ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަސަރުކޮށްފައިވަނީ ޓޫރިޒަމަށް ކަމަށްވެސް ދިރާސާގައިވެއެވެ.

އެ ދިރާސާއަށް ހުރިހާ ދާއިރާއަކުން ލިބުނު މައުލޫމާތަށް ބަލާއިރު ވަޒީފާއަށް އަސަރުކުރި ކަމަށް ރިޕޯޓުކުރި މީހުންގެ ތެރެއިން 44 ޕަސެންޓު މީހުންނަކީ އާމްދަނީ އެއްކޮށް ހުއްޓުނު މީހުންނެވެ. އަދި 24 ޕަސެންޓް މީހުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލި ކަމަށް ބުނެފައިވާ އިރު، 32 ޕަސެންޓު މީހުންނަކީ މުސާރަ ކުޑަކޮށްގެން ރިޕޯޓުކުރި މީހުންނެވެ.

ޖޮބް ސެންޓަރުގެ ޑޭޓާއިން ދައްކާ ގޮތުގައި 68 ޕަސެންޓް މީހުންގެ މުސާރަ އެއްކޮށް ހުއްޓުނު ކަމަށާއި 38 ޕަސެންޓް މީހުންގެ މުސާރަ ކުޑަކޮށްފައިވާ ކަމަށެވެ.

އާމްދަނީއަށް އަަސަރު ކުރި މީހުންގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. އެގޮތުން އެ ދާއިރާގެ މުވައްޒަފުންނަށް ކޮވިޑްގެ ސަބަބުން ލިބެމުން ދިޔައީ އޭގެ ކުރިން ލިބެމުން އައި އާމްދަނީއަށްވުރެ 70 ޕަސެންޓު ދަށް އަދަދެއް ކަމަށް ދިރާސާއިން ދައްކައެވެ.

އެންމެ ބޮޑަށް އަސަރުކުރީ ޒުވާނުންނާއި ޕްރޮބޭޝަން ކޮންޓްރެކްޓުގައި ތިބި މުވައްޒަފުންނާއި ނުރަސްމީ މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ފްރީލާންސަރުންނާއި ކޮމިއުނިޓީ ވެންޑަރުން އަދި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ކަމަށް ދިރާސާގައިވެއެވެ.

މި ދިރާސާއިން ދައްކާގޮތުގައި އާމްދަނީއަށް އަސަރު ކުރި މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ހިމެނެއެވެ. ވަޒީފާއަށް އަސަރުކޮށްގެން ރިޕޯޓް ކުރި އަންހެނުންގެ އަދަދު މަދެވެ. ނަމަވެސް ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ވަޒީފާތަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ ނެތުމުގެ ޕްރެޝަރު އިތުރުވާވަރަކަށް ޒުވާން އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ހުރަސްްއެޅުމުގެ ފުުރުސަތު އޮތް ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

ވިޔަފާރިތުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މި ވިޔަފާރިތަކުގެ ސަޕްލައި، ސޭލްސް އަދި އާމްދަނީ ހުއްޓުމާއި ކޭޝްފްލޯއަށާއި ވިޔަފާރި ހިންގުމުގެ ހަރަދުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.