ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާތަކެއްޗަށް ޓެސްޓު ކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ނައިބު ރައީސް އައިމިނަތު ނާދިރާ ގޮވާލައްއިފި އެވެ.
ނާދިރާ އެގޮތަށް ގޮވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އެމަނިކުފާނުގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނަށް ޖާބިރު ގުޅުއްވައި ދެއްކެވި ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
ގާތްގަނޑަކަށް 30 ސިކުންތުގެ އެ ވީޑިއޯގައި ޖާބިރު ވަނީ ރައީސް މައުމޫން ފަސްދާނުލުމުގެ ކުރިން އެމަނިކުފާނުގެ ގެ، ކިނބިގަސްދޮށުގެ ދޭން ވާނެ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ވަރަށް އިހުތިރާމް ކުޑަކޮށް ވާހަކަދައްކަވައިފަ އެވެ.
"މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް ޖެހިއްޖެކަމުގެ ހަބަރުތައް އަޑުއަހަމުން މިދަނީ. މަނިކުފާނު ހަނދާން ބަހައްޓައްޗޭ ތަރިކަ މުދަލުން އަޅުގަނޑުގެ ހައްގު ދޭންވާނެ. 29 މިލިއަންކަން ބައްޕަ ނަގާފަ ވަނީ،" ޖާބިރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޖާބިރަށް އަމާޒުވެފައިވާއިރު ނާދިރާ ކުރެއްވި ޓުވީޓެއްގައި ވަނީ ޖާބިރު ހުރި ތަނަކުން ހޯދައި މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.
"މި ގައުމުގައި ބަގުއާވި ބޭނުންކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ފެންނަނީ މިޒާތުގެ މީހުންނާ ހެދި،" ނާދިރާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޖާބިރުގެ ފޯން ކޯލްގެ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ ޣައްސާން ވެސް ވަނީ، އާއިލާއަށް ދިމާވެފައި އޮތް ހާސްކަމުގެ ވަގުތު ޖާބިރުގެ ހަގީގީ ކުލަވަރު ދައްކާލެއްވުމުން ދެރަވެއްޖެ ކަމަށް ވިދާޅުވެފަ އެވެ.
އައިމިނަތު ނާދިރާ
އައިމިނަތު ނާދިރާ