އެމަނިކުފާނުގެ ސަރުކާރުގެ ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު "ލޭ އޮހޮރުވާލާ" ވާހަކަ ދެއްކެވުމުން ހައިރާންވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީ ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ދިވެހި ރައްޔިތުން ދިވެހި ގައުމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް އުނިކަމެއް އަޔަ ނުދޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް އުނިކަމެއް އަޔަދޭނެ ބައެއް ނޫން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ލޭއޮހުރުވާލައިގެންވެސް ދިވެހިރާއްޖެ ސަލާމަތް ކުރުމަށް އަބަދުވެސް ތިބޭނީ ތައްޔާރަށް،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

ރައީސް ވަހީދަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މުޒާހަރާފައި "ލޭ އޮހޮރުވާލާ" ވާހަކަ ދެއްކެވުމުން ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ.

"ފެބުރުއަރީ ހަތެއްގައި ލޭ އޮހޮރުވުމަކަށް ނުދިޔައީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވީމަ. ހަތިޔާރު ނަގަން ހުއްދަ ނުދީމަ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވަނީ ސަރުކާރުގެ ނާގާބިލުކަމާއި ސަރުކާރުން ކުރާ ކަންތައްތަކުން ލިބެމުން އަންނަ ގެއްލުންތަކާ ގުޅިގެން ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި ކަމަށް ވިދާޅުވެފައެވެ. ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ފެންނަމުންދަނީ ސަރުކާރުން އަދާކުރަންޖެހޭ ވަޒީފާ އާއި ވާޖިބު އަދާ ނުކުރެވޭ މަންޒަރު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ނާގާބިލުވެފައި ތިބި މަންޒަރު. އެހެންވެގެން ޒުވާނުން އެ ނުކުތީ. ޒުވާނުންގެ ވާހަކައަކީ "އިނަފް އިސް އިނަފް" އޭ. ދެން ރައްޔިތުންނަށް ކެތެއް ނުކުރެވޭނޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔައިރު ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް މި ސަރުކާރުން މިހާތަނަށް ކޮށްދީފައި ނުވާ ކަމަށެވެ.