ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އާންމު ފަރާތްތަކުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އަލިފާން ފުރަތަމަ ރޯވެފައިވަނީ ޓީއޯލޯ ކެފޭގައެވެ. ދެބުރިއަށް ހުންނަ އެ ކެފޭ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު އިމާރާތުގައިވެސް މިހާރު ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައިފައެވެ.

އެޗްޕީއޭއިން ބުނީ ބޮޑުތަކުރުފާނު މަގުގައި އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ހުރި ގެތަކަށް ދުން ނުވަންނާނޭހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

"ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ،" އެޗްޕީއޭއިން ބުންޏެވެ.

އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިޔުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެސަރަހައްދުގައި ހުރި އިމާރާތްތަކުގެ މީހުން ހުސްކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

އެ ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ ކަމަށް އެ ސަރަހައްދުގައި މި ވަގުތު ތިބި ވަންގެ ނޫސްވެރީން ބުނެއެވެ.