އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާއިރުވެސް ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ފަރާތްތަކުގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ނިކަމެތިންގެ ހައްގު ގެއްލޭ ގޮތަށް މުވައްޒަފުން ރިޑަންޑެންޓް ކުރެވޭ މަގުފަހިކުރުމަށް ކަމަށެވެ. އަދި ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވިއެވެ.
"އެތައް މަސައްކަތްތެރިންގެ ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައި. އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ނިކަމެތިންގެ ހައްގު ގެއްލޭ ގޮތަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މަލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަން ޖެހުމުގެ ސަބަބުން، 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވޭނެ ކަމަށެވެ.
އެ މާއްދާ އިތުރު ކުރަން ނިންމާފައިވަނީ ވިޔަފާރިތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ގެންނަންޖެހޭ ބަދަލެއްގެ ސަބަބުން މުވައްޒަފުން ވަކި ކުރަންޖެހޭ ހާލަތަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭތީއެވެ.
ވަޒީފާއާބެހޭ ގާނޫނު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށެވެ. އެ ކޮމިޓިީން ވަނީ މައްސަލަ ދިރާސާކޮށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު