އެއްވެސް ބަޔާނެއް ނުދޭ މީހުންނަށްވެސް ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދީފައި އެބަހުރި ކަމަށް ފްލެޓު ކޮމެޓީން ބުނެފި އެވެ.

ފްލެޓް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ކުރީ ސަރުކާރުން ފެލްޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދިނުމަށް ގެންގުޅެފައިވާ ކްރައިޓީރިއާ ނުވަތަ ޕޮއިންޓު ދީފައިވާ ގޮތުގެ އެއްވެސް ލިޔެކިއުމެއް ފެންނަން ނެތް ކަމަށެވެ.

އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތުގެ ބައިން އެންމެނަށް ޕޮއިންޓު ދީފައި ހުރި ނަމަވެސް، އެކަން ކޮށްފައިވަނީ ކޮން އުސޫލެއްގެ މަތިންކަން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށާއި އެހެންކަމުން ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓު ދިނުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅުމަށް ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯހާ އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ ފޯމާއެކު ހުށަހަޅާ ބަޔާނެއްގެ މައްޗަށް ބިނާކޮށްކަން ފްލެޓްތަކުގެ މަސައްކަތް ކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެނގިފައިވީ ނަމަވެސް، ކޮމިޓީން ބެލިބެލުމުން އެ ބަޔާނުގައި އެއްވެސް އެއްޗެއް ހިމަނާފައިނުވާ މީހުންނަށް ވެސް ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ފުލް ޕޮއިންޓު ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހައުސިންގް މިނިސްޓްރީގެ އޭރުގެ މިކަމުގައި އުޅުނު ބޭފުޅުންނާއި ކޮމިޓީގެ ފަރާތުން ބައްދަލުކޮށް ކުރެވުނު މަޝްވަރާއިން އަޅުގަނޑުމެންނަށް އިނގުނީ އެބޭފުޅުން ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓު ދީފައި ހުރީ، ކޮންމެ އެޕްލިކަންޓެއް ފޯމާއެކު އޮންނާނެ އެޕްލިކަންތުގެ ފަރާތުން ހުށަހަޅަން ޖެހޭ ބަޔާނެއް، އެބަޔާނުގެ މައްޗަށް ބިނާކޮށް ކަމަށް އެމީހުންގެ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓު ދީފައި ހުރީ" ތޯހާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ހަމަޖެހިފައިވާ ކޮންމެ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވެ އެވެ.