ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޗްއާރުސީއެމްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެޗްއާރުސީއެމްގެ ގާނޫނުގައިވާގޮތުގެ މަތިން އެ ކޮމިޝަނަށް ހަތަރު މެންބަރަކު އައްޔަނުކުރެއްވުމަށް ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މައްސަލަ ފޮނުވައި އެކަން އިއުލާނުކުރެވިފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނުކުރުމަށް ރައީސް ނަން ފޮނުއްވާފައިވާ ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 201 ވަނަ މާއްދާގެ (ރ)ގެ ދަށުން އިއުލާނު ކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމްއަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް:
މަރިޔަމް ލައިޒާ، ހ. ފެހި އާލާ
އިބްރާހިމް ޒާހިދު، ލިލީމާގެ/ގދ. ވާދޫ
ޑރ. އަހުމަދު އަދުހަމް އަބްދުﷲ، މއ. މާވެޔޮގެ
އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ/ސ. ފޭދޫ
ހުސައިން އަމުރު، ވ. ރޯޝަން
މުއުމިނާ ވަހީދު، މ.ޖިއެނާ
އަޒްލީމާ އަހުމަދު، ދަފްތަރު ނަންބަރު ރސ. 341-94
މުހައްމަދު ފައުޒީ، ބަހާރުމާގެ/ގއ. ވިލިނގިލި
ރައްޔިތުންގެ މަޖިލީހުން ބުނީ، ރައީސް ފޮނުއްވި ނަންތަކާ ބެހޭ އެއްވެސް ޝަކުވާއެއްވާ ނަމަ އަންނަ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް، [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު