ހުއިފިލަނޑާގެ ދެ ބާވަތް ކަމަށްވާ ކަޅު ބަޓު އަދި ހުދު ބަޓު އެކްސްޕޯޓުކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ (ސައިޓީސް) މުއާހަދާއިން އޮގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 18) ގައި ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެ މުއާހަދާގެ ޖަދުވަލު ދޭއްގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ދެބާވަތުގެ ހުއިފިލަނޑާއާ މެދު އަމަލުކުރާނީ ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭއްގައިވާ ގޮތުގެ މަތިން ކަމަށެވެ. އެ މުއާހަދާގެ ޖަދުވަލު ދޭއްގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފިނަމަ، އެ ބާވަތެއް ވިޔަފާރި އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދެވޭނީ، އެކްސްޕޯޓުކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ސައިޓީސް ޕާމިޓަކާއެކުގައެވެ.
މެނޭޖްމަންޓް އޮތޯރިޓީއަށް ސައިޓީސް ޕާމިޓް ދޫކުރެވޭނީ އެކްސްޕޯޓް ކުރާ ގައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ" އިން ތައްޔާރުކުރާ ނޮން-ޑެޓްރިމަންޓަލް ފައިންޑިން (އެންޑީއެފް) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެ ބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުން ކަމަށްވެސް އިއުލާނުގައިވެއެވެ. އަދި ސައިންޓިފިކް އޮތޯރިޓީއިން ހަދާ އެެންޑީއެފް އަކުން އެބާވަތުގެ ދިރޭތަކެތީގެ ނަގާ މިންވަރުގެ ސަބަބުން އެ ބާވަތެއްގެ އާބާދީއަށް ގެއްލުންތަކެއްވާ ކަމަށް ދައްކާނަމަ، އެބާވަތެއް އެކްސްޕޯޓް ކުރުމަށް ސައިޓީސް ޕާމިޓް ދޫކުރުމަކީ މެނޭޖްމަންޓް އޮތޯރިޓީއަށް ކުރެވޭނެކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ހުދު ބަޓު އަދި ކަޅު ބަޓު ޖަދުވަލު ދޭއްގައި ހިމެނުމަށް ސައިޓީސް މުއާހަދާއިން ފާސްކުރުމާ ގުޅިގެން ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު (އެމްއެމްއާރުއައި) އިން ވަނީ އެ ދެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް، މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށެވެ.
މި އެންޑީއެފް އިން ނިންމާފައިވަނީ މި ދެބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި މިހާރު ކުރާ މިންވަރުން (ހާވެސްޓް ކުރާ މިންވަރުން) އެ ދެބާވަތުގެ އާބާދީ (ސްޓޮކް) އަށް ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިންމުމާ ގުޅިގެން 28 އޮގްސްޓް 2020 ވަނަ ދުވަހުން ފެށިގެން ނަގާ (ހާވެސްޓްކުރާ) ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެކްސްޕޯޓު ކުރުމަށް ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް ދޫނުކުރާނެ ކަމަށެވެ. އަދި މި ދެ ބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓް ދޫކުރަން ފަށާނީ އެ ދެބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއް ކަމަށް ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ އެންޑީއެފް އަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް ސުރުހީގައި "ސައިޓީސްއާ ގުޅޭ" މިގޮތަށް ލިޔުމަށްފަހު އީމެއިލް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު