މަސްތުވާތަކެތީގެ މާހައުލުގައި އަންހެނުންނާއި ކުޑަކުދިން ޝާމިލްވާ މިންވަރު ދެނެގަތުމަށް ފުލުހުންނާއެކު ޖެންޑާ މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަސްތުވާތަކެތީގެ މާހައުލުގައި ޝާމިލުވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެފަރާތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަން ލެވެލްގެ ބޭފުޅުންނާއި ޖެންޑާ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވި އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އަންހެނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ މިންވަރާއި އެކަން މަދުކުރުމަށް ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓުމަންޓާއި ކަމާބެހޭ އެހެން މުއައްސަސާތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.