ރާއްޖޭގައި ހިންގާ އޮންލައިން ވިޔަފާރިތައް ވެބްސައިޓެއްގެ ޒަރިއްޔާ އިން ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ މޯލްޑިވްސްއާއި ބިޒްނަސް ސެންޓަރު ގުޅިގެން ކުދި އޮންލައިން ވިޔަފާރިތަކަށް އެހީތެރިވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ބީސީސީން ބުނީ އެ މަސައްކަތްތަކުގެ ތެރެއިން އަޒަރުބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫއެންޑީޕީ އަޒަރުބައިޖާންއާއެކު ވެވުނު ޕާޓްނަޝިޕެއްގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން "ލިސްޓިން ވެބްސައިޓެއް" ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ބީސީސީން ބުނީ، މި ވެބްސައިޓްގެ ޒަރިއްޔާއިން ކުދި ވިޔަފާރިތަކަށް ވެބްސައިޓުގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތުން ތައުލީމާއި، ސިއްހަތާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމުގެ ހިދުމަތްތަކާއި އަދި މިނޫންވެސް ގިނަގުނަ ހިދުމަތްތައް ދޭ ވިޔަފާރިތަކަށް މި ވެބްސައިޓުގައި ލިސްޓު ކުރެވޭނެ ކަމަށެވެ.

މި ވެބްސައިޓުގައި އޮންލައިންކޮށް ވިޔަފާރިކުރުމަށް ބޭނުންވާ ގިނަ މައުލޫމާތުވެސް ހިމެނޭނެ ކަމަށް ބީސީސީން ބުނެއެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ވެބްސައިޓް ލޯންޗުކުރުމަށް ހަމަޖައްސާފައިވާ އިރު، މި ވެބްސައިޓްގައި ލިސްޓު ކުރަން ބޭނުންވާ އޮންލައިން ވިޔަފާރިތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ފުރަތަމަ ބެޗްގައި ރެޖިސްޓާ ކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 15:00 އެވެ. ވެބްސައިޓު ލޯންޗުކުރުމަށްފަހުވެސް ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އޮންލައިން ރެޖިސްޓްރޭޝަން ލިންކް: https://forms.gle/cbtEw23RwfYSMNUt5