ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލަންވީ ވަގުތު ޖެހިއްޖެ ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ނެރެފައިވާ "ސޭފް ޓުއަރިޒަމް ގައިޑްލައިން"ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވައިލަން ނިންމާފައިވަނީ މިމަހު ތެރޭގައެވެ. ނަމަވެސް ސަރުކާރުން ވަނީ ގެސްޓް ހައުސްތައް ހުޅުވުން އަންނަ މަހަށް ފަސްކޮށްފައެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރުމަށް "އެފޯޑެ"އް ނުކުރެވޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށެވެ. އަދި ގެސްޓް ހައުސް ދާއިރާ އަދިވެސް ނުހުޅުވޭ ކަމަށާއި އެސެކްޓާ އަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުންނެވީ ގެސްޓް ހައުސްތައް ވީހާވެސް އަވަހަކަށް ހުޅުވުމަށް ކަމަށާއި އިރުޝާދުތައްވެސް ހުރީ ވީހާވެސް އަވަހަކަށް ހުޅުވުމަށް ކަމަށެވެ. އޭނާ ވެސް މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަށް ގެސްޓް ހައުސްތައް ހުޅުވައިލުމަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ޓީމުގެ ބޭފުޅުންނާ މަޝްވަރާކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް ގިނަ ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ތާރީހުތައް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދަންނަވާކަށް ނެތް ކޮން ދުވަހަކުން ކަމެއް ހުޅުވޭނީކީއެއް، ސަރުކާރަށް ވިސްނޭ، ހިތުގެ އަޑިން ގަބޫލު ކުރޭ ގެސްޓް ހައުސްތައް ހުޅުވަން ވެއްޖެކަން. އެހެންކަމުން އެމަގަށް އަޅުގަނޑުމެންގެ ޕްލޭންތައް، މަޝްވަރާތައްވެސް މިހުރީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ތާރީހުތައް ލިބިގެންދާނެ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އެންމެ ބޮޑަށް ފެން ބޮވައިގެންފައިވާ ކަމަކީ ގެސްޓް ހައުސްތައް ހުޅުވާނެ ތާރީހަކަށް ކަމަށާއި މަސައްކަތްތައް ހުރީ އެމަގަށް ކަމަށެވެ.

"ގެސްޓް ހައުސްތަކުން ޓޫރިޒަމް ޗެއިންގައި ދިވެހިން ހުރިހާ ހިސާބުގައި އެބަ ބައިވެރި ކުރުވާ. ގެސްޓް ހައުސް އޯނާޝިޕްގައި، އެތާ މުވައްޒަފުންގެ ގޮތުގައި، ގެސްޓް ހައުސްއާ ގުޅިގެން ރަށުގައި ހިންގޭ އެހެން ޓޫރިޒަމްގެ ހަރަކާތްތައް، އަނބިދަރިން ކައިރީގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު، މިހުރިހާ ކަމެއް ހުރީތީ އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތު އަޅުގަނޑުމެން ހިންގަން އެބަޖެހޭ. އެހެންނަމަވެސް އަދިވެސް ތާރީހެއް ނުލިބޭ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާއާއެކު އެކުލަވައިލެވޭ ގައިޑްލައިންތައް ފުރިހަމައަށް އަމަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކައުންސިލްތަކާއި ރައްޔިތުންގެވެސް އެއްބާރުލުމާއި ތާއީދު ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.