ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ކުރައްވާފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ބަހެއް ވިދާޅުވަން ބޭނުންފުޅު ނުވާ ކަމަށް މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން، އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ޓޫރިޒަމް މިިނިސްޓަރު ޑރ. އަބުދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް އެކަމުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މައުސޫމުގެ ހުވަޔާ މެދު ބައެެއް މެންބަރުން ސުވާލު އުފެއްދެވުމުން، މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި އެ މައްސަލަ އަލުން ބެލުމަށް، މަޖިލީހުން ފާސްކޮށް އަނބުރާ ކޮމިޓީއަށް ފޮނުއްވައި ލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މައުސޫމުގެ ހުވަޔާ މެދު ސުވާލު އުފައްދަވައި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ އޭނާގެ ސީވީއަކީ ކޮންމެ މީހަކަށް ވެސް ފެންނާނެހެން "ޖައްވަށް ދޫކޮށްލާފައި" އޮންނަ އެއްޗެއް ކަމަށެވެ. މިވަގުތު ކުރައްވާ މަސައްކަތްތައް އެއިން ފެންނަން އޮންނާނެ ކަމަށެވެ.
"އަޅުގަނޑު ސީވީއަކީ ޖައްވަށް ދޫކޮށްލާފައި އޮންނަ ސީވީއެއް އިނގޭތޯ. ތިޔަ ބޭފުޅުން ލިންކްޑިން ބަލައިލިޔަސް ފޭސްބުކް ބަލައިލިޔަސް އަޅުގަނޑުގެ ސީވީއާއި އެއްޗެހި ފެންނަން ހުންނާނެ. އަޅުގަނޑުގެ ސީވީގައި އެ ހުރީ އަޅުގަނޑު ކުރާ މަސައްކަތްތަކާއި ހުރިހާ އެއްޗެއް ލިޔެފައި،" މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސުވާލަކަށް ޖަވާބެއް ދެއްވަން ބޭނުން ނުވާ ކަމަށާއި އޭނާގެ ސީވީއަށް ޔަގީނުން ވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑު ސީވީ ބައްލަވައިލައްވާ. ބައެއް ކަންކަން ހުންނާނެ އިދާރީ ގޮތުން ކިހިނެއްތޯ ކަމެއް ގޮސްފައި އޮތިއްޔާ އޭގެ އަސްލާ އެ ހުރިހާ އެއްޗެއް އޮންނާނެ. އަޅުގަނޑު ތިކަމާ ގުޅޭގޮތުން ކޮމެންޓެއް ނުކުރާނަން. އަޅުގަނޑުގެ ސީވީ ޔަގީނުން ވެސް ލިންކްޑިންގައި ބަދަލެއް ނުކުރަން. މިފަހުން ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެފައި އެކަން ބަދަލުކޮށްލާފައި ހުންނާނެ،" މައުސޫމް ވިދާޅުވިއެވެ.
މަޖިލީހުން އަނބުރާ ފޮނުވާލުމުން އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްދިޔަ ބަހުސްގައި މައުސޫމު އަލުން މިނިސްޓަރުކަމުގެ ހުވައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ.
އޭނާ ވިދާޅުވީ، މައުސޫމު މިނިސްޓަރުކަމުގެ މަގާމުުގެ ހުވައި ކުރެއްވިއިރު، ހުންނެވި ވިޔަފާރީގެ މަސްލަހަތު ހިމެނޭގޮތުގައި ކަމަށް ހިމެނޭތީ އާއި ކޮމިޓީން މައުސޫމަށް ރުހުން ދިން އިރު އެ މަސްއޫލިއްޔަތުން ވަކިވެފައިވީ ނަމަވެސް އެ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއަށްދިޔައިރު، ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ގާނޫނުއަސާސީގެ ރޫހު ހިފެހެއްޓުމުގެ ގޮތުންނާއި އެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް މައުސޫމު އަލުން މަގާމުގެ ހުވައި ކުރުމަށް ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ހުށަހަޅާ ކަމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ. އެގޮތަށް ކޮމިޓީން ފާސްކުރި އަށް މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މައުސޫމު އަލުން ހުވައިކުރަން ލަފާއަރުވަން ދެކޮޅު ހައްދަވައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަަރަށް ބޮޑަށް ވާހަކަދެއްކެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު