ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޮންޖުގައި ރައީސް ނަޝީދު އިންނެވި ފޮޓޯއަކާއެކު އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، ރައީސް ނަޝީދު ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް މިއީ ކޮންކަމަކަށް ކުރައްވާ ދަތުރުފުޅެއް ކަމެއް އެމްޑީޕީއަކުން ވެސް އަދި ރައްޔިތުންގެ މަޖިލީހަކުން ވެސް ހާމައެއް ނުކުރެ އެވެ. އަދި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް ބުނެފައެއް ނުވެ އެވެ.

ރައީސް ނަޝީދު އެންމެ ފަހުން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިންނެވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ރަސްމީ ދަތުރުފުޅެއްގައި އެފަހަރު ވަޑައިގެންނެވީ އިންޑިއާ އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަދި ނުނިމެ އެވެ. އެގޮތުން އިއްޔެ ޗުއްޓީއަށް ދިއުމަށް މީގެ ކުރީން ނިންމާފައި އޮތް ނަމަވެސް ދައުރު ނިންމާލުމުގެ ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ވަނީ ފާސްކޮށްފަ އެވެ. އެ ދުވަހުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަކަށް ދާނެ އެވެ. އަދި އަލުން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު އެވެ.