އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗާ ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)"ގައި ސޮއިކުރުމަކީ އޭގެ ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ، އެ މުއާހަދާގައި ބައިވެރިނުވުމަށް އިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
އޯޕީއައިސީއީއެސްސީއާރުގައި ބައިވެރިވުމަށް މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ އިރު، އެ މުއާހަދާ ތަސްދީގުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ ރުހުންދީފައެވެ.
ޑރ. އިޔާޒް އާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް (އެފްއެލްއައިއެސް)ގެ ޑީން އައްޝައިހް އަލީ ޒާހިރާއި ޖަމިއްޔަތުއްސަލަފްގެ ރައީސް އަބްދުﷲ މުހައްމަދާއި އައްޝައިހް އިބްރާހީމް ފަރީދު ސޮއިކުރައްވައި ފޮނުއްވާފައިވާ މި ސިޓީގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ބައިވެރިވާން ފާސްކޮށްފައިވާ ބައިނަލްއަގުވާމީ ކަލްޗަރަލް ކަންކަމަށް ރާއްޖެއިން ހައްގު ހޯދައިދޭ އެ މުއާހަދާގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލި އިރު، އެކަމުން ކުރާނެ މާލީ އަސަރުތަކާއި ގާނޫނީ އަސަރުތަކާއި އިންސާނީ ހައްގުތަކަށް ކުރާނެ އަސަރުތަކާއި ތިމާވެއްޓާއި އަދި މައުލޫމާތު ދިނުމަށް ކުރާނެ އަސަރާއި މާލީ ޒިންމާއެއް އުފުލަން ޖެހޭނެތޯ ބަލާފައިވީ ނަމަވެސް، އާންމު ރައްޔިތުންގެ އަގީދާއަށް ކުރާނެ އަސަރުތަކާއި ދީނީގޮތުން ކުރިމަތިވާނެ މައްސަލަތަކާ މެދު ކަމާބެހޭ ފަރާތެއްގެ ލަފައެއް ހޯއްދަވާފައިވާކަން ނުވަތަ އެކަމާ މެދު އެއްވެސް މިންވަރަކަށް ކަމާބެހޭ ކޮމިޓީންވެސް ބައްލަވާފައިވާކަން އެނގޭކަށް ނެތެވެ.
އޭގެ އިތުރުން އިސްލާމީ ގައުމުތަކުން އޯޕީއައިސީއީއެސްސީއާރު ތަސްދީގުކުރުމަށް އިންކާރު ކުރަމުންދާކަމާއި، އަދި ކޮންމެހެން އޭގައި ބައިވެރުވުމުގެ ބޭނުމެއް ނުވަތަ އެއަށް އަމަލުކުރުމުގެ މަޖުބޫރުކަމެއް އަދި ރައްޔިތުންގެ މަސްލަހަތެއް ވެސް އޭގައި ނެތް ކަމަށް ފާހަގަވާ އިރު، އެފަދަ ޕްރޮޓޮކޯލަކަށް އަމަލުކުރުން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ލާޒިމުކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ދެންނެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތް ކަމަށް ވެސް އިލްމުވެރިންގެ ގުޅުމުގެ ސިޓީގައި ބުނެފައިވެއެވެ.
"އެ މުއާހަދާގައި ސޮއިކޮށްފި ނަމަ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދެމި މިއޮތް އިސްލާމީ އުސޫލުތަކަށާއި ދިވެހި ގައުމުގައި އޮތް ރިވެތި ހަރުދަނާ އިސްލާމީ ސަގާފަތަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރަކަށް މި ޕްރޮޓޮކޯލް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެއާއެކު، ބިދޭސީންގެ ސަގާފަތް އާލާކުރުމުގެ ނަމުގައި އަރަބި އިސްލާމީ ގައުމުތަކުގައި ބޮޑެތި ބަގުވާންތައް ބަހައްޓައި ކުފުރާއި ޝިރުކުގެ ބުދު ފައްޅިތައް ބިނާކޮށް، އިސްލާމީ ބިންތަކުގައި ޝިރުކުގެ އަނދިރިކަން ފަތުރަން ފަށާފައިވާ ތަން ފެންނަން އެބައޮތެވެ..،" އިލްމުވެރިންގެ ގުޅުމުން ރައީސަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެހެން ދީންތަކުގެ ސަގާފަތަށް ޖާގަ ދިނުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މުޅި ހަޔާތްފުޅު އެކަމަކާ ދެކޮޅަށް ގުރުބާން ކުރެއްވި ޝިރުކުގެ ނާމާންކަން އެންމެހައި އިސްލާމީ ބިންތަކުގެ ތެރެއަށް ވައްދަން މަސައްކަތްކުރަމުން އަންނަ މީހުންނަށް ރާއްޖޭގައި ވެސް ފައްޅިތަކާއި ބުދުކޯލުތައް އެޅުމަށް ދެވޭ ދައުވަތެއް ކަމުގައި ވެގެން ދިއުމުގެ ބިރު އޮތް ކަމަށެވެ.
"އޯޕީއައިސީއީއެސްސީއާރު" އަކީ "އައިސީސީއެސްސީއާރު" ގެ ދަށުން ކަށަވަރުކޮށްދޭ އިގުތިސާދީ، އިޖުތިމާއީ، އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން ކަމާބެހޭ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިބިދޭ މުއާހަދާއެކެވެ.
އެ މައްސަލަ މަޖިލީހަށް ފޮނުވަމުން ރައީސް އޮފީހުން ބުނެފައިވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވާތީ، އެންމެ ފުރިހަމަ މާނައިގައި އައިސީސީއެސްސީއާރު އަށް އަމަލުކުރުމަށްޓަކައި އެ މުއާހަދާ ތަސްދީގުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އޯޕީއައިސީއީއެސްސީއާރު" މުއާހަދާ ފާސްކޮށްފައިވަނީ އދ. ގެ އާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި އެ މުއާހަދާގައި ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ 24 ސެޕްޓެމްބަރު 2009 ގައެވެ. 21 ސެޕްޓެމްބަރު 2011 ގައި ދިވެހިރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައވީ ނަމަވެސް އަދި މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދާ ހަމައަށް އެ މުއާހަދާ ތަސްދީގުކޮށްފައިވަނީ މުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު