކެވިން މެކާލިސްޓާގެ ރޯލުން މެކޯލީ ކަލްކިން ވަނީ ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. އޭގެ ފަހުން 1992 ވަނަ އަހަރު ނުކުތް "ހޯމް އެލޯން 2: ލޮސްޓް އިން ނިއުޔޯކް" އަށްފަހު އޭނާ އެ ފްރެންޗައިޒްގެ ފިލްމަކުން ފެނިފައެއް ނުވެއެވެ.
"ހޯމް އެލޯން" ސީރީޒްގެ އިތުރު ފިލްމުތަކެއް އޭގެ ފަހުން ނުކުތް ނަމަވެސް، މެކޯލީ ކަލްކިން ނުހިމެނޭ އެ ފިލްމުތަކަށް ފުރަތަމަ ދެ ފިލްމަށް ލިބުނު ފަދަ ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ޑިޒްނީ ޕްލަސްއިން ނެރުނު "ހޯމް ސުވީޓް ހޯމް އެލޯން" އަށްވެސް ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
މި އާ ފިލްމަކީ 30 އަހަރަށްވުރެ ގިނަ ދުވަސްފަހުން މެކޯލީ ކަލްކިން އަލުން މި ފްރެންޗައިޒަށް އެނބުރި އަންނަ ފުރަތަމަ ފަހަރެވެ.
ކޮމެންޓް